Advertisement

ހުލާސާކޮށް އިއްޔެ: ކުނި އެތެރެކުރަން ހުއްދަ ނުދިނުމަށް ނިންމުން

20 ޑިސެންބަރު 2022 - 07:38 0

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ކުނި އެތެރެކުރަން ހުއްދަ ނުދިނުމަށް ނިންމުން

20 ޑިސެންބަރު 2022 - 07:38 0

ކުނި މެނޭޖުކުރުމުގެ ގާނޫނު ތަސްދީގު ކުރި ނަމަވެސް، ރާއްޖެ އަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ ގޮތަށް ގަވާއިދު އެކުލަވާ ނުލާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ އަސާސްތަކާއި ޒިންމާތަކާއި ފީނެގުމާއި ކުންޏާ ގުޅޭ ކުށްތަކާއި ޖޫރިމަނާ ބަޔާންކޮށްފައިވާ މި ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތަކުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖެ އަށް ކުނި އެތެރެކުރެވިދާނެ ކަމަށް ލިޔުނެވެ.

ނޮވެމްބަރު 28 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެ އެތެރެކޮށްގެން ނުވާނެ ކަމަށެވެ. ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެފަދަ ހުއްދައެއް ދޭންވާނީ މިނިސްޓްރީން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

ގާނޫނުގައި އެގޮތަށް އޮތް ނަމަވެސް، "ކުނި އެތެރެކުރުމުގެ ހުއްދަ ނުދޭނެ" ކަމަށް މިނިސްޓަރު ޝައުނާ އިއްޔެ ވިދާޅުވީ "އަދަދު" ނޫހާ ވާހަކަ ދައްކަވަމުންނެވެ.

"އެކަމަށްޓަކައި ހާއްސަ ގަވާއިދެއް ހަދަންޖެހޭ ކަމަށް ގާނޫނުގައި އެބަ އޮތް. އެ ގަވާއިދު ހަދައި ކުނި އެތެރެކުރުމުގެ ހުއްދަ ދޭން ބޭނުމެއް ނުވޭ. އެކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން. އަދި އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވާފައިވާއިރު، ޝައުނާ ވިދާޅުވީ އެ ގާނޫނުގެ 44 ވަނަ މާއްދާ އިސްލާހުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރެއްވީ، ކުނި އެތެރެކުރަން ހުއްދަ ދެވޭ ގޮތަށް އޮތް ބަޔަށް ވުރެ މާ މުހިންމު ގިނަ ކަންތައްތަކެއް ހުރުމުން، އެކަންކަން ހާސިލުކުރުމަށްޓަކައި. ކުނި އެތެރެކުރުމާ ގުޅޭ ބައި އިސްލާހުކުރަން މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނަން،" ޝައުނާ ވިދާޅުވި އެވެ.

މި ގާނޫނާ މެދު މަދަނީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް އޮތީ ބަންޑުކޮށްލައިފަ އެވެ. ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިން އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭ ގޮތަށް 17 ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނީ ކުނި މެނޭޖުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

އެ ޖަމިއްޔާތަކުން ގޮވާލީ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށާއި، ކަންބޮޑުވުންތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލެއް ހޯދުމަށް އަދި އެހެން ގައުމުތަކުގެ ކުނި އުކާލާ ތަނަކަށް ރާއްޖެ ނުހެދުމަށެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަ މަސް ދުވަސްތެރޭގައި ގެޒެޓްކުރަންޖެހެ އެވެ. އަދި, ކުނި މަދުކުރުމުގެ ގައުމީ ސްޓްރެޓެޖީ އަކާއި ކުނި މެނޭޖުކުރުމާ ގުޅޭ މާސްޓަޕްލޭނެއް އެއް އަހަރު ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލައި އާންމުކަން ޖެހެ އެވެ. ކުނި އުފެއްދުން މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ދެވޭ އިނާޔަތްތަކުގެ ޕްލޭނެއް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ކުނި މަދުކުރުމަށާއި ތިމާވެށި ތަޣައްޔަރުކުރާ ތަކެއްޗަށް ވުރެ އަގުހެޔޮކޮށް ތިމާވެއްޓާ ރައްޓެހި ތަކެތި ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން އިމްޕޯޓު ޑިއުޓީގެ ލުއިތައް ދެވޭނެ ބާވަތުގެ މުދަލާއި ކުނި މަދުކުރުމަށާއި ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމަށާއި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް ކުރިއެރުވުމަށާއި ހިތްވަރު ދިނުމުގެ ގޮތުން އިމްޕޯޓް ޑިއުޓީން ލުއި ދެވޭނެ ބާވަތްތައް ކަނޑައަޅަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

