23 ޖަނަވަރީ 2023 - 09:56 0
ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ އާއި އެޓަލަންޓާގެ ލުކްމަން ބޮލުން ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.
23 ޖަނަވަރީ 2023 - 09:56 0
ޓިއުރިން (ސެޕްޓެމްބަރު 23) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި އެޓަލަންޓާ ބައްދަލުކުރި މެޗު ފޯރިގަދަ ކުރިމަތިލުމަކަށް ފަހު 3-3 އިން އެއްވަރުވިއިރު، ސްޕެޒިއާގެ މައްޗަށް ރޯމާ އިން 2-0 އިން ކުރިހޯދައިފި އެވެ.
މިއީ ޔުވެންޓަސް އިން ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ މައްސަލަތަކުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެެޗެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި އެޓަލަންޓާ އިން ވަނީ ލީޑުނަގައިފަ އެވެ. އެ ޓީމުގެ އަޑެމޮލާ ލުކްމަން ޖެހި ބޯޅަ ގޯލަށް ވަނީ ޔުވެންޓަސްގެ ކީޕަރު، ވޮޒްޝިއޭ ޝެޒްނީ އަތުގައި ޖެހިފަ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން އެންހެލް ޑި މާރިއާ އެވެ. މިއީ ޔުވެންޓަސްގެ ނިކޯލޯ ފަޖިއޯލީ އަށް އެޓަލަންޓާގެ އެޑަސަން ކުރި ފައުލަކަށް ވީޑީއޯ އެސިސްޓަންޓް ރެފްރީން (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 35 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިިދިނީ އަކަންޑިއުޒް މިލިކް އެވެ. މިއީ ފަޖިއޯލީ ނެގި ހުރަހަކުން އޭރިއާތެރެއިން މިލިކް އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 30 ސިކުންތު ތެރޭގައި އެޓަލަންޓާ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ފުލްބެކް، ޔަކީމް މޭލާ އެވެ.
އެޓަލަންޓާ އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ 54 ވަނަ މިނިޓްގައި ލުކްމަން ޖެހި ގޯލުންނެވެ. މި ލަނޑަކީ ބޯގާ ނެގި ހުރަހަކުން ލުކްމަން ބޮލުން ޖެހި ގޯލެކެވެ. ޔުވެންޓަސް އިން އެއްވަރުކުރީ މެޗުގެ 65 ވަނަ މިނިޓްގައި ޑަނީލޯ ޖެހި ހިލޭ ޖެހުމުންނެވެ. މިއީ ހިލޭ ޖެހުމުގައި ޑި މާރިއާ ޖައްސާލި ބޯޅައަކުން ޑަނީލޯ ޖެހި ގޯލެކެވެ.
ސްޕެޒިއާ ދަނޑުގައި ރޭ ރޯމާގެ ދެ ގޯލު ވެސް ޖެހީ ޕައޮލޯ ޑިބާލާ އެވެ. ކޮންމެ ހާފެއްގައި ގޯލެއް ޖެހިއިރު، ޑިބާލާގެ ދެ ގޯލަށް ވެސް ފުރުސަތު ތަނަަވަސްކޮށްދިނީ ޓަމީ އަބްރަހަމް އެވެ.
ޔުވެންޓަސް ލީގުގެ ނުވަ ވަނައިގައި އޮތީ 19 މެޗުން 23 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު ރޯމާ ހަތަރު ވަނަ އަށް އެރީ 19 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.
Comment