16 ފެބުރުވަރީ 2023 - 04:39 0
ޗެލްސީގެ އެންޒޯ (ވ) ކައިރިން ޑޯޓްމަންޑްގެ އަޑޭމީ ބޯޅަ ހިފައިގެންދަނީ.
16 ފެބުރުވަރީ 2023 - 04:39 0
މިއުނިކް (ފެބްރުއަރީ 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން 1-0 އިން ޗެލްސީ ބަލިކުރިއިރު، ބެލްޖިއަމްގެ ކްލަބް ބްރޫޖް ދަނޑުގައި 2-0 އިން މޮޅުވެ، ބެންފީކާ މުބާރާތުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
މިހާރު އޮތްގޮތުން، ކުއާޓާގެ ޖާގަ ހޯދަން އަންނަ މަހުގެ ހަތް ވަަނަ ދުވަހު، ޗެލްސީން ޖެހޭނީ ދެ ވަނަ ލެގުގައި ޑޯޓްމަންޑް ދެ ގޯލުގެ ފަރަގަކުން ބަލިކުރާށެެވެ. އެއް ގޯލުގެ ފަރަގުން މޮޅުވެގެން، އެ މެޗު އިތުރު ވަގުތު ކުޅެން ޖެހޭނެ އެވެ. ބެންފީކާ އިން އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ކުއާޓާ އަށް ދެވޭނެ އެވެ.
ޑޯޓްމަންޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ 63 ވަނަ މިނިޓްގައި ކަރީމް އަޑޭމީ އެވެ. މިއީ ޗެލްސީގެ ކޯނަރެއްގައި ކައުންޓަ އެޓޭކުން އަޑޭމީ ޖެހި މޮޅު ގޯލެކެވެ. އަމިއްލަ ހާފުގެ ތެެރެއިން އަޑޭމީ ބޯޅަ ހިފައިގެން ގޮސް، ޗެލްސީގެ އެންޒޯ ފެނާންޑޭޒް އާއި ކީޕަރު ކެޕާ އަރިއްޒަބަލާގާ ކައިރިން ނައްޓާލުމަށް ފަހު ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗުގައި ޗެލްސީ އަށް ގޯލެއް ޖަހައިދޭން، ޔާއޯ ފެލިކްސް ރަނގަޅު ހަމަލާތަކެއް ފޮނުވާލިއިރު، ޗެލްސީގެ ރީސް ޖޭމްސް ޖެހި ބޯޅަތައް ޑޯޓްމަންޑްގެ ކީޕަރު ގްރެގޯ ކޮބެލް ވަނީ މަތަކޮށްފަ އެވެ. އަދި މެޗުގެ ފަހު ކޮޅުގައި އެންޒޯ ޖެހި ބޯޅަ ވެސް ހުއްޓުވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ކޮބެލް އެވެ.
ބެލްޖިއަމްގެ ޗެމްޕިއަން ކްލަބް ބްރޫޖުން ރޭގެ މެޗުގައި ކުޅުނުއިރު، މިއީ އެ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އިނގިރޭސި ކޯޗު ސްކޮޓް ޕާކާ، ޗެމްޕިއަންސް ލީގުގައި ކޯޗުކޮށްދިން ފުރަތަމަ މެޗެވެ. މި މެޗުގައި ބެންފީކާގެ ގޯލުތައް ޖެހީ ޕެނަލްޓީ އަކުން ޖާއޯ މާރިއޯ އާއި ނެރޭސް އެވެ. ޖާއޯ މާރިއޯ ޖެހި ޕެނަލްޓީ ދިނީ ބެންފީކާގެ ފޯވާޑް ގޮންޒާލޯ ރާމޯސް އަށް ބްރޫޖްގެ ޖެކް ހެންޑްރީ ކުރި ފައުލަކަށެވެ.
Comment