20 ޖަނަވަރީ 2023 - 19:52 0
އާމިނަތު ނިއުޝާ
ވިލިމާލޭގައި ބަހުގެ ހިދުމަތް ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
20 ޖަނަވަރީ 2023 - 19:52 0
ވިލިމާލޭގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފަށައިފި އެވެ.
ބަހުގެ ހިދުމަތް ފެށުމަށް ވިލިމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ އެހެން ހިދުމަތްތަކެކޭ އެއްފަދައިން ވިލިމާލޭގައި ވެސް ބަހުގެ ހިދުމަތުގެ ފުރަތަމަ ދެ ހަފުތާގައި ދޭނީ ހިލޭ ކަމަށެވެ.
"މި ހިދުމަތް ފެށިގެން ދާއިރު އަޅުގަނޑުމެންް އެހެން ތަންތަނުގައި ވެސް އާރުޓީއެލްގެ ހިދުމަތް ފެށިގެން ދާއިރު އޮންނަ ގޮތަށް ހިލޭ މި ހިދުމަތް ލިބިގެން ދާނެ. ދެ ހަފުތާ ނިމުމުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި 65 އަހަރުން މަތީގެ މީހުންނަށް އަދި ސްކޫލް ޔުނިފޯމުގައި ތިބޭ ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުދިންނަށް ހިލޭ މި ބަސްތަކުން ދަތުރުކުރެވޭނެ" އާޒިމް ވިދާޅުވިއެވެ.
ވިލިމާލޭގައި ބަހުގެ ހިދުމަތް ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ވިލިމާލޭގައި ބަސް މަޑުކުރުމަށް ހާއްސަ 10 ބަސް ސްޓޮޕެއް ވަނީ ކަނޑައަޅައިފަ އެވެ. އެ ތަންތަނުގެ ތެރޭގައި ސްކޫލާއި ހޮސްޕިޓަލް ފަދަ މުހިންމު ތަންތަން ހިމެނެ އެވެ. އާޒިމް ވިދާޅުވީ ރައްޔިތުން އެދޭނަމަ އިތުރު ބަސް ސްޓޮޕްްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ވިލިމާލޭގައި މި ހިދުމަތް ފެށުމަކީ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޭނުންވެފައި އޮތް ކަމެއް ކަމަށާއި، މި ހިދުމަތް ފަށާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް ކަމަށެވެ.
ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި ރަށަކަށް ވާއިރު، އެމްޓީސީސީން މި ފެށި ހިދުމަތުގައި ވެސް ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި، އިލެކްޓްރިކެވެ.
"މި ބަސްތަކަކީ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ބޭނުންކުރާ ބްރޭންޑުގެ ރަނގަޅު ބަސްތަކެއް." އާޒިމް ވިދާޅުވި އެވެ.
އެ ބަސްތަކުގައި ފަހަރަކު 15 މީހުންނަށް ދަތުރުކުރެވޭނެ އެވެ. އެއީ 11 މީހަކަށް އިށީންދެވޭ ގޮތަށް އަދި ހަތަރު މީހަކަށް ކޮޅަށް ތިބެވޭނެ ގޮތަށެވެ.
މީގެ ކުރިން ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދެމުން ދިޔައީ އާންމު ފަރާތަކުން ބަގީތަކެއް ބޭނުންކޮށްގެންނެވެ. އެ ހިދުމަތް މެދުކެނޑިފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ބަހުގެ ހިދުމަތް ވިލިމާލޭގައި ފަށާފައިވާއިރު، މާލެ ސިޓީ ކައުންސިލުން އަވިލިމާލޭގައި ބަގީގެ ހިދުމަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment