4 ފެބުރުވަރީ 2023 - 15:10 0
ޕީއެސްޖީގެ މެޗެއްގެ ތެރެއިން ރާމޯސް އާއި މެސީ: މި ދެ ކުޅުންތެރިން ކުރިން ކުޅުނު ދެ ކްލަބްގައި ވާދަވެރި ގިނަ. ކުރިމަތިލުންތަކެއް ފެނިގެންދިޔަ.-- ފޮޓޯ: އޭއެފްޕީ
4 ފެބުރުވަރީ 2023 - 15:10 0
ޕެރިސް (ފެބްރުއަރީ 4) - ކްލަބް ލެވަލްގައި މިހާރު ލިއޮނަލް މެސީއާ ދެކޮޅަށް ކުޅެން ނުޖެހުމަކީ ހިތްހަމަޖެހުމެއް ކަމަށް ދޭހަވާ ގޮތަށް އޭނާއާ އެކު ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް ބުނެފި އެވެ.
ރާމޯސް އާއި މެސީގެ ކުރިމަތިލުންތައް މީގެ ކުރިން ގިނަ ފަހަރުތަކެއް މަތިން، ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލަސިކޯ މެޗުތަކުގައި ވަނީ ފެނިފަ އެވެ. އެ ގޮތުން، އެ މެޗުތަކުގައި މެސީ އަށް ގިނަ ފައުލުތަކެއް ކޮށްގެން، ރާމޯސް އަށް ވަނީ ކާޑު ވެސް ދައްކައިފަ އެވެ.
މެސީ އާއި ރާމޯސް، އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކާ ދެކޮޅަށް 15 އަހަރު ވަންދެން ކުޅުމަށް ފަހު، 2021 ވަނަ އަހަރުން ފެށިގެން އަންނަނީ އެކުގައި ޕީއެސްޖީ އަށް ކުޅެމުންނެވެ. ފަހަކަށް އައިސް ދަނޑުމަތީގައި މި ދެ ކުޅުންތެރިންގެ ގުޅުން ވެސް އަންނަނީ ބަދަހިވަމުންނެވެ.
2019 ވަނަ އަހަރުގެ އެލް ކްލަސިކޯ މެޗެއްގެ ތެރެއިން ރާމޯސް (ކ) އާއި މެސީ:
"މެސީއާ ދެކޮޅަށް ކުޅެން ޖެހުމުން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ އަހަރުތަކެއް ގުނަން ޖެހިފައި އޮތީ. އެކަމަކު، މިހާރު މެސީއާ އެއް ޓީމަަށް ކުޅެ، އޭނާއާ އެކު ކާމިޔާބު ހޯދަން މަސައްކަތް ކުރަން މި ޖެހެނީ، މިއީ ވެސް ވަރަށް ޝައުގުވެރި ކަމެއް ކެރިއަރުގައި،" ޕީއެސްޖީ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ރާމޯސް ބުންޏެވެ.
މެސީގެ ކެރިއަރުގައި އޭނާއާ އެންމެ ވާދަވެރި ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކުގައި ރާމޯސް ވަނީ ރެއާލަށް 10 ވަރަކަށް އަހަރު ކުޅެފަ އެވެ.
ރާމޯސް ބުނީ މެސީ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް އުފެދުނު އެންމެ ހާއްސަވާނެ ކުޅުންތެރިޔާ ކަމަށެވެ.
ރާމޯސް ބުނީ މިހާރު ޕީއެސްޖީގައި އޮތީ ތަރިން ގިނަ ސްކޮޑެއް ކަމަށާއި މި ޓީމަށް އެ ކްލަބުން ބޭނުންވާ ބޮޑެތި ކާމިޔާބީ ހޯދޭނެ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ނަތީޖާ ނެރެން ކުރަން ޖެހޭ މަސައްކަތް ރަނގަޅުކުރަން ޖެހޭ ކަމަށް ރާމޯސް ވަނީ ބުނެފަ އެވެ.
Comment