Advertisement

ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތު ބަދަލު ކުރަން ގޮވާލައި ގަރާރެއް

19 ފެބުރުވަރީ 2023 - 09:49 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޑްރަގް ބޭނުން ކުރާ ތަނެއް؛ ދެވިހިފައިވާ މީހުންނަށް ފަރުވާ ދޭ ނިޒާމު ބަދަލު ކުރަން ވަނީ ގަރާރެއް ހުށަހަޅާފައި-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތު ބަދަލު ކުރަން ގޮވާލައި ގަރާރެއް

19 ފެބުރުވަރީ 2023 - 09:49 0

މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރުގައި ވަނީ ދެވިހިފައިވާ މީހުންނަށް ފަރުވާ ދީ، ލަސްނުވެ އަނބުރާ މުޖުތަމައަށް ނެރުމަށް ގައުމީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަކީ އެމްޑީޕީގެ ވައުދެއް ނަމަވެސް ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން އެކަން ހާސިލް ނުވާ ކަމަށެވެ.

"އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ތަސައްވަރާ އެއްގޮތަށް ފަރުވާ ދޭނެ ގާބިލުކަން ސަރުކާރުގެ އިންސާނީ ވަސީލަތްތަކުގެ ތެރެއަކު ނެތެވެ. ދިގު މުއްދަތަކަށް ބައިތިއްބައިގެން ފަރުވާ ދޭން ރާއްޖޭގައި ހުރި ދެ މަރުކަޒުގައި ވެސް ފަރުވާ ދޭނޭ މީހެއް ނެތިގެން އެ ތަނުގެ 50 ޕަސެންޓު ވެސް ބޭނުން ކުރެވިފައި ނުވެ އެވެ," ގަރާރުގައި ވެ އެވެ.

އިތުބާރު ހިފޭ ފަރުވާ ދޭ ނިޒާމެއް ގާއިމް ކުރުމަށް، ދިގު ނުދައްމައި ސަރުކާރުން އަވަހަށް ގާއިމް ކުރުމަށް ސަރުކާރުގެ ފަރާތުން އަމިއްލަ ފަރާތްތަކަށް އަދި ވަކިން ހާއްސަކޮށް ބޭރުގެ ތަޖުރިބާކާރުންނަށް އެ ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެފަދަ މީހުން އެ ކަމުން ސަލާމަތް ކުރެވެން އޮތީ އެ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގެ ކަންކޮޅުތަކުން ލިބޭނެ ގޮތް ހަމަޖައްސައި، ކޮމިއުނިޓީ ރީ އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަން ޖެހޭ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، އެ މީހުންނަށް ބޭނުންވާ ކައުންސެލިން ދޭނެ ރަނގަޅު ހިދުމަތެއް ތައާރަފްކޮށް، އެ ހިދުމަތް އާސަންދައިގެ ތެރޭގައި ހިމަނަން ވެސް ގޮވާލައިފައިވެ އެވެ.