Advertisement

ގަދަ 16 މެޗުގެ ކުރިން ވެން ހާލްގެ ރައްދު ފާޑުކިއުންތަކަށް

3 ޑިސެންބަރު 2022 - 10:22 0


ގަދަ 16 މެޗުގެ ކުރިން ވެން ހާލްގެ ރައްދު ފާޑުކިއުންތަކަށް

3 ޑިސެންބަރު 2022 - 10:22 0

ދޯހާ ގަތަރު (ޑިސެމްބަރު 3) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ އެމެރިކާއާ ދެކޮޅަށް ނުކުންނަން ނެދަލޭންޑްސް އިން ތައްޔާރުވަމުންދާއިރު، މެޗުގެ ކުރިން އެ ޓީމުގެ ކޯޗު ލުއީ ވެން ހާލް، މީޑިއާގެ ފަރާތުން އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދު ދީފި އެވެ.

މި މުބާރާތުގެ ތެރޭގައި ވެން ހާލްގެ ޓެކްޓިކްސް އަށް ނެދަލޭންޑްސްގެ މީޑިއާ އިން ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުކޮށްފަ އެވެ. މީޑިއާގެ އެންމެ ބޮޑު ފާޑުކިއުމަކީ 1970 ގެ އަހަރުތަކުން ފެށިގެން ނެދަލޭންޑްސްއާ ގުޅިފައިވާ އެޓޭކިން ފުޓްބޯޅަ މި އަހަރުގެ ވޯލްޑް ކަޕްގެ ނެދަލޭންޑްސްގެ ފަރާތުން ނުފެނުމެވެ.

ކޯޗެއްގެ ގޮތުގައި ވެން ހާލް ވަނީ ވޯލްޑް ކަޕްގައި ބަލިނުވެ، 10 މެޗު ހަމަކޮށްފައެވެ. ވެން ހާލްގެ އިރުޝާދުގެ ދަށުން ނެދަލޭންޑްސް އިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާ އަތުން ނެދަލޭންޑްސް ބަލިވީ ޕެނަލްޓީ ޖަހައިގެނެވެ.

ވެން ހާލް ބުނީ 2014 ވަނަ އަހަރު ނެދަލޭންޑްސްގެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރިއިރު ވެސް އޭނާ ގެންގުޅުނީ ހަމަ އެއް ޓެކްޓިކްސްތަކެއް ކަމަށެވެ. އަދި އޭނާގެ ޓެކްޓިކްސް އަށް އެއްވެސް ބަދަލެއް ގެންނަން ނުވިސްނާ ކަމަށެވެ.

"ހަމަ އެކައްޗެއް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އަހަރެން ބޭނުންކުރީ. ތަފާތެއް ނޯންނާނެ. ހަމަ ވަރަށް ނެގެޓިވް،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެން ހާލް ބުންޏެވެ.

"ހަމަ ކުރީގެ ވިސްނުމުގައި، ކުރިން ވެސް ބޭނުންކުރި ޓެކްޓިކްސް މިއީ. އަހަރެން މިއަށް އަލެއް ނޫން. ކުޅުންތެރިން ވެސް އަލެއް ނޫން. އެހެންވީމަ ހަމަޖެހިލައިގެން، އަހަރެން ކުރިންވެސް ކުޅުނު ގޮތަށް ކުޅޭނީ."

މި އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް އޭގެ އެއް ވަނަ ނެދަލޭންޑްސް ހޯދިއިރު، އެ ޓީމުން ވަނީ ސެނެގާލް އާއި ގަތަރު ބަލިކޮށްފަ އެވެ. އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ގަދަ 16ގެ ބުރުގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އެމެރިކާ ގުރޫޕް ބީގެ ދެ ވަނަ ހޯދީ އިންގްލެންޑާއި ވޭލްސްއާ އެއްވަރުކޮށް، އީރާން ބަލިކޮށްގެނެވެ.

ވެން ހާލް އެމެރިކާގެ ޓީމު ސިފަކުރީ މި އަހަރުގެ ވޯލްޑް ކަޕްގައި އޮތް "އެންމެ ރަނގަޅު" އެއް ޓީމުގެ ގޮތުގަ އެވެ.

"އަހަންނަށް ހީވަނީ ރަނގަޅު ޓީމެއްގެ މިސާލެއް ނަގަންޏާ، އެމެރިކާ ޓީމު މިސާލަކަށް ނެގިދާނެއޭ. ދެ ވަނަ ބުރަށް ދިޔަ ބައެއް ޓީމުތަކަކީ ވަކިވަކި ކުޅުންތެރިންގެ ތަފާތުން މޮޅުވި ޓީމުތައް. ޓީމެއްގެ ގޮތުގައި މާ ވަރުގަދަ ނޫނަސް. އެކަމަލު އެމެރިކާ އަކީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅު ބައެއް،" ވެން ހާލް ބުންޏެވެ.

ނެދަލޭންޑްސް އާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:00ގަ އެވެ.