Advertisement

މާނޭ، ޗެމްޕިއަންސް ލީގަށް ފިޓްވާނެ

13 ޖަނަވަރީ 2023 - 06:28 0


މާނޭ، ޗެމްޕިއަންސް ލީގަށް ފިޓްވާނެ

13 ޖަނަވަރީ 2023 - 06:28 0

މިއުނިކް (ޖެނުއަރީ 13) - އަންނަ މަހު ފަށާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރަށް ބަޔާން މިއުނިކްގެ ފޯވާޑް، ސަޑިއޯ މާނޭ ފިޓްވާނެ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ލިވަޕޫލް ދޫކޮށް މި ސީޒަނުގައި ބަޔާން އަށް ބަދަލުވި މާނޭ، 30، އަށް އަނިޔާވީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު، ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ވާޑާ ބްރެމެން ބަލިކުރި މެޗުގަ އެވެ. އެ މެޗުގައި މާނޭގެ ކަކުލަށް އަނިޔާވެގެން 20 ވަނަ މިނިޓްގައި ޖެހުނީ އޭނާ ބަދަލުކުރާށެވެ.

މާނޭ އަށް އަނިޔާވިއިރު، ފީފާ ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައި އޮތުމުން، ސެނެގާލް މެޑިކަލް ޓީމުގެ ލަފަޔާ އެކު، އެންމެ ފުރަތަމަ މިއުނިކާއި އޮސްޓްރިއާގައި ޓެސްޓްތަކެއް ހެދިއިރު، އޭގެ ރިޕޯޓްތަކުން ފުރަތަމަ ދެއްކީ މާނޭ އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށެވެ.

އެހެންވެ، ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ވަނީ ސެނެގާލުން ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި މާނޭ ހިމަނައިފަ އެވެ. ސެނެގާލުން ވިސްނައިގެން ހުރީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗާ ހަމައިން މާނޭ އަށް ކުޅެވޭނެ ކަމަށެވެ. އެކަމަކު، އަނިޔާގެ ތަފްސީލް ދެނެގަންނަން ފަހުން ހެދި އިތުރު އެމްއާރްއައި އިން އެނގުނީ ކަކުލަށް ލިބިފައިވާ އަނިޔާއިން މާނޭ އެއްކޮށް، ރަނގަޅުވާން އޮތީ އޮޕަރޭޝަނެއް ކޮށްގެން ކަމެވެ. އެ ގޮތަށް ސެނެގާލްގެ މެޑިކަލް ޓީމުން ވެސް ނިންމައި، މާނޭ އޮޕަރޭޝަން ކުރަން ނިންމީ އެވެ.

ބަޔާނުން މި ވަގުތު ގަތަރުގައި ގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން ނާގަލްސްމަން، މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ މާނޭގެ ރިކަވަރީ ކަންކަން ދަނީ އުންމީދުކުރި ވަރަށް ވުރެ އަވަސް ދުވެލީގައި ކަމަށެވެ.

"އަހަރެން އުންމީދުކުރަން ޕެރިހާ (ޕީއެސްޖީއާ) ދެކޮޅަށް އޭނަ (މާނޭ) އަށް ކުޅެވޭނެ ކަމަށް. އަހަރެންގެ ސިކުނޑީގައި މި ވަގުތު އޮތީ ފުރަތަމަ މެޗަށް ވެސް އޭނާ ކުޅުވާ ގޮތަކަށް ނޫން. އަހަރެމެން ޖެހޭނީ މެޑިކަލީ މީގެ ހުރި ކަންކަަމަށް ވިސްނަން. ފެބްރުއަރީގައި މާނޭ އެނބުރި އަންނާނެ،" ނާގަލްސްމަން ބުންޏެވެ.

ވޯލްޑް ކަޕާއި ފިނި މޫސުމަށް ނެގި ބްރޭކަށް ފަހު ޖަރުމަނު ލީގުގެ ކުޅުން ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި މާނޭ، އަންނަނީ ބަޔާނަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން ބަޔާނަށް ކުޅެދިން 23 މެޗުން މާނޭ ވަނީ 11 ލަނޑު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޖަރުމަނު ލީގަށް ވަކިން ބަލާނަމަ މާނޭ ވަނީ ހަ ގޯލު ޖަހައި، ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ.

ޕީއެސްޖީއާ ދެކޮޅަށް ބަޔާނުން ޗެމްޕިއަންސް ލީގުގައި ކުޅޭ ގަދަ 16 ބުރުގެ ފުރަތަމަ ލެގު އޮންނާނީ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ، ދެ ވަނަ ލެގު އޮތީ، މާޗް މަހުގެ އަށް ވަނަ ދުވަހު އެވެ.