Advertisement

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް ރެއާލް ސްޕެނިޝް ކަޕް ސެމީ އަށް

27 ޖަނަވަރީ 2023 - 03:53 0

އެތުލެޓިކޯ ކޮޅަށް ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.


ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް ރެއާލް ސްޕެނިޝް ކަޕް ސެމީ އަށް

27 ޖަނަވަރީ 2023 - 03:53 0

މެޑްރިޑް (ޖެނުއަރީ 27) - ސްޕެނިޝް ކަޕްގައި މިރޭ، އިތުރު ވަގުުތުގެ ދެ ހާފް ކުޅެގެން ފަހަތުން އަރައި، އެތުލެޓިކޯ މެޑްރިޑް އަތުން 3-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއީ 2019 ގެ ފަހުން ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ސެމީގައި ރެއާލް ކުޅޭނެ ފުރަތަމަ ފަހަރެވެ. ރެއާލުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2014 ވަނަ އަަހަރު އެވެ.

ރެއާލް ދަނޑުގައި މިރޭ ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލީޑުނަގައިދިނީ ކުރިން ރެއާލަށް ކުޅުނު ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. އެތުލެޓިކޯގެ ކެޕްޓަން، ކޯކޭ އޭރިއާތެރެއަށް މަތިން ޖައްސާލި ބޯޅަ އޭރިއާތެެރެއިން ހޯދައި، އެ ޓީމުގެ ފުލްބެކް، ނަހުއެލް މޮލީނާ ވަނީ ގޯލު ކުރިމަތީގައި ހުސްކޮށް ހުރި މޮރާޓާ އަށް ދީފަ އެވެ. ރަނގަޅު ތަނަށް ހުސްވެ، މޮރާޓާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ފުރަތަމަ ހާފުގައި ރެއާލަށް އެއްވަރުކޮށްދޭން ޑިފެންޑަރު، އެޑާ މިލިޓާއޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ރެއާލްގެ ކަރިމް ބެންޒެމާ ޖެހި ޝޮޓެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް އެތުލެޓިކޯގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއް ބޭނުމެއް ނުކުރެވުނެވެ.

އެތުލެޓިކޯ އަށް ދެ ވަނަ ހާފުގައި ލަނޑެއް ޖަހައިދޭން، ރެއާލްގެ އޭރިއާތެރެއިން އެކްސެލް ވިޓްސެލް ޖެހި އޯވަހެޑް ކިކް ދަނޑިކައިރިން ދިޔައިރު، އެ ޓީމުގެ އެންޓޮއިން ގްރީޒްމަން، އޭރިއާ ރޮނގުމަތިން ކަަަަހަކަ ގޮަތަކަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބާރު ބޯޅަ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ރެއާލަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ވިންގް، ރޮޑްރީގޯ އެވެ. މެޗުގެ 79 ވަނަ މިނިޓްގައި ރެއާލްގެ ލޫކަ މޮޑްރިޗް ދިން ބޯޅައެއް ހިފައިގެން އެތުލެޓިކޯގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ރޮޑްރީގޯ ވަނީ ކީޕަރު އޮބްލަކް އަށް ފުރުސަތެއް ނުދީ ގޯލުގެ ކައިރީ ކަަނަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ޑިފެންޑަރު، ސްޓެފަން ސަވިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ.

އެތުލެޓިކޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، އިތުރު ވަގުުތުގެ ފުރަތަމަ ހާފުގައި ބެންޒެމާ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލު ޖަހައި، ރެއާލަށް ލީޑުނަަގައިދީފަ އެވެ.

އެތުލެޓިކޯ އަށް އެއްވަރުކޮށްދޭން މެމްފިސް ޑިޕާއި އަށް ލިބުނު ދެ ފުރުސަތެއް ބޭނުން ނުކުރެވިދިޔައިރު، އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ވިނީޝިއުސް އެވެ. މިއީ އަމިއްލަ ހާފުގެ ތެރެއިން ހިފައިގެންދިޔަ ބޯޅަ އެތުލެޓިކޯގެ އޭރިއާތެރެއަށް ވަދެ، ތިރިތިރިން ގޯލަށް ފޮނުވާލައިގެން ވިނީޝިއުސް ޖެހި ގޯލެކެވެ.

ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު އަނެއް މެޗުން ވެލެންސިއާ 3-1 އިން ބަލިކޮށް، އެތުލެޓިކް ބިލްބާއޯ ވެސް ވަނީ ސެމީން ފުރުސަތު ހޯދައިފަ އެވެ. ސެމީގައި ދެން އޮތީ ބާސެލޯނާ އާއި އޮސަސޫނާ އެވެ. ސެމީގެ ގުރުއަތުލުން އޮންނާނީ ހޯމަ ދުވަހު އެވެ.