Advertisement

ކާނި ހޮޓެލްސްއިން އުކުޅަހުގައި 123 މިލިއަން ރުފިޔާގެ ހޮޓަލެއް

24 ނޮވެންބަރު 2022 - 22:38 1

ހޮޓެލެއް ހެދުމަށް އުކުޅަހުން ކާނި ހޮޓެލްސްގައި 8000 އަކަފޫޓުގެ ބިން ދޫކުރުމުގެ އެއްބަސްވުމުގައި އެ ރަށުގެ ކައުންސިލާއެކު ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ ކާނި ހޮޓެލްސް


ކާނި ހޮޓެލްސްއިން އުކުޅަހުގައި 123 މިލިއަން ރުފިޔާގެ ހޮޓަލެއް

24 ނޮވެންބަރު 2022 - 22:38 1

ލޯކަލް ޓޫރިޒަމްގެ އެންމެ ވަރުގަދަ ކުންފުނި، ކާނި ހޮޓެލްސްގެ ހަ ވަނަ ހޮޓާ އުކުޅަހުގައި އިމާރާތް ކުރަން މިއަދު އެ ރަށުގެ ކައުންސިލާއެކު ސޮއިކޮށްފި އެވެ.

ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވީ އުކުޅަހުގައި ބިނާކުރާ 250 އެނދުގެ ހޮޓަލަކީ އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ)ގެ އިންވެސްޓްމެންޓެއް ކަމަށެވެ.

ކ. މާފުށި ފިޔަވައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އުކުޅަހުގައި ބިނާކުރާ އެ ހޮޓެލް ވާނީ އެރަށުގެ އެންމެ ބޮޑު ހޮޓަލެވެ. ދިހަ ބުރިއަށް އިމާރާތް ކުރާ އެ ހޮޓެލް ހެދުމަށް އުކުޅަހު ކައުންސިލުން ވަނީ އެ ރަށުގެ ސަންސެޓް ބީޗާ ދިމާއިން 8،000 އަކަފޫޓުގެ ބިމެއް ދޫކޮށްފަ އެވެ.

"މި ހަދަނީ ހަތަރު ސްޓާގެ ހޮޓަލެއް. އިރާދަ ކުރެއްވިއްޔާ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

އުކުޅަހުގައި އެ ހޮޓެލް ހިންގަން ފެށުމުން ގާތްގަނޑަކަށް 100 މީހުންގެ ވަޒީފާ އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯލްޑު އެވޯޑާއެކު އަބްދުﷲ އަދި އާސިމާ، ރައީސް ސޯލިހުގެ އާއި އަނބިކަނބަލުން ފަޒުނާއާއެކު.


ހޮޓެލްގެ އެކްއިޒިޝަން ފީގެ ގޮތުގައި 1،102،000ރ. ކައުންސިލަށް ދައްކާފައިވާއިރު، ބިމުގެ ކުއްޔަކީ މަހަކަށް 156،000ރ އެވެ. ނަމަވެސް ކުލި ހިނގަން ފަށާނީ 18 މަސް ފަހުންނެވެ.

ކާނި ހޮޓެލްސް އަކީ އަބްދުﷲ އާއި އަނބިކަނބަލުން އާސިމާ ސަލީމްގެ ކުންފުންޏެކެވެ. އެ ދެމަފިރިން ގެސްޓް ހައުސްގެ ވިޔަފާރި ފެށީ 2008 ވަނަ އަހަރު މާލޭގައި ހުޅުވި ކާނި ލޮޖުންނެވެ. އެއަށް ފަހު މާފުށީގައި 2012 ގައި 18 ކޮޓަރީގެ ކާނި ބީޗު ހުޅުވި އެވެ. މިހާރު އެރަށުގައި ހުންނަ ކާނި ވިލެޖް، ކާނި ގްރޭންޑު ސީވިއު އަދި ކާނި ޕާމް ބީޗު އަކީ ކާނި ހޮޓެލްސްގެ ތަންތަނެވެ.

ރަށެއްގައި މިހާރު ހުރި އެންމެ ބޮޑު ހޮޓަލަކީ މާފުށީ ކާނި ޕާމް ބީޗެ އެވެ. އެ ހޮޓަލާއެކު ކާނި ހޮޓެލްސްގެ 494 އެނދު އެ ރަށުގައި އެކަނި ހުރެ އެވެ.

ކާނި ހޮޓެލްސްއިން އުކުޅަހުގައި ހަދާ ހޮޓެލްގެ ކުރެހުމެއް


ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ގޯލްޑު އެވޯޑު އަބްދުﷲ އަށް ލިބުނެވެ. އަދި މޯސްޓް އިނޮވޭޓިވް ޓޫރިސްޓް ފެސިލިޓީއެއްގެ ގޮތުގައި ކާނި ގްރޭންޑް ސީވިއު އަށާއި އެކްސަލެންސް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިޕިލިޓީ ދާއިރާއިން ރައީސްގެ ގޯލްޑު އެވޯޑު ކާނި ބީޗަށް ލިބުނެވެ.