7 ފެބުރުވަރީ 2023 - 11:37 1
އައިޝަތު ނުޒުހާ
ޕީޕީއެމް މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުންދިޔައިރު ވެސް ޖަލްސާ ހުއްޓާނުލާ ކުރިއަށް ގެންދެވި-- ފޮޓޯ: ވީޑިއޯ ކެޕްޗާ
7 ފެބުރުވަރީ 2023 - 11:37 1
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުން ތަޅުމުގައި އަޑު ގަދަ ކުރައްވަމުން ގެންދިޔައިރު އެކަމާ ފިޔަވަޅެއް ނާޅައި ޖަލްސާ ކުރިއަށް ގެންދިއުމާ ގުޅިގެން ސަރުކާރު ތަމްސީލު ކުރާ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅިފައި އޮތް ގަރާރުގެ ބަހުސް ކުރިއަށް ދަނިކޮށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި އިދިކޮޅުގެ އިތުރު މެންބަރަކު ވަނީ ޗެމްބަރު ކުރިމަތީގައި ހުރެ އަޑުގަދަ ކޮށްފަ އެވެ.
އެހެންނަމަވެސް ރިޔާސަތުން އެކަމާ ގުޅޭ އެއްޗެއް ވިދާޅުނުވެ، ބަހުސް ކުރިއަށް ގެންދެވި އެވެ. އެކަމާ ގުޅިގެން ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ނިޒާމީ ނުކުތާ ނަންގަވައިފަ އެވެ.
"މިތަނުގައި ދައްކާ ވާހަކައެއް އަޅުގަނޑުމެންނަށް ސާފެއް ނުވެ، އިއްޒަތްތެރި މެންބަރުންގެ ބަހުސެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ، އެހެންވީމާ ނިޒާމު ގެެއްލިފައި ކަމަށް އަޅުގަނޑު ދެކެނީ،" ހުސައިން ޝަހީމް ވިދާޅުވި އެވެ.
އެކަމަށް ޖަވާބު ދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގެ "މައިކު ސިސްޓަމްތަކުގައި މައްސަލައެއް ނޫޅޭ" ކަމަށެވެ.
އެހެން ވިދާޅުވުމަށް ފަހު ބަހުސް އަލުން ފެއްޓުމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލީހުގެ ރިޔާސަތުގެ މަސްއޫލިިއްޔަތާ މެދު ސުވާލު އުފައްދަވައިފަ އެވެ.
"ރައީސްގެ މަސްއޫލިއްޔަތެއް ނޫންތޯ އެއީ މަޖިލީހުގެ ފްލޯ މި ނޫން ގޮތަކަށް ކުރިއަށް ގެންދިއުމަކީ، މިއީތޯ ރައީސްގެ މަސްއޫލިއްޔަތާ އެއް ގޮތަށް ކުރިއަށް ގެންދިއުމަކީ،" އިދިކޮޅު މެންބަރުންނަށް އިޝާރާތް ކުރައްވައި މުގުނީ ވިދާޅުވި އެވެ.
މުގުނީގެ ނިޒާމީ ނުކުތާ ބަލައިނުގަނެ، ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ޒިންމާތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ގަވައިދުގައި ވާ ގޮތަށް އަދާކުރަމުން ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅުން މިއަދުގެ ޖަލްސާގައި އަޑުގަދަ ކޮށްފައިވަނީ ވެސް ޕީޕީއެމްގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވައިލަ އެވެ.
Comment