14 މާރިޗު 2023 - 11:07 0
ނިމާ ހަސަން
ތ. ގުރައިދޫ
14 މާރިޗު 2023 - 11:07 0
ތ. ގުރައިދޫ ކައުންސިލުގެ ކުރީގެ ރައީސާއި ނައިބު ރައީސަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިޔުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ގުރައިދޫ ކައުންސިލުގެ ކުރީގެ ރައީސް ހުސެއިން އަހަދާއި، ކުރީގެ ނައިބު ރައީސް މުހައްމަދު ސަރާހުގެ މައްޗަށް ދައުވާ ކުރަނީ އިއުލާނު ނުކޮށް އެރަށުން ބިންތަކެއް ދޫކުރި މައްސަލާގަ އެވެ.
އެ ދެ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި، އޭސީސީން ޕީޖީއަށް ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އެމީހުންގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ، ގުރައިދޫ ކައުންސިލުން ބިން ދޫކޮށްފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި އެ ކައުންސިލުން އަމަލުކުރަމުން އައި އުސޫލާއި ހިލާފަށް ކަމަށެވެ.
މި މައްސަލާގައި އެ ކައުންސިލުގެ ކުރީގެ ރައީސާއި ނައިބު ރައީސަށް ދައުވާ ކުރަނީ ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އެ ދެ މީހުން ކަމަށްވާތީ އެވެ. އެހެންކަމުން، ބިންތައް ދޫކުރުމުގައި އެ ދެ މީހުންގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment