Advertisement

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހާއްސަ ވޯކްޝޮޕެއް ފަށަނީ

13 ފެބުރުވަރީ 2023 - 10:46 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ؛ އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މި ވޯކްޝޮޕް ފެށުމަށް އަންނަނީ ތައްޔާރު ވަމުން -- ފޮޓޯ: މަޖިލިސް


މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހާއްސަ ވޯކްޝޮޕެއް ފަށަނީ

13 ފެބުރުވަރީ 2023 - 10:46 0

މުޒާހަރާތައް ކަވަރުކުރުމުގައި ނޫސްވެރިން އަމަލުކުރާނެ ގޮތް ދަސްކޮށްދިނުމަށް ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ނިންމައިފި އެވެ.

މިފަދަ ވޯކްޝޮޕެއް ފެށުމަށް ނިންމާފައި މިވަނީ މިމަަހުގެ ހަވަނަަަ ދުވަހު އިދިކޮޅުން ކުރި މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަނިޔާވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ "އަދަދު"އަށް ވިދާޅުވީ، މުޒާހަރާ ކަވަަރު ކުރާ ނޫސްވެރިންނަށް އަނިޔާ ލިބެމުން ދިއުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަަދި މިކަން ހައްލު ކުރުމަށް ފުލުހުން އަދި ނޫސްވެރިންނާ އެކު މަޝްވަރާކޮށްފައިވާނެ ކަމަށާއި، އެގޮތުން މުޒާހަރާތަކުގައި ނޫސްވެރިން އަމަލުކުރާނެ ގޮތާއި، ތިބެންވާ ހިސާބުފަދަ ކަންކަން އަންގައިދިނުމަށް ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ޖާނަލިސްޓުންނާ ވާހަަކަ ދައްކާލީމަ އެބަ ބުނޭ އަޅުގަނޑުމެންނަކަށް ނޭނގޭ ބައެއް ފަހަރު ހުންނަން ޖެހޭ ހިސާބެއް. އަޅުގަނޑުމެން މިހާރު ޕޮލިހުންނާ މި މަޝްވަރާ ކުރީ ޑެމޮންސްޓްރޭޓިވް ވޯކްޝޮޕެއް ބާއްވަންް ހުރިހާ ބޭފުޅުންނަށް ވެސް. އެބޭފުޅުން ހުންނަ ތަނާ ވަދެވޭ ހިސާބާ، މިއެއްޗިހި ކިޔައިދީފައި ހުންނަނަމަ މިހާރަށްވުރެ އަނިޔާ ކުޑަވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި ވޯކްޝޮޕް ފެށުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި މުޒާހަރާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ހާއްސަކޮށްގެން ދޫކޮށްފައިވާ ފާސްތައް ބޭނުންކުރުމަށް އިސްކަން ދިނުމަށް މަރިޔަމް ވަހީދާ އިލްތިމާސްކުރެއްވި އެވެ.

އަދި ނޫސްވެރިން ފާހަގަވާނޭފަދަ ޔުނީފޯމެއް ނުވަތަ ހެލްމެޓެއް ތައާރަފްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް ސޮލިއުޝަންއަކަށް އާދެވިދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުން އަޅުގަނޑުމެން މިދަނީ. މާޗް ފަސްޓު ވީކްތެރޭގައި ވޯކްޝޮޕް ވެސް ބޭއްވޭނެ ވާހަކަ އަޅުގަނޑުމެންނަށް މިއަދު ހަބަރު ލިބުނީ،" މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ދުވަހު އިދިކޮޅުން މަޖީދިއްޔާ ސްކޫލު ކަންމަތީގައި ކުރި މުޒާހަރާ ކަވަރު ކުރި ޗެނަލް 13އިގެ ދެ ނޫސްވެރިއަކަށް އަނިޔާވެ އެކަކަށް އޭޑީކޭގައި އެނދުމަތިކޮށްގެން ފަރުވާ ދީފައި ވެއެވެ.

މި މައްސަލަ މީޑިއާ ކައުންސިލުންނާއި، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކުށްވެރިކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ގަސްތުގައި ނޫސްވެރިއަކަށް ގެއްލުން ދިނުމަށް ނުވަތަ އަނިޔާކުރުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށް ބުނެފަ އެވެ.