Advertisement

ވައުދުވެފައި ދޫކޮށް ނުލާނަން; ހޯރަފުއްޓަށް އޮތީ އުޖާލާ މުސްތަގުބަލެއް

17 ޖަނަވަރީ 2023 - 12:12 0

ހއ. ހޯރަފުށި

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހު ހޯރަފުށީގައި; ވައުދުވެފައި ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ވައުދުވެފައި ދޫކޮށް ނުލާނަން; ހޯރަފުއްޓަށް އޮތީ އުޖާލާ މުސްތަގުބަލެއް

17 ޖަނަވަރީ 2023 - 12:12 0

ހއ. ހޯރަފުށި

މި ސަރުކާރަކީ ވައުދުވެފައި, އެ ވައުދު ނުފުއްދާ ދޫކޮށްލާނެ ބައެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ, ހޯރަފުށީ ރައްޔިތުންނަކީ އުއްމީދުތަކެއް ކުރަމުން އަންނަ ބައެއް ކަމަށާއި, ރަށުގެ އެކި ކަންކަމަށް ބަދަލުތަކެއް ބޭނުންވި ރައްޔިތުން ކަމަށެވެ.

ނަމަވެސް މީގެ ކުރިން އެކަންތައްތައް އޮތީ ލިޔުމާއި, ވާހަކައިގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު އައިފަހުން ފެންނަމުންދަނީ ހޯރަފުށީ ރައްޔިތުން އުއްމީދުކުރި ކަންކަން ވަމުންދާތަން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ރައީސް ވަނީ ހޯރަފުށީ އެއާޕޯޓާއި, ފުޓްބޯޅަ ދަނޑާއި, އައިސްޕްލާންޓުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނަންގަވާފަ އެވެ.

އަޅުގަނޑުމެންނަކީ ވައުދުވެފައި ދޫކޮށްލާނެ ބައެއް ނޫން.

ރައީސް ހޯރަފުއްޓަށް ވަޑައިގެންނެވިއިރު, އެރަށު ރައްޔިތުން އެންމެ ބޭނުންވެފައި ތިބީ ހޮސްޕިޓަލަކަށެވެ. ވައުދުވެފައި ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ޓެންޑާކޮށްފައިވާ ކަމަށާއި, މިހާރު އެކަން އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

ހޮސްޕިޓަލުގެ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރާނީ ރަނގަޅު ބަޔަކާ ކަމަށާއި, ފަށާގޮތަށް ނިންމާނެ ބަޔަކާ ކަމަށެވެ. އަދި ދެން ހޯރަފުއްޓަށް ދަތުރެއް ކުރައްވާނީ އެ ހޮސްޕިޓަލުގެ މަސައްކަތް ނިންމަވާފައި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑުގެ ހަނދާން އާކުރައްވާ ނަޝީދަށް ބަހުގެ ހަމަލާ

ކޮވިޑުގެ ވާހަކަދައްކަވަމުން ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާ އަމާޒުކުރައްވާ ރައީސް ވިދާޅުވީ އެ ދުވަސްވަރު ޕާޓީގެ އެތެރެއިން ވެސް އެމަނިކުފާނަށް ދަތިތައް ކުރިމަތިވި ކަމަށެވެ.

އެމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ވަނީ ކޮވިޑުގެ ދުވަސްވަރު ނަޝީދު ވިދާޅުވި ބައެއް ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން, ކޮވިޑަކީ އާންމު ރޯގާއެއް ކަމަށާއި, ކޮންމެވެސް ބަޔަކު މަރުވެފައި ހާލަތު ރަނގަޅުވެދާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަ ރައީސް ވަނީ މެމްބަރުންނަށް ހަނދާކޮށް ދެއްވައިފަ އެވެ.

ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވާ ރައީސް ވިދާޅުވި ކޮވިޑާމެދު ފިޔަވަޅުއެޅުމާ ދެކޮޅަށް ނަޝީދު ނުކުންނެވިއިރު, ބޯޑަރު އަލުން ހުޅުވުމާމެދު ވެސް ފާޑުކިއުން އަމާޒުވި ކަމަށެވެ.

ބޯޑަރު ހުޅުވަން އުޅުމުން ވިދާޅުވީ އެކަމަށް ވެސް ނޫނެކޭ ވިދާޅުވެ ރާއްޖެއަށް އަންނާނެ ބަޔަކު ނުވާނެ ކަމަށާއި ޑިސެމްބަރު މަހުގެ ކުރިން ބޯޑަރު ހުޅުވުމުގެ ބޭނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން އެކަމަށް ނޫނެކޭ ބުނެ ބޯޑަރު ހުޅުވީ ކަމަށެވެ.

