Advertisement

ކޮވިޑުގެ ކުރީ ލެވެލަށް ޕެންޝަން ފަންޑު ވަނީ އިޔާދަ ވެފައި: ސުޖާތާ

17 ނޮވެންބަރު 2022 - 07:56 0

އިއްޔެ ފެށި ފައިނޭންސް ފޯރަމްގައި ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕެންޝަން އޮފީސް


ކޮވިޑުގެ ކުރީ ލެވެލަށް ޕެންޝަން ފަންޑު ވަނީ އިޔާދަ ވެފައި: ސުޖާތާ

17 ނޮވެންބަރު 2022 - 07:56 0

ޕެންޝަން ފަންޑު ކުރިއަރަމުން އަންނަނީ ރަނގަޅު ދުވެއްޔެއްގައި ކަމަށާއި ކޮވިޑުގެ ކުރިން އޮތް ލެވެލަށް ފަންޑު އައިސްފައިވާ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ސުޖާތާ ވިދާޅުވީ ޕެންޝަން ފައިސާގެ ގޮތުގައި މިހާރު މަހަކު ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ ލިބެމުން އަންނަ ކަމަށާއި، ނިމިގެން ދިޔަ އަހަރު އެވްރެޖްކޮށް މަހު ލިބިފައި ވަނީ 105 މިލިއަން ރުފިޔާ ކަމަށެވެ.

ވަޒީފާ ދޭ 2000 ފަރާތުން 116،000 އަށްވުރެ ގިނަ މުވައްޒަފުން ފަންޑުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކަމުން އަންނަ ކަމަށާއި ރަޖިސްޓަކޮށްފައިވާ ގިނަ މީހުންނަކީ އުމުރުން 25 އަހަރާއި 45 އަހަރުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑު އަހަރަކު ގާތްގަނޑަކަށް 13 ޕަސެންޓްގައި ކުރިއަރަމުން އަންނަ ކަން ފާހަގަ ކުރައްވަމުން ސުޖާތާ ވިދާޅުވީ މިހާރު އެ ފަންޑުގެ ސައިޒު އެކްރޫޑް ރައިޓްސް ނުލައި 15 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެކްރޫޑް ރައިޓްސްއާއެކު ފަންޑު ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑުން އެންމެ ބޮޑަށް އިންވެސްޓްކޮށްފައި ވަނީ ސަރުކާރުގެ ޓީބިލަށެވެ. ފަންޑުގެ 65 ޕަސެންޓް އިންވެސްޓްކޮށްފައިވަނީ ކުރު މުއްދަތުން ފައިދާ ލިބޭ ކަންކަމަށް ކަމަށާއި ނަމަވެސް މިއީ "ބަދަލުކުރަން ބޭނުންވާ ކަމެއް" ކަމަށް ސުޖާތާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ފަންޑު ކުރިއަރުވައި، ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ވަދެ، އަޅުގަނޑުމެންގެ މެމްބަރުންނަށް ރަނގަޅު ފައިދާއެއް ހޯދައިދޭން،" އޭނާ ވިދާޅުވި އެވެ.

ފައިނޭންސް ފޯރަމްގެ ބައިވެރިން. މި ފޯރަމް ނިމޭނީ މިއަދު. -- ފޮޓޯ: ޕެންޝަން އޮފީސް


އެ ފަންޑު އުފެއްދި ފަހުން ހިއްސާ ވިއްކަން ހުޅުވާލި ފަސް ކުންފުނީގެ ތެރެއިން ތިން ކުންފުންޏެއްގެ އައިޕީއޯއަށް އިންވެސްޓްކޮށްފައިވާނެ ކަމަށާއި، ސަރުކާރުގެ ދަރަނީގެ އިންސްޓްރޫމެންޓް ތަކަށް ގާތްގަނޑަކަށް 13.5 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާނެ ކަމަށް ސުޖާތާ ވިދާޅުވި އެވެ. ސަރުކާރުގެ ދަރަނީގެ އިންސްޓްރޫމެންޓްތަކަށް ޕެންޝަން ފަންޑުން އިންވެސްޓްކޮށްފައިވާ މިންވަރަކީ ސަރުކާރުގެ އެތެރޭގެ ދަރަނީގެ 30 ޕަސެންޓެވެ.

ޕްރައިވެޓް ސެކްޓަރުގެ ދަރަނީގެ އިންސްޓްރޫމެންޓްތަކަށް ޕެންޝަން ފަންޑުން 549 މިލިއަން އިންވެސްޓްކޮށްފައިވެ އެވެ.