20 ޑިސެންބަރު 2022 - 17:28 0
20 ޑިސެންބަރު 2022 - 17:28 0
ލިވަޕޫލް (ޑިސެމްބަރު 20) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު މޮރޮކޯ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު ސޯފްޔަން އަރަބަތު އަށް ލިވަޕޫލުން 50 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ފިއޮރެންޓީނާ އަށް ކުޅޭ އަމްރަބަތު، 26، އަށް ލިވަޕޫލްގެ އިތުރުން ގިނަ ކްލަބްތަކެއްގެ ލޯ ވަނީ އަމާޒުވެފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އަމްރަބަތަކީ އެ ޓީމުގެ ސިސްޓަމާ ވަރަށް ގުޅޭ ކުޅުންތެރިއެއް ކަމަށްވާތީ، އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި އަމްރަބަތުގެ ސޮއި ހޯދަން ޓީމުގެ ބޯޑަށް އަންގައިފަ އެވެ. އަމްރަބަތުގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އާއި ބެންފީކާ އަށް ކުޅޭ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒަށް ވެސް ލިވަޕޫލުން ފާރަލަ އެވެ. އެންޒޯ ފެނާންޑޭޒަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ.
ފްރާންސްގެ ކީިލިއަން އެމްބާޕޭ (ކ) މޮރޮކޯގެ އަމްރަބަތު އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
މި ތިން މިޑްފީލްޑަރުންގެ ތެރެއިން އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން އެންމެ ފުރަތަމަ ބިޑްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަނީ އަމްރަބަތު އަށެވެ. އެ ގޮތުން އަމްރަބަތުގެ ސޮއި ހޯދަން ލިވަޕޫލުން 50 މިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރުކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނެދަލެންޑްސްގެ 15 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު، އަމްރަބަތު ފަހުން ވަނީ މޮރޮކޯގެ 17 އަހަރާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. އަދި އެ އަށް ފަހު، 2017 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ މޮޮރޮކޯގެ ސީނިއާ ގައުމީ ޓީމަށް ގަވާއިދުން ކުޅެމުންނެވެ.
ކްލަބް ކެރިއަރުގައި އަމްރަބަތު އެންމެ ފުރަތަމަ ފެނުނީ ނެދަލެންޑްސްގެ ޔޫޓްރެކްޓް އިންނެވެ. އެ ޓީމަށް 2014 އިން 2017 ވަނަ އަހަރާ ހަމައަށް ކުޅުމަށް ފަހު، ދެން އެއް ސީޒަނުގައި ކުޅުނީ ފެޔަނޫޑް އަށެވެ. ބެލްޖިއަމްގެ ކްލަބް ބްރޫޖަށް 2018-2020 އަށް ކުޅުނުއިރު، ލޯން އުސޫލުން އިޓަލީގެ ހެލަސް ވެރޯނާ އަށް ކުޅުނެވެ. ފަހުން އެ ޓީމުން އަމްރަބަތުގެ އެއްބަސްވުން ދާއިމީ ކުރި އެވެ. އެ ޓީމުގައި އެކަށޭނެ ފުރުސަތު ނުލިބޭތީ މިދިޔަ ދެ އަހަރު ކުޅެމުން އައީ ފިއޮރެންޓީނާ އަށެވެ.
މޮރޮކޯ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރިއިރު، ހުރިހާ މެޗެއްގައި އެއް ފެންވަރެއްގެ ކުޅުމެއް ދެއްކި އަމްރަބަތުގެ ސޮއި ހޯދާއިރު، ލިވަޕޫލުން ދޫކޮށްލާނެ ކަމަށް ބެލެވެނީ އެ ޓީމަށް ކުޅޭ ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އެވެ. އަނިޔާގެ މައްސަލަތަކާ ހެދި ލިވަޕޫލްގައި ކެއިޓާ އަށް އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ.
Comment