މި ގާނޫނުން ކައުންސިލްތަކަށް ވެސް ގިނަ ބާރުތަކެއް ދީފައިވެ އެވެ. ރަށު ފެންވަރުގައި އަދި ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ކަންކަން ހިންގާނެ ގޮތުގެ ހަމަތަކާއި އުސޫކުތައް ބަޔާންކުރާ ގައިޑްލައިނެއް އެކުލަވާލުމަކީ ކައުންސިލް ނުވަތަ ރިސޯޓެއް، ސިނާއީ ރަށެއް ނަމަ މެނޭޖްމެންޓްގެ ޒިންމާއެކެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫނިމަނާ ކުރެވެ އެވެ. އެގޮތުން ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ޑިސްޓްރިބިއުޓްކުރުމަކީ 100،000ރ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޖޫރިމަނާއަށް އަންނާނެ ކުށެކެވެ. އަދި ނުރައްކާތެރި ކުނި ރާއްޖޭން ބޭރުކޮށްފި ނަމަ ކުރާ ޖޫރިމަނާ ވެސް ފަސް މިލިއަން ރުފިޔާއަށް އަރަ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން ފިޔަވައި ނުރައްކާތެރި ކުންޏާއި ކެމިކަލް މާއްދާ އާއި ތެލާއި ތެލުގެ ބާވަތްތައް އެކުލެވިފައިވާ އެއްޗެއް ބިމަށް ނުވަތަ ފެންގަނޑަކަށް ނުވަތަ މޫދަށް ނުވަތަ ކަނޑަށް އެޅުން މަނާވާނެ އެވެ. އެފަދަ ކަމެއް ކޮށްފި ނަމަ ކުރާ ޖޫރިމަނާގެ އަދަދަކީ އެއް މިލިއަނާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މި ނޫން ވެސް އިތުރު ޖޫރިމަނާތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

  • ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ދަފްތަރު އޮތީ ރަނގަޅަށް ކަމަށާއި އޭގެ ސައްހަކަމާމެދު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފެއްދެވީތީ ހިތާމަ ކުރާ ކަމަށް އެ ޕާޓީގެ ސެކެޓްރިއޭޓުން ބުނީ ރޭގަ އެވެ.
  • ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރޭ ބައްދަލުކުރެއްވެވި އެވެ.
  • ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލުތައް ހިމެނޭ ގޮތަށް ދައުލަތުން ގެރެންޓީ ދޭ އުސޫލު އިސްލާހުކޮށް ގެޒެޓްކުރިކަން އިއްޔެ ރިޕޯޓުކުރި އެވެ.
  • ލޯކަލް އޮތޯރިޓީ ކޮމްޕެނީ ރެގިއުލޭޝަންގެ ދަށުން ކުންފުނި ރަޖިސްޓްރީ ކުރި ފުރަތަމަ ކައުންސިލަކަށް އއ. ތޮއްޑޫ ކައުންސިލްވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
  • ދެމެހެއްޓެނިވި ގޮތެއްގައި ކުނި ބަލަހައްޓަން ޖަޕާނު ސަރުކާރުން ރާއްޖެއަށް 80 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރި އެވެ.
  • ކޮރަޕްޝަންގެ މައްސަލަތަކެއްގައި ރ. ދުވާފަރު ރަށު ކައުންސިލުގެ ހުރިހާ މެމްބަރުން ގެއަށް ފޮނުވާލާފައި ހުއްޓައި، މިދިޔަ އަހަރު އެ ކައުންސިލުން ބިޑަކަށް ނުލައި 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވިކަން ރިޕޯޓުކުރި އެވެ.
  • އަނބިމީހާ މަރާލި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހުނު، އަބޫބަކުރު ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ އިއްޔެ ހަވާލުކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ދަފްތަރު އޮތީ ރަނގަޅަށް ކަމަށާއި އޭގެ ސައްހަކަމާމެދު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފެއްދެވީތީ ހިތާމަ ކުރާ ކަމަށް އެ ޕާޓީގެ ސެކެޓްރިއޭޓުން ބުނެ ނެރުނު ބަޔާނުގައި ބުނެފައިވަނީ؛

ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ މި ޕާޓީން އިސްކަންދޭ ކަމެއް. އެމްޑީޕީއަކީ އަބަދުވެސް މި ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއެެއް"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ އެމްއެމްބީއޭގެ ބަނޑުފިލާ ޗެލެންޖުގައި ކުޑަކުއްޖަކު ރާޅާ އަޅަނީ. -- ފޮޓޯ: އަބްދުﷲ އިޔާން