8 ޑިސެންބަރު 2022 - 14:06 0
8 ޑިސެންބަރު 2022 - 14:06 0
ބޮޑީބިލްޑިންގެ ދުނިޔޭގެ ޖަމިއްޔާ، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް)ގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބުކޮށްފި އެވެ.
މިހާރު ތައިލެންޑްގެ ޕުކެޓްގައި ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތެެރެއިން ކުރިއަށްދިޔަ ދުނިޔޭގެ ބޮޑީބިލްޑިން އެންޑް ފިޒީކް ފެޑެރޭޝަންގެ އިންތިހާބުގައި އިއްބެ ކާމިޔާބު ހޯދީ އިރާންގެ އާމިރުއާ ވާދަކޮށް، ގިނަ ގައުމުތަކެއްގެ ފުރިހަމަ ތާއީދާ އެކު އެވެ.
އިއްބެ އަށް، ދުނިޔޭގެ ފެޑެރޭޝަންގެ މި އިސް މަގާމު ލިބުމުގައި މި އަހަރު ރާއްޖޭގައި ހޯސްޓްކުރި، ބޮޑީބިލްޑިން އޭޝިއާ ޗެމްޕިއަންޝިޕްގެ ތެރެއިން ކުރެވުނު މަސައްކަތްތައް އިސް ރޯލެއް ކުޅުނެވެ.
އިއްބެ އަކީ، ބޮޑީބިލްޑިންގެ ދުނިޔޭގައި އިސް ސަހުސިއްޔަތެއް ކަމަށްވާ، އޭޝިއާގެ ފެޑެރޭޝަނުގެ ރައީސް ސިންގަޕޫރުގެ ދަތުކު ޕޯލް ޗުއާގެ ވެސް އަރިސް ފަރާތެކެވެ. އޭގެ ސަބަބުންނާއި ބޮޑީބިލްޑިން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން، އިއްބެ ވަނީ 2019 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބުގެ މަގާމަށް ވެސް އިންތިހާބުވެވަޑައިގެންފަ އެވެ.
ރާއްޖޭގައި ވެސް ބޮޑީބިލްޑިން ކުރިއަރުވަން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާ އިއްބެ އަކީ ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ ލެވަލްގެ ޖަޖެއް ވެސް މެ އެވެ. ބައިނަލްއަގުވާމީ އެކި ގިންތި ތަކުގެ މުބާރާތްތަކުގައި ޖަޖެއްގެ ގޮތުގައި އިންސާފުކޮށްފައިވާ އިއްބެ، ހަރަކާތްތެރިވި މުބާރާތްތަކަށް ބަލާއިރު، ވޯލްޑް ޗެމްޕިއަންޝިޕް، އޭޝިއަން ޗެމްޕިއަންޝިޕް، ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގެ އިތުރުން ފާއިތުވި އަހަރު ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސްގައި ވެސް ވަނީ ޖަޖްކަން ކޮށް، ގިނަ ބަޔެއްގެ އިތުބާރު ހޯއްދަވައިފަ އެވެ.
ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ އެ ކުޅިވަރުތަކެއްގެ ދުނިޔޭގެ ފެޑެރޭޝަނުގައި މުހިންމު މަސައްކަތްތަކެއް ކޮށް، އިސް ރޯލުތަކެއް އަދާކުރައްވައިފަ އެވެ. އަދި މި ވަގުތު ވެސް އެކި ކުޅިވަރުތަކުގެ މަތީ ހަރުފަތްތަކުގައި މުހިންމު ޒިންމާތަކެއް އަދާކުރެ އެވެ.
އެ ގޮތުން، ބަލާއިރު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ވަނީ 2017 ވަނަ އަހަރު ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލް މެމްބަރެއްގެ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ބޯޑުގައި އޭޝިއާ ތަމްސީލްކުރާ މެމްބަރަކަށް، 2018 ވަނަ އަހަރު، ރާއްޖޭގެ ކްރިކެޓް ބޯޑުގެ އޭރުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އިންތިހާބުވެވަޑައިގެންއިރު، މި އަހަރުއައިސީސީ އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް ގައުމުުތައް ތަމްސީލްކުރާނެ ފަރާތަކަށް އިންތިހާބު ކޮށްފައިވަނީ ރާއްޖޭގެ ކްރިކެޓް ބޯޑުގެ މި ވަގުތު ހުންނެވި ރައީސް މުހައްމަދު ފައިސަލް އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment