Advertisement

ތިލަދޫ ރިސޯޓްސް ގައި އޮތް ސަރުކާރުގެ ކުޑަ ހިއްސާ ޔުނިވާސަލަށް ވިއްކާލަނީ

26 ޖަނަވަރީ 2023 - 11:52 0

ދި ނޯޓިލަސް މޯލްޑިވްސް: ސަރުކާރުން ބުނީ ދައުލަތުގެ ހިއްސާ ވިއްކާލަނީ ޑީޕް ބްލޫ ކުންފުންޏަށް ފަސޭހައިން ލޯނު ނެގުމަށް މެދުވެރި ކުރުމަށް ކަމަށް -- ފޮޓޯ: ދި ނޯޓިލަސް މޯލްޑިވްސް


ތިލަދޫ ރިސޯޓްސް ގައި އޮތް ސަރުކާރުގެ ކުޑަ ހިއްސާ ޔުނިވާސަލަށް ވިއްކާލަނީ

26 ޖަނަވަރީ 2023 - 11:52 0

ދިވެހިރާއްޖޭގެ އެންމެ މުއްސަނދި އެއް އާއިލާ ޔުނިވާސަލް ރިސޯޓްސްގެ ވެރިންނަށް ތިލަދޫ ރިސޯޓްސްގައި އޮތް ސަރުކާރުގެ ފަސް ޕަސެންޓު ހިއްސާ ވިއްކާލުމަށް ނިންމައިފި އެވެ.

"ދި ނޯޓިލަސް، ބީޗް އެންޑް އޯޝަން ހައުސޭސް" ހިންގާ ތިލަދޫ ރިސޯޓްސްގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލަން ނިންމީ، އެ ކުންފުނީގެ 95 ހިއްސާ އޮންނަ ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑަށް ފަސޭހައިން ބޭންކުތަކުން ލޯނު ނެގުމަށް މަގުފަހި ކުރުމަށްޓަކައި އެ ކުންފުންޏަށް ކަމަށް ފައިނޭންސް މިނިސްޓްރީން ބުންޏެވެ.

ތިލަދޫ ރިސޯޓްސްގެ 95 ހިއްސާ އޮންނަ ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑުގެ ވެރިންނަކީ ޔުނިވާސަލްގެ ކުރީގެ ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރު މަނިކުގެ ދަރިކަލުން ސަންޖޭ އިބްރާހިމް މަނިކާއި ދަރިކަނބަލުން އައިޝާ އަނީކާ އިބްރާހިމް މަނިކެވެ. ސަންޖޭއަކީ ޔުނިވާސަލް ރިސޯޓްސް މެނޭޖްމަންޓުގެ ޗީފް އޮޕަރޭޓިން އޮފިސަރެވެ.

ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ގޮތުގައި ތިލަދޫ ރިސޯޓްސްގެ އުފެއްދީ އޮކްޓޯބަރު، 2016 ގަ އެވެ. ގާތްގަނޑަކަށް 4.7 ހެކްޓަރުގެ ބ. ތިލަދޫގައި އެ ކުންފުނިން ހިންގާ ނޯޓިލަސްއަކީ 12 ކޮޓަރީގެ 24 އެނދުގެ ރިސޯޓެކެވެ. ތިލަދޫގެ މެނޭޖިން ޑައިރެކްޓަރަކީ ސަންޖޭ މަނިކެވެ. ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އޭނާ އާއި މުހައްމަދު ހަލީލެވެ.

ޔުނިވާސަލުން މިވަގުތު ވެސް ރާއްޖޭގައި މަދުވެގެން އަށް ރިސޯޓު ހިންގާ ކަމަށް އެނގިފައިވެ އެވެ. އެއީ ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި މިލައިދޫ އައިލެންޑާއި ހުވަފެންފުއްޓާއި ކުރަމައްޗާއި ދިގަލި މޯލްޑިވްސް އާއި ކަނޑޮޅު އައިލެންޑް މޯލްޑިވްސް ހިމެނެ އެވެ.

އޭގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ވެސް ޔުނިވާސަލްގެ އާއިލާއިން ވަރަށް ގިނަ ވިޔަފާރި ހިންގަ އެވެ. އެގޮތުން އަވައްޓެރި ސްރީ ލަންކާ އާއި މި ހިސާބުގެ ސިންގަޕޫރުގައި ވެސް ވިޔަފާރި ހިންގަ އެވެ. އެގޮތުން، ސްރީ ލަންކާގައި މަހަވެލި ރީޗް ހޮޓެލްގެ ނަމުގައި ވެސް ތަނެއް ހިންގަ އެވެ.

އޭގެ އިތުރުން، ސަންޖޭގެ ހިއްސާ އޮންނަ ޕާމް ޓްރީ ހޮޓެލްސް އޯވާސީޒް ލިމިޓެޑުގެ ނަމުގައި ބްރިޓިޝް ވާޖިން އައިލެންޑްސްގައި ވެސް ރަޖިސްޓްރީކޮށްފައި އޮވެ އެވެ. ސަންޖޭގެ އެ ކުންފުންޏަކީ އޮފްޝޯ ފައިނޭންސިންގެ ކަންކަމަށް ހާއްސަވި މޮސާކް ފޮންސޭކާ ފާމާ ގުޅުން އޮތް ކުންފުންޏެއްކަން ޕެނަމާ ޕޭޕާސް އިން ވަނީ ފަޅާ އަރުވާލައިފަ އެވެ.