"އެ ފިޔަވަޅުތައް ނޭޅި ނަމަ ރާއްޖެ އޮންނާނީ ބަނޑަށް ޖެހިފައި, މިއަދު ހިތްހަމަޖެހިފައި ތި ތިބެނީ އެ ފިޔަވަޅުތައް އެޅުމުން،" ކޮވިޑުގެ ދުވަސްވަރު ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން މިއަދު މިއީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ހޯރަފުށީގައި; ނަޝީދަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވި


މީގެ އިތުރުން ވެސް ވަނީ ހޯރަފުށީގައި ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފަ އެވެ. އެގޮތުން މި ސަރުކާރަކީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަން ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި, ކުރާ ކަންކަން އަލުން ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވި އެވެ.

"ތަރައްގީގެ މަޝްރޫއަކީ ޕްލޭން ކުރެވި, ފައިސާ ހޯދާ ކުރިއާލާ ވިސްނައިގެން ކުރާ ކަމެއް،" މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަނެއްކާ ފަސް އަހަރުފަހުން ކުރިއަށް ގެންދަން ނުޖެހޭ ގޮތަށް ކަންކަން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތުން ކުރިއަށް އޮތް 20-30 އަހަރު ވަންދެން ތަންތަން ދެމިއޮންނާނެ ކަމަށެވެ. އެހެންކަމުން އަންނަ ބަޖެޓެއްގައި އެހެން ކަންތައް ކުރާނެ ފައިސާ ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ކެމްޕޭނު ޖަލްސާތަކުގައި ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ މަޝްރޫއުތައް ހިންގުމުގައި ހޯރަފުށީ ދާއިރާގައި ހިމެނޭ ތުރާކުނާއި އުލިގަމުގެ ރައްޔިތުން ވެސް ބާކީ ނުކުރައްވާނެ ކަމަށެވެ.

ތާއީދު ޔަގީން؛ އެކަމަކު ވެސް ވަޑައިގެންނެވީ

ހޯރަފުށީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށަށް ވަޑައިގެންނެވުމުގެ ކުރިން އެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމާ ފޯނުން ވާޙަކަ ދެއްކެވި ކަމަށެވެ. އެގޮތުން, ހޯރަފުއްޓަށް ވަޑައިގަންނެމުގެ ބަދަލުގައި އެހެން ރަށްރަށަށް ވަޑައިގެންނެވުމަށް ސަލީމް އެދިވަޑައިގެންނެވި ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ހޯރަފުށީ ރައްޔިތުން ގޮތެއް ނިންމާފައި އޮތުމެވެ.

ނަމަވެސް މި ސަރަހައްދަށް އައިސް, މިރަށަށް ނައިސް, މިރަށުގެ ރައްޔިތުންނާ ބައްދަލުނުކޮށް ދިއުން ހިތްހަމައެއް ނުޖެހުނު

ރައީސް ވިދާޅުވީ ހޯރަފުށީ ދާއިރާއިން އެމަނިކުފާނު ބޮޑުތަނުން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް; ރައީސަށް ދެއްވީ އޭ ޕްލަސް ރިޕޯޓެއް


ހޯރަފުށީ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އަހުމަދު ސަލީމް ވެސް ވަނީ ރައީސް ސޯލިހަށް ތައުރީފު ކުރައްވާފަ އެވެ. އެގޮތުން ވެރިކަމުގެ ހަތަރު އަހަރަށްފަހު ރައީސް ވަޑައިގެންނެވީ ކޮށްދެއްވި ކަންކަމާމެދު ރައްޔިތުން ހިތްހަމަޖެހޭތޯ އެއްސެވުމަށް ކަމަށްވާނަމަ ރައީސަށް ދެއްވާނީ އޭ ޕްލަސް ކަމަށެވެ.

ޓާމް ނުނިމެނީސް އޭ ޕްލަސްއެއް ހޯއްދަވައިފި - މެމްބަރު ސަލީމް

ސަލީމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހަކީ ވައުދުތައް ހަގީގަތަކަށް ހަދައިދެއްވާ ރައީސް ކަމަށާއި, އެމަނިކުފާނު ތަރައްގީ ގެނެސްދެއްވަނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމަށެވެ. އަދި އެ ތަރައްގީ ލޯމަތިން ފެންނަން ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ހޯރަފުށީގެ 3000 މީހުންގެ އާބާދީގެ 80 ޕަސަންޓު މީހުންނަކީ އެމްޑީޕީއަށް ތާއީދުކުރާ މީހުން ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ. އޭގެ ތެރެއިން ވެސް މެޖޯރިޓީ އަކީ ރައީސް ސޯލިހަށް ތާއިދު ކުރާ ފަރާތްތައްކަން އެރަށު ކައުންސިލުން ހިސާބު ޖަހަ އެވެ.