Advertisement

ސަލްމާން މިސްކިތު މައްސަލައިގައި މިނިސްޓަރު ހާޒިރުކުރެވުނީ އޭސީ މަރާމާތުކުރި ފަހުން

13 ފެބުރުވަރީ 2023 - 09:33 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ސަލްމާން މިސްކިތު މައްސަލައިގައި މިނިސްޓަރު ހާޒިރުކުރެވުނީ އޭސީ މަރާމާތުކުރި ފަހުން

13 ފެބުރުވަރީ 2023 - 09:33 0

މާލޭގައި އެންމެ ފަހުން ހުޅުވި ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަ މައްސަލައިގައި ސުވާލުކުރުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހާޒިރުކުރިއިރު، އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ސަލްމާން މިސްކިތުގެ އޭސީތަކުގައި މައްސަލަ ޖެހި، ފިނި ނުވާ ކަމުގެ ޝަކުވާ އާންމުން ކުރަން ފަށައިފައިވަނީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިންނެވެ. ހަތަރު އޭސީ ޔުނިޓެއް ހަލާކުވެ، އެއްވެސް ވަރަކަށް މިސްކިތަށް ފިނި ނުވާ ކަމަށް އާންމުން ބުނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭ ގޮތުން ސުވާލު ކުުރުމަށް މިނިސްޓަރު ހާޒިރުކޮށްފައިވާއިރު، އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް އިއްުޔެ މިނިސްޓްރީން ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި މިނިސްޓަރާ ސުވާލު ކޮށްފައިވަނީ ހެންވެއިރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ. އޭނާގެ ސުވާލުގައި ވަނީ އެއާކޯންގައި މައްސަލަތައް ޖެހެމުން އަންނާތީ އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

"މި މައްސަލަ ހައްލު ކުރުމަށް މިހާ ގިނަ ދުވަސްވަނީ ކޮން ސަބަބަކާ ހުރެތޯ، އަދި ދާއިމީ ހައްލެއް ލިބެން ކިހާ ދުވަހެއް ހޭދަވާނެތޯ،" މުއިއްޒުގެ ސުވާލުގައި ވެ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ފުރަތަމަ ފާހަގަވީ އޮގަސްޓު މަހުގެ ތެރޭގައި ކަމަށާއި އެކަމުގެ ކޮންޓްރެކްޓަރުން އައިސް އެ މަހު މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ނޮވެންބަރު މަހުގެ ތެރޭގައި ވެސް މައްސަލަ ޖެހި، 13 ވަނަ ދުވަހު އެއްބަސްވުމެއް ހަދައި، މިދިޔަ މަހުގެ ޖެނުއަރީގައި މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"2023 ވަނަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަކޮޅު އޭސީގެ މައްސަލަ ހައްލު ކުރެވިފައިވައި އެބަވޭ، މިހާރު މަސަައްކަތް އެބަ ކުރޭ އޭސީ ފުލްކޮށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީގައި މައްސަލަ ޖެހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އޭސީ ޔުނިޓުތަކަށް ލޮނުގެ އަސަރު ކުރުން ކަމަށެވެ.

"މި އެއްޗެހިތައް ދަބަރަށް ވެގެން، ހަލާކުވަނީ، އެހެންވެގެން ދިމާވާ މައްސަލައެއް މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އަޅަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 14 މިލިއަން ޑޮލަރަކީ ސައުދީގެ ހިލޭ އެހީ އެވެ. ބާކީ ހަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

އެ މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވެ އެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުރެ އެވެ.