Advertisement

ފިލިޕީންސްގެ ރައީސް އަރިހަށް ޗައިނާގެ ސަފީރު ހާޒިރުކުރުވައިފި

15 ފެބުރުވަރީ 2023 - 07:41 0

ފިލިޕީންސްގެ ރައީސް (ކ) އަރިހަށް ޗައިނާގެ ސަފީރު ހާޒިރު ކުރުވައި، އަންބޮޑުވުންތައް ހިއްސާކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ


ފިލިޕީންސްގެ ރައީސް އަރިހަށް ޗައިނާގެ ސަފީރު ހާޒިރުކުރުވައިފި

15 ފެބުރުވަރީ 2023 - 07:41 0

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާ އަސްކަރިއްޔާގެ ދުއްތުރާ ބޮޑުވުމުން ފިލިޕީންސްގައި ހުންނަވާ ޗައިނާގެ ސަފީރު، އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާގެ އަރިހަށް ހާޒިރު ކުރުވައިފި އެވެ.

ރައީސް މާކޯސްގެ އަރިހަށް ޗައިނާގެ ސަފީރު ހުއަން ޒިލިއަން އަންގާރަ ދުވަހު ހާޒިރު ކުރުވީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން ފިލިޕީންސްގެ ކޯސްޓުގާޑު އުޅަނދެއް ހުއްޓުވަން ޗައިނާގެ އަސްކަރިއްޔާއިން ލޭޒާ ލައިޓު ބޭނުކުރި މައްސަލައިގެ ކަންބޮޑުވުންތައް އިތުރުވެފައި ވަނިކޮށެވެ.

ފިލިޕީންސް އިން ބުނެފައިވާ ގޮތުގައި ލޭޒާ ލައިޓްގެ ހާދިސާ ހިނގާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެ ގައުމުގެ ކޯސްޓުގާޑު އުޅަނދެއް ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސެކަންޑް ތޯމަސް ޝޯލަށް ކުރި ދަތުރެއްގަ އެވެ. ތޯމަސް ޝޯލް އަކީ ފިލިޕީންސްގެ ސިފައިން މަރުކަޒުވެ ތިބޭ ތަނެކެވެ.

ފިލިޕީންސް އިން ބުނި ގޮތުގައި ޗައިނާގެ އަސްކަރީ ލޭޒާ ލައިޓެއްގެ ސަބަބުން އެ ގައުމުގެ ކޯސްޓު ގާޑު އުޅަނދުގައި ތިބި ސިފައިންގެ ފެނުމަށް ވަގުތީ ގެއްލުންތަކެއް ލިބުނެވެ. އަދި، ޗައިނާއިން އަމަލުކުރީ ނުރައްކާތެރިކޮށް ކަމަށް ފިލިޕީންސްއިން ބުނެ އެވެ.

"ޗައިނާގެ ސަފީރު ހާޒިރު ކުރުވީ، ޗައިނާގެ އަސްކަރިއްޔާއިން ފަހަކަށް އައިސް ފިލިޕީންސްގެ ކޯސްޓްގާޑާއި މަސްވެރިންނާ ދެކޮޅަށް ހިންގާ އަމަލުތައް އިތުރުވެ ވަރުގަދަވެފައިވާތީ އެ ކަންބޮޑުވުން ހިއްސާކުރަން،" މާކޯސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

ޗައިނާ އިން ބުނާ ގޮތުގައި މުޅި ދެކުނު ޗައިނާ ކަނޑު އެއީ އެ ގައުމުގެ ބަޔެކެވެ. އެ ހިސާބަކީ ބައިނަލްއަގްވާމީ ވިޔަފާރި އަށް މުހިއްމު ހިސާބެކެވެ. ބްރޫނައި، މެލޭޝިއާ، ފިލިޕީންސް، ޓައިވާން އަދި ވިއެޓްނާމުން ވެސް ދެކުނު ޗައިނާ ސަރަހައްދުގެ އެކި ހިސާބުތަކަށް ދައުވާކުރެ އެވެ.

ނަމަވެސް ތާރީހީ ގޮތުން މުޅި އެ ހިސާބަކީ ޗައިނާގެ ދައުލަތުގެ ސަރަހައްދު ކަމަށް ޗައިނާ އިން ބުނެ އެވެ. އެކަމަކު އެ ވާހަކަ ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް 2016 ވަނަ އަހަރު ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ނިންމި އެވެ.