Advertisement

ގާނާގެ ކޯޗު ބުނަނީ ރޮނާލްޑޯ އަށް މާބޮޑު ސަމާލުކަމެއް ނެތް ކަމަށް

24 ނޮވެންބަރު 2022 - 16:07 0


ގާނާގެ ކޯޗު ބުނަނީ ރޮނާލްޑޯ އަށް މާބޮޑު ސަމާލުކަމެއް ނެތް ކަމަށް

24 ނޮވެންބަރު 2022 - 16:07 0

ދޯހާ (ނޮވެމްބަރު 24) - ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި ގާނާއާ ދެކޮޅަށް މިރޭ ނުކުންނާނެ އެވެ. މި މެޗުގެ ކުރިން، މީޑިއާގެ ފަލަ ސުރުހީތަކަށް، ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯގެ ރޮނާލްޑޯގެ ގިނަ ވާހަކަތަކެއް ވަނީ އަރައިފަ އެވެ. އެކަމަކު، މެޗުގެ ކުރިން ގާނާގެ ކޯޗު އޮޓޯ އަޑޯ ބުނީ ރޮނާލްޑޯ އަށް ސަމާލުކަމެއް ނެތް ކަމަށެވެ.

ވޯލްޑް ކަޕްގެ ތެރެއިން، މެންޗެސްޓާ ޔުނައިޓަޑުން އެ ކްލަބުން ރޮނާލްޑޯ ،37، ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ޔުނައިޓެޑުން ބުނީ ދެ ފަރާތުން އެއްބަސްވެގެން ކޮންޓުރެކްޓް ބާތިލްކުރީ ކަމަށެވެ. އެކަަމަކު، މިއީ ރޮނާލްޑޯ އާއި އެ ކްލަބާ ދެމެދު އުފެދުނު މައްސަލަތަކެއް ދިގުދެމިގެންގޮސް، އެންމެ ފަހުން އާންމުކޮށް ދިން އިންޓަވިއުއެއްގައި ކްލަބާއި ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް އަމާޒުކޮށް ރޮނާލްޑޯ ދެއްކި ވާހަކަތަކަށް ފަހު އައި ނިންމުމެކެވެ.

ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި މިރޭ ގަނާއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބޭނީ ރޮނާލްޑޯ އަށެވެ.

މެޗުގެ ކުރިން ގާނާގެ ކޯޗު އަޑޯ ނޫސްވެރިންނާ ވާހަކަ ދައްކަނީ.


އެކަމަކު، މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ގާނާގެ ކޯޗު އަޑޯ ބުނީ ރޮނާލްޑޯގެ ވާހަކަތަކަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭ ކަމަށެވެ.

"އަހަންނަށް ނޭނގޭ އަދި ތިއީ އަހަންނާ ބެހޭ ކަމެއް ވެސް ނޫން،" ރޮނާލްޑޯއާ ގުޅޭ ގޮތުން ސުވާލުކުރުމުން އަޑޯ ބުންޏެވެ. "އެއީ އަހަރަމެންނާ ގުޅޭ މައްސަލައެއް ނޫން. މިއީ މާބޮޑު މައްސަލައެއް ވެސް ނޫން. އެންމެންވެސް ބޭނުންވާނީ މޮޅުވާން."

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ޕޯޗުގަލްގެ ޓީމުގެ ތެރޭގައި ވެސް ރޮނާލްޑޯއާ ގުޅޭ ގޮތުން މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ސަމާލުކަމެއް ނެތް ކަމަށާއި އެ ޓީމުގެ ސަމާލުކަން އޮތީ ވޯލްޑް ކަޕަށް ކަމަށެވެ.

"ތި ވާހަކަ ނުދައްކާ ޓީމުގެ ތެރޭގައި. ހުރިހާ ކުޅުންތެރިން ވެސް ތިބީ ވޯލްޑް ކަޕަށް ސަމާލުކަަން ދީގެން،" ސަންތޯސް ބުންޏެވެ.

ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.