Advertisement

ގަން އެއާޕޯޓާއެކު ފެށޭނީ ދެކުނުގެ ތަރައްގީގެ އާ ޗެޕްޓަރެއް: ފައްޔާޒް

6 މާރިޗު 2023 - 10:00 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ގަން އެއާޕޯޓް މަޝްރޫޢު ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން


ގަން އެއާޕޯޓާއެކު ފެށޭނީ ދެކުނުގެ ތަރައްގީގެ އާ ޗެޕްޓަރެއް: ފައްޔާޒް

6 މާރިޗު 2023 - 10:00 0

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީއާއެކު ފެށިގެން މި ދިޔައީ ދެކުނުގެ ރަށްތަކުގެ ތަރައްގީގެ މުޅިން އާ ޗެޕްޓަރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގަން އިންޓަނޭޝަން އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލު ކުރުމަށް، އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީ ކުރެވުމާއެކު އެ ސަރަހައްދުގައި ޓޫރިޒަމްގެ އިތުރުން، ވަޒީފާގެ އެތައް ފުރުސަތުތަކާއި ވިޔަފާރިއެއް ފުޅާވެގެންދާނެ ކަމަށެވެ.

ގާނޫނީ ގޮތުން ސިޓީއެއްގެ ދަރަޖަ އައްޑޫއަށް ލިބިފައި ވީނަމަވެސް، ފުރިހަމަ ސިޓީއެއްގައި ހުންނަން ޖެހޭ އުމްރާނީ ތަރައްގީ އައްޑޫއަށް މިހާތަނަށް އައިސްފައިނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ބަދަލުކުރުމަށް އައްޑޫ ތަރައްގީގެ ވަށާޖެހޭ ޕްލޭނެއް ހަދައި އެކަން ތަންފީޒުކުރަމުން އަންނައިރު، އޭގެ ތެރޭގައި މަގުތަކާއި ބަނދަރު ހަދައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި ބިން ހިއްކައި އަދި ޓޫރިޒަމް ޒޯނު ތަރައްގީކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ނިމޭ އިރު، އައްޑޫގައި ކުރިއަށްދާ ޓުއަރިޒަމް އެނދުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 6،000 އެނދު ގާއިމު ކުރެވޭނެ ކަމަށެވެ.

މިއާއެކު މި ސަރަހައްދުގެ ޓޫރިޒަމް އެނދުތައް އެއާޕޯޓާ އެކު މާކެޓަށް ނެރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އެގޮތުން ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއާއި ޝަންގްރީއްލާ ވިލިގިލި ރިސޯޓު އަލުން ހުޅުވުމާއި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މުޅިން އަލަށް ފަސް ރިސޯޓު ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނުގައި ހިންގާ މި މަޝްރޫއުގެ އަމާޒަކީ ދެކުނުގެ ޓޫރިޒަމް ވަރުގަދަކުރުމަށްޓަކައި، 1.5 މިލިއަން ފަޖިސްޖަރުންނަށް ހިދުމަތް ދެވޭވަރަށް، ޒަމާނީ ވަސީލަތްތަކާއެކު އެއާޕޯޓު ތަރައްގީ ކުރުމެވެ. އޭގެ ތެރޭގައި ޕެސެންޖާ ޓާމިނަލް، ޑިއުޓީ ފްރީ ފިހާރަތައް، ރެސްޓޯރެންޓްތައް، ލައުންޖް، އަދި އެހެނިހެން ވަސީލަތްތައް ހިމެނެ އެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިމި، މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އައްޑޫ ސިޓީ، ރާއްޖޭގެ މައި އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އައްޑޫ ސިޓީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެވެ.