20 ޑިސެންބަރު 2022 - 11:37 0
ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު
20 ޑިސެންބަރު 2022 - 11:37 0
މި އަހަރު ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު އޭވީސީ ސެންޓްރަލް އޭޝިއަން ޒޯންގެ ވޮލީބޯޅަ މުބާރާތް، ސެންޓްރަލް ޒޯން ސީނިއާ މެންސް އެންޑް ވިމެންސް ޗެލެންޖް ކަޕްގެ އަންހެން އަދި ފިރިހެން މުބާރާތް ރާއްޖޭގައި ނުބޭއްވޭނެކަން ކަށަވަރުވެއްޖެ އެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު، ބަންްގްލަދޭޝްގައި ބޭއްވި އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބައްދަލުވުމުގައި ވަނީ މި އަހަރުގެ ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ދީފަ އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި އަހަރަށް ކަނޑައެޅި ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 18 ވަަނަ ދުވަހު ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން ޗެލެންޖް ކަޕް މާލޭގައި ފަށާނެ ކަމަށް ވަނީ ހިމަނައިފަ އެވެ.
"އަދަދު" އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެމުން ވީއޭއެމުން ވެސް ވަނީ ޗެެލެންްޖް ކަޕް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ހާމަކޮށްފަ އެވެ.
ރާއްޖޭގައި މީގެ ކުރިން ވަނީ 2017 ވަނަ އަހަރު ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތަކާއި އަންހެން ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތެއް ހޯސްޓްކޮށްފަ އެވެ.
ރާއްޖޭގައި މި އަހަރު ވަނީ އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ މުބާރާތެއް ބާއްވައިފަ އެވެ. ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނުގެ އެ މުބާާރާތް ކުރިއަށްދިޔައީ މިދިޔަ އޮކްޓޫބަރު މަހު ސަން އައިލެންޑްގަ އެވެ.
ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް މި އަހަރުގެ މާޗް މަހު ވަނީ ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ސާޖިއޯ ވެލޯސޯ ހަމަޖައްސައިފަ އެވެ. ވެލޯސޯގެ އިރުޝާދުގެ ދަށުން ނުވަ ވަރަކަށް މަސް ދުވަހު ގައުމީ ޓީމުން ޕްރެކްޓިސް ކުރި މައިގަނޑު ޓާގެޓަކީ މި އަހަރުގެ އޭވީސީ ޗެލެންޖް ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރެ، ޕޯޑިއަމް ފިނިޝް އަކާ ހަމައަށް ދިއުމަށެވެ.
އެކަމަކު، އެ މުބާރާތް އެންމެ ފަހު ވަގުތު ނުބޭއްވި، މި އަހަރު ގައުމީ ވޮލީ ކުޅުންތެރިންނަށް ވަނީ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން ގިނަ ކުޅުންތެރިން ފާހަގަކުރާ ގޮތުގައި ރަށްރަށުގައި ކުރިއަށްދާ ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުން ލިބޭ އާމްދަނީ ދޫކޮށްލުމަށް ފަހު، ގައުމީ ޓީމަށް ހުރިހާ ވަގުތެއް ހުސްކޮށްގެން، މި އަހަރު ބަރާބަރަށް ޕްރެކްޓިސް ކުރިއަށް ގެންދިޔައީ، ސެންޓްރަލް ޒޯން މުބާރާތަށް ޓާގެޓް ކޮށްގެންނެވެ.
ދާދި ފަހުން ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައުދީ އަަރަބިއްޔާގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން ވަނީ މި ޓްރެއިނިން ކޭމްޕްގެ ފުރުސަތު ހޯދައިދިނީތީވެ، ޔޫތު މިނިސްޓްރީ އަށް ޝުުކުރު އަދާކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅުގައި ރާއްޖޭގައި އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ޕްރެކްޓިސްތައް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްގެންދިއުމަށް ދިމާވި ދަތިތަކާ ގުޅިގެން، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް، ކުޅުންތެރިންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ވަނީ ރާއްޖޭގައި އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތެއް ހޯސްޓް ކުރުމުގެ ކަންކަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދިން ފުރުސަތުތަކެއްގައި މީގެ ކުރިން ގައުމީ ވޮލީ ޓީމު ވަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ އިތުރުން، މާލޭގައި އެކި ފަހަރު މަތިން ސަރަަހައްދުގެ އެކި ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ ވޮލީ މެޗުތަކެއް ކުޅެފަ އެވެ. ރާއްޖެ އަށް މެޗު ކުޅެން ގެނައި ވޮލީ ޓީމުތަކުގެ ތެރޭގައި ސްރީ ލަންކާގެ ގައުމީ ޓީމާއި ބަންގްލަދޭޝްގެ ގައުމީ ޓީމުގެ އިތުރުން އިންޑިއާގެ ކްލަބެއް ވެސް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment