Advertisement

ދެ ވަނަ ލެގުގައި ވެސް ފޮރެސްޓް ބަލިކޮށް ޔުނައިޓެޑް ފައިނަލަށް

2 ފެބުރުވަރީ 2023 - 09:18 0

ުޔުނައިޓެޑްގެ ލަނޑު ޖެހުމަށް ފަހު މާޝިއަލް އުފާފާޅުކުރަނީ.


ދެ ވަނަ ލެގުގައި ވެސް ފޮރެސްޓް ބަލިކޮށް ޔުނައިޓެޑް ފައިނަލަށް

2 ފެބުރުވަރީ 2023 - 09:18 0

މެންޗެސްޓާ (ފެބްރުއަރީ 2) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ވެސް ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް، ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ކަޕް ފައިނަލަށް ދަތުުރުކޮށްފި އެވެ.

ޔުނައިޓެޑުން އެންމެ ފަހުން، ލީގު ކަޕް ފައިނަލުގައި ކުޅުނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މި މަހު 26 ވަނަ ދުވަހު ވެމްބްލީގައި ކުޅޭ ލީގު ކަޕް ފައިނަލުގައި ޔުނައިޓެޑް ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ނިއުކާސަލް އިން އެންމެ ފަހުން ޑޮމެސްޓިކް ފައިނަލެއްގައި ކުޅުނީ 1999 ވަނަ އަހަރު އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށެވެ. ޔުނައިޓެޑް ވަނީ އެ މެޗުން ނިއުކާސަލް ބަލިކޮށްފަ އެވެ. މިއީ 47 އަހަރު ތެރޭ ނިއުކާސަލް އިން ލީގު ކަޕް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ފޮރެސްޓް ދަނޑުގައި މީގެ ހަފްތާއެއް ކުރިން ޔުނައިޓެޑް ވަނީ ފުރަތަމަ ލެގުގެ މެޗުން 3-0 އިން މޮޅުވެފަ އެވެ. އެހެންވެ، ރޭގެ މެޗަށް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނުކުތީ ކޮންމެ ވެސް ވަރަކަށް ޓީމަށް ބަދަލުތަކެއް ގެނެސްގެންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގައިދޭން ވައުޓް ވެގްހޯސްޓް ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

މެޗުގައި ޔުނައިޓެެޑުން ލީޑުނެގީ 73 ވަނަ މިނިޓްގައި އެންތަނީ މާޝިއަލް ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރިތާ 10 މިނިޓް ފަހުން، މާޝިއަލް މި ގޯލު ޖެހީ އޭރިއާތެރެއިން މާކަސް ރަޝްފޯޑް ޖެހި ބޯޅައެއް ހޯދުމަށް ފަހު އެވެ. އޭގެ ތިން މިނިޓް ފަހުން، ފްރެޑް ވަނީ ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ލަނޑު ގައި ވެސް ރަޝްފޯޑްގެ ދައުރު ބޮޑެވެ. ބްރޫނޯ ފެނާންޑޭސް މަތިން ދިން ބޯޅައެއް ރަޝްފޯޑް ވަނީ އޭރިއާތެރޭގައި ހުރެފައި، ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ފްރެޑް އަށް ދީގެން މި ގޯލު ޖަހައިފަ އެވެ.

ފޮރެސްޓުން މި މެޗުގައި ގޯލެއް ޖަަހަންކުރި މަސައްކަތް ހުއްޓުވުމުގައި ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި ކީޕަރު ޓޮމް ހީޓަންގެ ހުށިޔާރުކަން ވެސް ފެނިގެންދިޔަ އެވެ. ދެ ވަނަ ހާފުގައި ޑަނީލޯ ޖެހި ރަނގަޅު ޝޮޓެއް ހީޓަން ވަނީ މަތަކޮށްފަ އެވެ.