Advertisement

ޗެލްސީ އާއި ބެންފީކާ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް

8 މާރިޗު 2023 - 07:34 0


ޗެލްސީ އާއި ބެންފީކާ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް

8 މާރިޗު 2023 - 07:34 0

ލަންޑަން (މާޗް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެ، ޗެލްސީ އާއި ބެންފީކާ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި ޑޯޓްމަންޑް ދަނޑުގައި 1-0 އިން އެ ޓީމު މޮޅުވި ނަމަވެސް ޗެލްސީން ވަނީ މި އަހަރު ފެށިފަހުން މެޗެއްގައި ފުރަތަމަ ފަހަރަށް ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. ޗެލްސީ ރޭ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. ބެންފީކާ އިން ވަނީ ރޭ ކްލަބް ބްރޫޖް އަތުން 5-1 އިން މޮޅުވެ، ޖުމްލަ އެކު އެގްރިގޭޓަށް ބަލާއިރު، 7-1 އިން ކުރިހޯދައި، ކުއާޓާގެ ޖާގަ ހޯދި ފުރަތަމަ ދެ ޓީމުގެ ތެރޭގައި ހިމެނިފަ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދޭން ކައި ހަވާޓްޒް ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ބޭރުވިއިރު، އޭނާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ވެސް ކަނޑައަޅައިފަ އެވެ. ޑޯޓްމަންޑްގެ ހޫލިއަން ބްރަންޑްޓް އަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހުނުއިރު، އެ ޓީމުގެ ކެޕްޓަން މާކޯ ރެއުސް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި، ޗެލްސީ އަށް ލީޑުނަގައިދިނީ ރަހީމް ސްޓާލިން އެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ސްޓާލިން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ލަނޑެކެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރެއްނުވެ، ޗެލްސީ އަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. މިއީ، ޗެލްސީގެ ބެން ޗިލްވެލް ނެގި ހުރަހެއް ޑޯޓްމަންޑްގެ މާރިއަސް ވޮލްފް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ހަވާޓްޒް ފުރަތަމަ ފޮނުވާލި ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، އަލުން ޖަހަން ޖެހުނެވެ. ދެ ވަނަ ފުރުސަތުގައި ހަވާޓްޒް ވަނީ ޕެނަލްޓީ ގޯލަށް ވައްދާލައިފަ އެވެ.

ފުރަތަމަ ލެގުގައި ވެސް ރަނގަޅު ލީޑެއްގައި އޮތުމުން ރޭގެ މެޗަށް ނުުކުތްއިރު، ބެންފީކާ އަށް ހަމަޖެހިލެވެން އޮތެވެ. އެހެންވެ، މާ ބޮޑު ޕްރެޝަރެއް ނެތި، ބެންފީކާ ވަނީ މޮޅަށް ކުޅެ، ތަފާތު ނަތީޖާއެއް ނެރެފަ އެވެ. ބެންފީކާ އަށް ރޭގެ މެޗު ފެށިގެން ދެ ވަނަ މިނިޓްގައި ޔާއޯ މާރިއޯ ގޯލެއް ޖަަހައިދިން ނަމަވެސް، ވީއޭއާރް އިން ބަލާފައި ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންފީކާ އިން ދެ ގޯލު ޖެހި އެވެ. އެ ޓީމަށް މި ހާފުގައި ގޯލުތައް ޖަހައިިދިނީ ރަފާ ސިލްވާ އާއި ގޮންކާލޯ ރާމޯސް އެވެ. ދެ ވަނަ ހާފުގައި ގޮންކާލޯ ރާމޯސް އިތުރު ގޯލެއް ޖެހިއިރު، ޖާއޯ މާރިއޯ އާއި ޑޭޭވިޑް ނެރޭސް ވެސް ލަނޑު ޖެހި އެވެ. މާރިއޯ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މި މެޗުގައި ކްލަބް ބްރޫޖްގެ ގޯލު ޖެހީ ބްޔޯން މެއިއާ އެވެ.