Advertisement

އިންޑިއާ އާއި ޕާކިސްތާނުން ނިޔުކްލިއާ ހަނގުރާމައެއް ނުފެށީ ކިރިޔާ: ޕޮމްޕިއޯ

25 ޖަނަވަރީ 2023 - 14:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ. -- ފޮޓޯ: ރޮއިޓާޒް


އިންޑިއާ އާއި ޕާކިސްތާނުން ނިޔުކްލިއާ ހަނގުރާމައެއް ނުފެށީ ކިރިޔާ: ޕޮމްޕިއޯ

25 ޖަނަވަރީ 2023 - 14:29 0

އިންޑިއާ އާއި ޕާކިސްތާނުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިޔުކްލިއާ ހަނގުރާމައެއް ނުފެށީ ކިރިޔާ ކަމަށް އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ ހަޔާތުގެ މައްޗަށް ނެރުއްވި ފޮތެއްގައި ވިދާޅުވެއްޖެ އެވެ.

ނިޔުކްލިއާ ހަނގުރާމައަކަށް ދާން އުޅުނީ ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ދިން ހަމަލާއަކަށް ފަހު ޕާކިސްތާނުގެ ބިމުގެ ސަރަހައްދުގައި އުޅޭ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ އިންޑިއާއިން ހަމަލާތަކެއް ދިނުމުންނެވެ.

އެ ފަހަރު ޕާކިސްތާނުން ވަނީ އިންޑިއާ ސިފައިންގެ ދެ ޖެޓު ވައްޓާލައި ޕައިލެޓަކު ހައްޔަރުކޮށްފަ އެވެ. އިންޑިއާ އާއި ޕާކިސްތާނުން މުޅި ކަޝްމީރު އެއްކޮށް ބޭނުންވެ އެވެ. އެހެންވެ، ކަޝްމީރު އޮންނަނީ "ލައިން އޮފް ކޮންޓްރޯލް" (އެލްއޯސީ) ފާހަގަކޮށް ދެ ފަޅިކޮށްފަ އެވެ.

އެކަމަކު އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އިންޑިއާގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި އިންޑިއާ ސިފައިންނާ ދެކޮޅަށް އުޅެނީ ޕާކިސްތާނުން އެއްބާރުލުންދޭ ހަނގުރާމަވެރިންނެވެ.

އެ ތުހުމަތު ޕާކިސްތާނުން ދޮގުކުރެ އެވެ. އިންޑިއާ އާއި ޕާކިސްތާނުގައި ވެސް ނިޔުކްލިއާ ހަތިޔާރު ހުރެ އެވެ. އިނގިރޭސިންގެ އަތުން މިނިވަންވެ، 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނު ވަކިވި ފަހުން ތިން ހަނގުރާމަކޮށްފައިވެ އެވެ. އޭގެ ތެރެއިން ތިން ހަނގުރާމަ ކުރީ ކަޝްމީރު މައްސަލައިގަ އެވެ.

ޕޮމްޕިއޯގެ ހަޔާތާއި ހަނދާންތަކުގެ މައްޗަށް ލިޔުއްވި "ނެވާ ގިން އެން އިންޗް: ފައިޓިން ފޯ ދަ އެމެރިކާ އައި ލަވް" ގައިވާ ގޮތުން ފެބްރުއަރީ 2019 ގައި އިންޑިއާ އާއި ޕާކިސްތާން ނިޔުކްލިއާ ހަނގުރާމައަކާ ގާތްވީ ކިހާ ވަރަކަށް ކަން ދުނިޔެއަށް ނޭނގެ އެވެ.

"ހަގީގަތަކީ، އޭގެ ސީދާ ޖަވާބު އަޅުގަނޑަކަށް ވެސް ނޭނގޭ. އެކަމަކު އެނގޭ އެއްޗަކީ، ހަނގުރާމަ ނުފަށައި އޮތީ ހަމަ ކިރިޔާކަން."

ޕޮމްޕިއޯ ލިޔުއްވި ގޮތުގައި އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ގޯސްވިކަން އެނގިވަޑައިގެންނެވީ އުތުރު ކޮރެއާއާ ގުޅޭ މަޝްވަރާއަކަށް ވިއެޓްނާމަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އެ ރޭ އިންޑިއާގެ އިސް އޮފިޝަލަކާ ވާހަކަ ދެއްކެވި ކަމަށް ޕޮމްޕިއޯ ލިޔުއްވި އެވެ.

"އެ އޮފިޝަލް ގަބޫލުކުރި ގޮތުގައި ޕާކިސްތާނުން އޭރު ދިޔައީ ހަމަލާއެއް ދޭން ނިޔުކްލިއާ ހަތިޔާރު ތައްޔާރު ކުރަމުން. އޭނާ ވިދާޅުވީ އިންޑިއާއިން ވެސް ވިސްނަމުން ދަނީ ރައްދު ދޭނެ ގޮތަކާ މެދުގައި ކަމަށް،" ޕޮމްޕިއޯ ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑު އެދުނީ އެއްވެސް ކަމެއް ނުކުރަން. އަޅުގަނޑުމެންނަށް ކުޑަ ވަގުތުކޮޅެއް ދެއްވާށޭ މިކަން ހައްލުވޭތޯ ބަލަން."

އެއަށްފަހު އޭރު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ހުންނެވި ޖޯން ބޮލްޓޮންއާ މަޝްވަރާ ކުރެއްވުމަށް ފަހު އޭރު ޕާކިސްތާނުގެ ސިފައިންގެ ވެރިޔަކަށް ހުންނެވި ޖެނެރަލް ގަމަރް ޖާވިދް ބަޖުވާއަށް ގުޅުއްވައި، އިންޑިއާގެ އޮފިޝަލްގެ ވާހަކަތައް ހިއްސާކުރި ކަމަށް ޕޮމްޕިއޯ ލިޔުއްވި އެވެ.

"އޭނާ ވިދާޅުވީ އިންޑިއާގެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ނިޔުކްލިއާ ހަމަލާއަކަށް ތައްޔާރު ވަނީ އިންޑިއާ ކަމަށް... ގަޑިއިރުތަކެއް ވަންދެން އަޅުގަނޑުމެންގެ ޓީމުން ނިއު ދިއްލީ އާއި އިސްލާމްއާބާދުގައި ކުރި މަސައްކަތުން ނިޔުކްލިއާ ހަނގުރާމައިގެ ވިސްނުމާ ދުރަށް އިންޑިއާ އާއި ޕާކިސްތާނު ވެސް ގެންދެވުނު."

ޕޮމްޕިއޯގެ އެ ވާހަކަތާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.