Advertisement

ރަޝްފޯޑްގެ ވިދުން ފަޑުނުވެ ޔުނައިޓެޑް ކުރިއަށް، ޓޮޓެންހަމް ހަތަރަކަށް

20 ފެބުރުވަރީ 2023 - 01:19 0

ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.


ރަޝްފޯޑްގެ ވިދުން ފަޑުނުވެ ޔުނައިޓެޑް ކުރިއަށް، ޓޮޓެންހަމް ހަތަރަކަށް

20 ފެބުރުވަރީ 2023 - 01:19 0

ލަންޑަން (ފެބްރުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މާކަސް ރަޝްފޯޑްގެ ދެ ގޯލާ އެކު، މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށް އިތުބާރާ އެކު ކުރިއަށްދިއުމަށް ފުރުސަތުތައް ފަހިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގު ތާވަލުގެ ހަތަރަކަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް މިރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ވަނީ ފަަސް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 24 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ތިން ވަނައިގައި އޮތީ 24 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަތަރަކަށް ޖެހިލީ 24 މެޗުން 42 ޕޮއިންޓާ އެކު އެވެ.

ލެސްޓާގެ ކެލެޗީ އިހެނާޗޯ އެ ޓީމަށް ލީޑުނަގައިދޭން ބޮލުން ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރިއިރު، ރަޝްފޯޑް ވަނީ މެޗުގެ 25 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން މި ފަހުން ގިނަ މެޗުތަކެއްގައި ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކަށް އަރައި، ރަޝްފޯޑް ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

މެޗުގެ 61 ވަނަ މިނިޓްގައި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ ފްރެޑް ދިން ބޯޅައަކުން ރަޝްފޯޑް ޖެހި ގޯލެކެވެ. މި ލަނޑު އޮފްސައިޑް ކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ގޯލެއް ކަމަށް ނިންމައިފަ އެވެ.

މިއީ މި ސީޒަނުގައި ރަޝްފޯޑް ޖެހި 24 ވަނަ ގޯލެވެ. މިިއީ ކެރިއަރުގައި ވެސް ލަނޑު ޖެހުމަށް ބަލާއިރު، ރަޝްފޯޑްގެ އެންމެ ރަނގަޅު ސީޒަނެވެ. ފީފާ ވޯލްޑް ކަޕަށް ފަހު ކްލަބް ފުޓްބޯޅަ އަލުން ފެށި ފަހުން، މުޅި ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، އެންމެ ރަނގަޅު ފޯމެއްގައި ހުރީ ރަޝްފޯޑް އެވެ.

ޔުނައިޓެޑްގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ޖޭޑަން ސަންޗޯ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޓޮޓެންހަމް އިން ލީޑުނެގީ އެ ޓީމުގެ ދެ ފުލްބެކުން އުފެއްދި އެޓޭކެއްގަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ބެން ޑޭވިސް ދިން ބޯޅައަކުން އެ ޓީމަށް ގޯލު ޖަހައިދިނީ އެމަސަން ރޯޔާލް އެވެ. ވެސްޓް ހޭމަށް އެއްވަރުކޮށްދޭން ޖެރޮޑް ބޮވެން ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފަ އެވެ. ބަދަލަކަށް ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓޮޓެންހަމްގެ ލީޑުފުޅާކޮށްދިނީ މެޗުގެ 72 ވަަނަ މިނިޓްގައި ސޮން ހެއުން މިން އެވެ. ސޮންގެ މި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ހެެރީ ކޭން އެވެ.

ގޯލްބްލެޑާ ސާޖަރީ އަށް ފަހު، ހާލު ރަނގަޅުވަންދެން، ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މި ވަގުތު ހުރީ އިޓަލީގަ އެވެ. ޓޮޓެންހަމް ޓީމަށް ދަނޑުގައި ހުރެ އިރުޝާދު ދިނުމުގެ ކަންކަމާ ހަވާލުވެފައިވަނީ ކޮންޓޭގެ އެސިސްޓަންޓް ކޯޗު ކްރިސްޓިއަން ސްޓެލީނީ އެވެ.