Advertisement

ޓޮޓެންހަމާއި ޔުނައިޓެޑް އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

29 ޖަނަވަރީ 2023 - 11:10 0


ޓޮޓެންހަމާއި ޔުނައިޓެޑް އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

29 ޖަނަވަރީ 2023 - 11:10 0

ލަންޑަން (ޖެނުއަރީ 29) - މިހާރު ކުރިއަށްދާ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ފަސް ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޕްރެސްޓަން ނޯތު އެންޑް ދަނޑުގައި ރޭ ޓޮޓެންހަމް މޮޅުވީ 3-0 އިންނެވެ. ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ރެޑިން އަތުން މޮޅުވެފަ އެވެ.

ޕްރެސްޓަންގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ތިން ގޯލު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ 50 ވަނަ މިނިޓްގައި އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޓޮޓެންހަމަށް ލީޑުނަގައިދިނީ ސޮން ހެއުން މިން އެވެ. ސޮން ވަނީ މެޗުގެ 69 ވަނަ މިނިޓްގައި ޕްރެސްޓަން އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައި، ޓޮޓެންހަަމަށް ލީޑުފުޅާކޮށްދީފަ އެވެ.

ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ވިންގް، އާނައުޓް ޑަންޖޫމާ އެވެ. މި ހަފްތާގައި ލޯން އެއްބަސްވުމެއްގެ ދަށުން ވިޔަރެއާލް ދޫކޮށް ޓޮޓެންހަމާ ގުޅުނު ޑަންޖޫމާ، އޭރިއާތެރެއިން މި ލަނޑު ޖެހީ އެ ޓީމުގެ ވިންގް، ޑޭޖާން ކުލުސެވްސްކީ ދިން ބޯޅައަކުންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ އެ ޓީމުން ފުރަތަމަ ހާފުގައި ގޯލެއް ޖެހި އެވެ. އެކަމަކު، މާކަސް ރަޝްފޯޑް ބޮލުން ޖެހި ލަނޑު ބަލައިނުގަތީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އެ އެޓޭކްގައި ބައިވެރިވި، ޔުނައިޓެޑްގެ ވައުޓް ވެގްހޯސްޓް އޮފްސައިޑް ވެފައިވާތީ އެވެ.

ދެ ވަނަ ހާފްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ 54 ވަނަ މިނިޓްގައި ކަސެމީރޯ އެވެ. މިއީ، ޔުނައިޓެޑްގެ އެންޓޮނީ ދިން ބޯޅައަކަށް އޭރިއާތެރެއަށް ދުވެފައިވަނުމަށް ފަހު ގޯލަށް ބޯޅަ ފޮނުވާލައިގެން ކަސެމީރޯ ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން، ޔުނައިޓެޑްގެ ލީޑުފުޅާކޮށްދިނީ ވެސް ކަސެމީރޯ އެވެ. މި ފަހަރު އޭނާ ލަނޑު ޖެހީ އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ 65 ވަަނަ މިނިޓްގައި ރެޑިންގެ ފޯވާޑް، އެންޑީ ކެރޯލް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭގެ އެއް މިނިޓް ފަހުން، ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ފްރެޑް ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ރެޑިން އިން ވެސް ވަނީ އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އެ ޓީމުން ވަނީ މެޗުގެ 72 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ ޓޮމް އިންސް ނެގި ކޯނަރަކުން، އަމަޑޫ އެމްބެންގޫ ޖެހި ގޯލެކެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެކްރިންޓަން އަތުން 3-1 އިން ލީޑްސް ޔުނައިޓެޑް މޮޅުވިއިރު، ލެސްޓާ އިން ވަނީ 1-0 އިން ވޯލްސޯލް ބަލިކޮށްފަ އެެވެ. ފުލަމް އާއި ސަންޑަލެންޑްގެ މެޗު 1-1 އިން އެއްވަރުވިއިރު، ސައުތެމްޓަން އިން ވަނީ 2-1 އިން ބްލެކްޕޫލްގެ މައްޗަށް ކުރިހޯދައިފަ އެވެ.