Advertisement

އުއްތަމަ ފަނޑިޔާރު ދެއްވީ މުޅި ޖުޑިޝަރީން ގާނޫނުގެ ވެރިކަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން

9 ފެބުރުވަރީ 2023 - 22:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އުއްތަމަ ފަނޑިޔާރު ދެއްވީ މުޅި ޖުޑިޝަރީން ގާނޫނުގެ ވެރިކަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން

9 ފެބުރުވަރީ 2023 - 22:51 0

މުޅި ޖުޑިޝަރީ އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނުގެ ވެރިކަން ދަމަހައްޓަނީ އަދުލު އިންސާފު ކަށަވަރުކޮށް، ރައްޔިތުންގެ މަސްލަހަތާއި މަންފާއަށާއި މުޅި ރާއްޖޭގެ އާންމު މަސްލަހަތު އިސްކޮށް ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާ އެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުގައި އިންނަވާ ފަނޑިޔާރު ވިދާޅުވި އެވެ.

ގަޟާއީ އަހަރު ފެށުމަށް ބާއްވާ ރަސްމިއްޔާތުގެ ބޭނުމަކީ ވެސް ޖުޑިޝަރީއަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް، މާޒީގެ ތަޖުރިބާއާއެކު ކުރިއަށް އޮތް ތަނުގައި އެ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ ތަސައްވުރަށް ހުޅުވައިލުން ކަމަށް މިރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު ވެސް މި ރަސްމިއްޔާތަށް ފަހު، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާއާ ގުޅުން ހުރި އެކި މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވޭ. މި އަހަރު ވެސް މިފަދަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައި،" އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޝަރުއީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެގޮތުން, މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދު ކުރުމާއި، 47 އަހަރުވީ ހެއްކާ ބެހޭ ގާނޫނު އުވި އޭގެ މުޅިން އާ ގާނޫނެއް ގެނެވި އަމަލުކުރަން ފެށިފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ކުރިއަށް މި އޮތް އަހަރަކީ ނިޒާމަށް އިތުރު އިންގިލާބީ އިތުރު ބަދަލުތަކެއް އައުމަށް މިސްރާބު ޖަހާފައި އޮތް އަހަރެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އިޝާރާތް ކުރެއްވީ ޑިސްޓްރިކްޓް ކޯޓުތަކާއި ސާކިޓް ކޯޓުތައް އުފެއްދުމަށް ހުށަހެޅިފައިވާ ބިލުގެ އިތުރަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރުމަށް ހުށަހަޅަން ތައްޔާރުވެފައި އޮތް ބިލަށެވެ.

"[ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ] ރިޔާސީ ބަޔާނުގައި [ޖޭއެސްސީއަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅަން] ހާމަކުރައްވާފައިވާތީ އެ ކަމަށް މަރުހަބާ ދަންނަވަން، އަދި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން،" ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުކޮށް، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވި މުއުތަސިމް ވިދާޅުވި އެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވެސް ވިދާޅުވީ، ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން ޖެހިފައިވާ ކަން ފެހި ގާނޫނު އަސާސީ ތަސްދީގުކޮށް މިދިޔަ 14 އަހަރު ދުވަހު ކުރެވުނު ތަޖުރިބާތަކުން އެނގިފައިވާ ކަމަށެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ، އެ ކޮމިޝަން މެދުވެރިކޮށް ފަނޑިޔާރުންނަަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތަކީ ކޮންމެ ސަރުކާރުގައި ވެސް އަމާޒުވެފައިވާ ތުހުމަތެކެވެ. ނަމަވެސް މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިނުވާ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.