Advertisement

އޭޕްރީލް މަހުގެ ނިޔަލަށް ފުވައްމުލައް މަގުތަކުގައި ތާރު އަޅާ ނިމޭނެ: މޭޔަރު

12 މާރިޗު 2023 - 12:18 0

ފުވައްމުލައް ސިޓީ

ނިމާ ހަސަން

ނިމާ ހަސަން

ފުވައްމުލަކުގައި ދާދި ފަހުން ތާރު އަޅާފައިވާ މަގެއް؛ އެތެރޭގެ މަގުތައް ހެދުމަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމެއް -- ފޮޓޯ: މިރާޝް/ އަދަދު


އޭޕްރީލް މަހުގެ ނިޔަލަށް ފުވައްމުލައް މަގުތަކުގައި ތާރު އަޅާ ނިމޭނެ: މޭޔަރު

12 މާރިޗު 2023 - 12:18 0

ފުވައްމުލައް ސިޓީ

އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ފުވައްމުލަކުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަވާލުކޮށްފައިވާ މަގުތަކުގައި ތާރު އަޅާ ނިމޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް "އަދަދު" އަށް ވިދާޅުވީ އެތެރޭގެ މަގުތަކުގެ މައްސަލައަކީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އަދި މަގު ހެދުމުގެ މަޝްރޫއާއެކު އެ ކަންބޮޑުވުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެތެރޭގެ 31 މަގެއް ހެދުމަށެވެ. އޭގެ ތެރެއިން 23 މަގެއްގައި ތާރު އަޅާ ނިމިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު ވިދާޅުވި މިހާތަނަށް އައިއިރު އޭގެ ތެރެއިން 23 މަގުގެ ތާރު އަޅާ ނިންމާފައި ވާއިރު އިތުރު އަށް މަގުގެ ސަބްބޭސް ހެދުމާއި ސްޓޯމްވޯޓާ ޑްރެއިނޭޖް ސިސްޓަމް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި މަގުތަކުގައި ތާރު އެޅުމުގެ ތެރެއިން ވެސް މަގުމަތީގެ ކުރެހުންތައް ކުރެހުމާއި، ބޯޑު ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޖުމްލަކޮށް އޭޕްރީލް މަސް ނިމެންވާއިރަށް ހީވަނީ ހުރިހާ މަގެއްގައި ވެސް ތާރު އަޅާ ނިންމާލެވޭނެ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ؛ އެތެރޭގެ މަގުތަކަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން -- ފޮޓޯ: މިރާޝް/ އަދަދު


އެތެރޭގެ މަގުތަކުގެ މައްސަލައަކީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް ވާއިރު، މިހާތަނަށް ނިމުނު 23 މަގާއެކުވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ރަފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގު ހެދުމުގެ މި މަޝްރޫއު ނިމުމާއެކު، އިތުރު 12 ކިލޯމީޓަރުގެ މަގު ހެދުމަށް ކޮންޓްރެކްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ އިތުރު މަގުތައް ހެދުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ދަނީ އެމްޓީސީސީއާއި މިނިސްޓްރީއާ ދެމެދު ކޮންޓްރެކްޓް ހެދުމުގެ މަރުހަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.