Advertisement

އާރުޓީއެލްގެ ބަސްތަކަށް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި

11 ޖަނަވަރީ 2023 - 07:30 0

އާރުޓީއެލްގެ ބަސްތަކަށް ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު އެމްޑީ އާދަމް އާޒިމް އިފްތިތާހުކޮށްދެނީ -- ފޮޓޯ: އަދަދު


އާރުޓީއެލްގެ ބަސްތަކަށް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި

11 ޖަނަވަރީ 2023 - 07:30 0

މާލެ ސަރަހައްދުގައި ދުއްވާ އާރުޓީއެލްގެ ބަސްތަކަށް ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން މިއަދު ހަމަޖައްސައިފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ހިދުމަތުގެ އަޖުމަ ބެލުމުގެ ދަތުރުތައް ކުރުމަށްފަހު އެ ހިދުމަތް އިއްޔެ ތައާރަފުކޮށް ދެއްވީ އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް އެވެ.

އެ ހިދުމަތް ތައާރަފު ކޮށްދިނުމަށްފަހު އާޒިމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި ފައިސާ ދެއްކުމަށް ކާޑު ބޭނުން ކުރެވޭ ގޮތަށް ހެދީ ބަހުގައި ދަތުރު ކުރާ ފަސިންޖަރުންނަށް ނަގުދު ފައިސާ ބޭނުން ކުރުން އެއީ އެހާ ފަސޭހަ ކަމެއް ނޫންކަމުގައި ވާތީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ ތިން ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންނަށް މިހާރު އާރުޓީއެލްގެ ބަސްތަކަށް ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އާރުޓީއެލްގެ ބަސްތަކުން މާލެ ތެރޭގެ ދަތުރަކަށް ނަގާ އަގަކީ ހަތް ރުފިޔާ އެވެ. ނަމަވެސް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކުމުން ބަސްތަކުގައި ހިލޭ ދަތުރު ކުރެވޭނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ އެވެ. އޭގެއިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އެވެ.

އާރުޓީއެލްގެ ބަސްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިނތިޒާމު ހަމަޖައްސަވައިދެއްވީތީ އާޒިމް ވަނީ އެ ބޭންކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފަ އެވެ.