Advertisement

ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޗައިނާގެ ރުހުން ލިބިއްޖެ: ރިޕޯޓް

23 ޖަނަވަރީ 2023 - 05:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ. -- ފޮޓޯ: އޭޕީ


ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޗައިނާގެ ރުހުން ލިބިއްޖެ: ރިޕޯޓް

23 ޖަނަވަރީ 2023 - 05:45 0

ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޗައިނާގެ ރުހުން ލިބިފައިވާ ކަމަށް ބުނެ އިންޑިއާގެ ދަ ހިންދުސްތާން ޓައިމްސް ނޫހުން ރިޕޯޓުކޮށްފި އެވެ.

އެ ނޫހުން ބުނީ ޗައިނާގެ ރުހުން ލިބި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް އެކަން ލިޔުމުން އަންގާނެ ކަމަށެވެ. މިދިޔަ ހަފުތާގައި ޗައިނާގެ އިސް ވަފުދެއް ލަަންކާއަށް ދަތުރު ކުރެއްވި އެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާއިން ވެސް ވަނީ ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރަން ރުހުން ދީ، އައިއެމްއެފަށް އެކަން އަންގައިފަ އެވެ.

އިންޑިއާގެ އެއްބާރުލުން ލަންކާއަށް ލިބުނުތާ ހަތަރު ދުވަސް ފަހުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖޭޝަންކަރް ލަންކާއަށް ދަތުރު ކުރެއްވި އެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައި ޖޭޝަންކަރް ވިދާޅުވީ ގޮންޖެހުންތައް ގިނަ މި ވަގުތުގައި އިންޑިއާގެ ފަރާތުން އަވައްޓެރި ލަންކާއަށް އެހީވާނެ ކަމަށެވެ.

އައިއެމްއެފްއިން މިދިޔަ އަހަރު ބުނީ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖް ލަންކާއަށް ދޭނީ ދަރަނި ރީސްޓްރަކްޗާ ކުރުމުން ކަމަށެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމަށް ލަންކާއިން އެންމެ ބޮޑަށް މަޝްވަރާ ކުރީ އިންޑިއާ އާއި ޗައިނާއާ އެކު އެވެ. އިންޑިއާ އާއި ޗައިނާގެ އިތުރުން ޖަޕާން އަދި ބައެއް މުއްސަނދި އެހެން ގައުމުތަކުގެ އެއްބާރުލުން ވެސް ލަންކާއަށް ބޭނުންވެ އެވެ.

މިދިޔަ ހަފުތާގައި ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ޖަޕާނާ އެކު ބޭއްވި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް ނިމިއްޖެ ކަމަށެވެ. އެކަމަކު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.