Advertisement

ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފެންވަރު ނެދަލޭންޑްސްގައި އެބަހުރި: ވެން ހާލް

21 ނޮވެންބަރު 2022 - 12:31 0


ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފެންވަރު ނެދަލޭންޑްސްގައި އެބަހުރި: ވެން ހާލް

21 ނޮވެންބަރު 2022 - 12:31 0

ދޯހާ، ގަތަރު (ނޮވެމްބަރު 21) - ނެދަލޭންޑްސް އަކީ މި އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރެވޭ ފެންވަރު ހުރި ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި ފެންނަ އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ ވެން ހާލް ،71، ބުނީ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ނެދަލޭންޑަސް އަށް ވުރެ ރަނގަޅު ސްކޮޑުތައް ބައެއް ޓީމުތަކުގައި އެބައޮތް ކަމަށެވެ.

އެހެން ނަމަވެސް، ނެދަލޭންޑްސްގެ ޓީމުގައި ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފެންވަރު އެބަހުރި ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ނެދަލޭންޑްސް އަށް ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ. ޓީމާމެދު އިތުބާރު އެބައޮތް،" 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލޭންޑްސް އަށް އިރުޝާދުދިން ވެން ހާލް ބުންޏެވެ.

"2014 ވަނަ އަހަރު އަހަރަމެން ވޯލްޑް ކަޕް ނިންމާލީ ތިން ވަނައިގައި. އެކަމަކު އޭރު (2014) ގައި އޮތް ސްކޮޑަށް ވުރެ މިހާރު އޮތް ސްކޮޑް ރަނގަޅު. އެހެންވީމަ މި ޓީމާ މެދު ކުރެވޭ އުންމީދު ބޮޑު،"

ވޯލްޑް ކަޕްގައި މިހާތަނަށް ފައިނަލުގައި އެންމެ ބަދުނަސީބު ރެކޯޑެއް އޮތީ ނެދަލެންޑްސްގެ އެވެ. އެ ޓީމު ވަނީ ތިން ފަހަރެއްގެ މަތިން ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. އެންމެ ފަހުން އެ ޓީމު ފައިނަލުގައި ކުޅުނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު ނެދަލެންޑްސް ފައިނަލުގައި ބަލިވީ ސްޕެއިން އަތުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް ކުޅޭއިރު، މިއީ 2014 ވަނަ އަހަރުގެ ފަހުން އެ ޓީމު ވޯލްޑް ކަޕްގައި ފުރަތަމަ ފެނިލުމެވެ. އެ ފަހަރު ވެސް ކޯޗަކީ ވެން ހާލް އެވެ. އޭގެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެ އެވެ. އަލުން ނެދަލެންޑްސް ވޯލްޑް ކަޕަށް އެނބުރި އައިއިރުގައި ވެސް ބެންޗުގައި ކޯޗަކަށް ހުރީ ވެން ހާލް އެވެ.

މި ފަަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު، އަނިޔާގެ ސަބަބުން ނެދަލޭންޑްސްގެ މުހިންމު މިޑްފީލްޑަރު މެމްފިސް ޑެޕާއީ އަށް މިރޭ ސެނެގާލާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. ސްކޮޑުގައި ހިމެނުނު ނަމަވެސް ޑެޕާއި އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ވޯލްޑް ކަޕްގެ ގުރޫޕް އޭގައި ނެދަލޭންޑްސް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްރިކާގެ ޗެމްޕިއަންކަން ހޯދި ސެނެގާލްއާ އެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00ގަ އެވެ.