Advertisement

އަހަންނަކީ ހެރީ ޕޮޓާއެއް ނޫން: ޓެން ހާގް

29 ޖަނަވަރީ 2023 - 15:59 0


އަހަންނަކީ ހެރީ ޕޮޓާއެއް ނޫން: ޓެން ހާގް

29 ޖަނަވަރީ 2023 - 15:59 0

"އަހަންނަކީ ހެރީ ޕޮޓާއެއް ނޫން".

މިއީ މެންޗެސްޓާ ޔުނައިޓަޑްގެ ފޯވަޑް މާކަސް ރެޝްފޯޑްގެ ފޯމު ރަނގަޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ދިން ކުރު ޖަވާބެވެ. ކުރުގޮތަކަށް، ޓެން ހާގް ދިން ޖަވާބުގައި ބުނީ އޭނާ އަކީ "ޖާދޫގަރެއް ނޫން" ކަމަށެވެ. އެކަމަކު، ރެޝްފޯޑްގެ ފޯމު ރަނގަޅުވެފައިވަނީ، އޭނާ އަމިއްލަ އަށް ވެސް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.

އިނގިރޭސި ލީގު ކަޕްގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓް ކޮޅަށް ޖެހި ލަނޑާ އެކު، ރެޝްފޯޑް ވަނީ 10 މެޗުން 10 ލަނޑު ހަމަކޮށްފައެވެ. މިދިޔަ ސީޒަންގައި ކުޅުނު 32 މެޗުން ރެޝްފޯޑް ޖެހީ އެންމެ ފަސް ލަނޑެވެ.

މި ސީޒަންގައި ޔުނައިޓަޑްގެ ކޯޗުކަމާ ހަވާލުވި ޓެން ހާގްގެ އިރުޝާދުގެ ދަށުން ރެޝްފޯޑް ފޯމު ރަނގަޅުވުމާ އެކު، އެކަމަކުގައި ޓެން ހާގް ބޮޑު ރޯލެއްވާނެ ކަމަށް ގަބޫލްކުރެވެ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޓެން ހާގް ބުނީ ރެޝްފޯޑް ފޯމު ރަނގަޅުވުމުގެ އެންމެ ބޮޑު ސަބަބަކީ ކޮންފިޑެންސް ކަމަށެވެ.

"ހަމަ ކޮންފިޑެންސް ތަފާތަކީ. ކޮންމެ ކުޅުންތެރިއެއް ވެސް އަމިއްލަ ކޮންފިޑެންސް ބިނާކުރަން މަސައްކަތްކުރަންޖެހޭނީ،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ޓެން ހާގް (ކ) އާއި ރެޝްފޯޑް ސަލާމްކުރަނީ.


"މިކަމަށް ރެޝްފޯޑް ވަރަށް މަސައްކަތްކުރި. އަހަންނާއި އަހަރެންގެ ކޯޗިން ސްޓާފުން މިކޮށްދޭ ކަމަކީ ސްޓްރަކްޗާއެއް ބިނާކުރަނީ. އޭގެ ތެރެއިން، ރެޝްފޯޑަށް ވެސް މިހާރު އެހުރި ހިސާބަށް ދާން ފަސޭހަވާނެ. އަހަރަމެން ކިތަންމެ މަސައްކަތް ކުރިޔަސް، ތަފާތު ފެންނާނީ ކުޅުންތެރިޔާ އަމިއްލަ އަށް ކުރާ މަސައްކަތުން"

ޓެން ހާގް ބުނީ ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވުމަކީ އޭނާގެ މަސައްކަތް ވެސް ރަނގަޅު މިސްރާބުގައިި ހުރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑްގެ ފޯވަޑްލައިންގައި ތިބި ގިނަ ކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބުމަކީ އެ ކުޅުންތެރިން ކުރިއަރާކަން އޭނާ އަށް ގަބޫލުކުރެވޭ އެއް ސަބަބު ކަމަށެވެ.

"ސީޒަންގެ ކުރީކޮޅު އަހަރަމެންގެ ފޯވަޑް ލައިންގައި ވަރަށް ގިނަ މައްސަލަތައް ފާހަގަވި. އަދި ބައެއް މެޗުތަކުގައި (ފޯވަޑްލައިންގައި) މުޅިން ފިޓުނޫން ކުޅުންތެރިން ވެސް ބޭނުން ކުރަންޖެހުނު. އެކަމަކު، މިހާރު މި ފެންނަނީ މުޅިން އެހެން މަންޒަރެއް،" ޓެން ހާގް ބުންޏެވެ.

އަޔަކްސް ދޫކޮށް މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވުމަށް ފަހު، ޓެން ހާގް ވަނީ އެ ޓީމު ރަނގަޅު މަގުން ކުރިއަށްގެންދިއުމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ އަސަރު ޓީމުގެ ނަތީޖާތަކުން ވެސް އަންނަނީ ފެންނަމުންނެވެ. ފަސް އަހަރަށް ފަހު ޔުނައިޓެޑުން ތަށްޓެއް ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމު އޮތީ ލީގު ކަޕްގެ ފައިނަލުގެ ޖާގަ އަކާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ.