Advertisement

ކަވާނީ އާއި ސުއަރޭޒް: އުރުގުއޭގެ ދެ ލެޖެންޑުން ފަހު ވޯލްޑް ކަޕަށް

14 ނޮވެންބަރު 2022 - 09:18 0


ކަވާނީ އާއި ސުއަރޭޒް: އުރުގުއޭގެ ދެ ލެޖެންޑުން ފަހު ވޯލްޑް ކަޕަށް

14 ނޮވެންބަރު 2022 - 09:18 0

ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި، އުރުގުއޭގެ ގައުމީ ޓީމުގެ ލީޑުކުރަމުން ދިޔައީ އެ ޓީމުގެ ދެ ތަރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި އެޑިންސަން ކަވާނީ އެވެ. މި ދެ ކުޅުންތެރިންނާ އެކު، އުރުގުއޭގެ ގައުމީ ޓީމުގައި އޮތީ ކޮންމެ ޓީމެއް ވެސް ޖެހިލުންވާ، ދުނިޔޭގެ ފެންވަރުގެ ފޯވަޑްް ލައިނެކެވެ. މި ދެ ކުޅުންތެރިންގެ ވެސް ކެރިއަރުގައި ކާމިޔާބު ގިނަ އަހަރުތަކެއް މާޒިވެ ގޮސްފި އެވެ. ދެ ކުޅުންތެރިންގެ ކެރިއަރުގައި ފަހު އަހަރުތައް ގުނަމުންދާއިރު، މި އަހަރުގެ ވޯލްޑް ކަޕަކީ މި ދެ ލެޖެންޑުންގެ ވެސް ވޯލްޑް ކަޕްގެ އެންމެ ފަހު ސަފުހާ އަށްވުން ގާތެވެ.

ކަވާނީ އާއި ސުއަރޭޒްގެ ވެސް އުމުރުން މިހާރު 35 އަހަރެވެ. ދެ ކުޅުންތެރިންގެ ކެރިއަރުގައި ވެސް ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެ، ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ. ސުއަރޭޒް ވަނީ އަޔަކްސް، ލިވަޕޫލް، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅެފަ އެވެ. ޔޫރަޕްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު ސުއަރޭޒް ވަނީ އޭނާ އެންމެ ފުރަތަމަ ކުޅުނު އުރުގުއޭގެ ކްލަބެއް ކަމަށްވާ ނަސިއޮނާލް އަށް މި އަހަރުގައި ކުޅެފަ އެވެ.

މިހާރު ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުންދާ ކަވާނީ ވަނީ އޭނާގެ ކެރިއަރުގައި ނަޕޯލީ، ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓަޑަށް ކުޅެފަ އެވެ.

އުރުގުއޭގެ ގައުމީ ޓީމަކީ އަލުން ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ވަރުގަދަ ޓީމެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރިއިރު، ޓީމުގެ އެންމެ މުހިންމު ދެ ތަނބުގެ ގޮތުގައި ތިބީ ސުއަރޭޒް އާއި ކަވާނީއެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަަލަށް އުރުގުއޭ ދަތުރުކުރިއިރު، މި ދެ ކުޅުންތެރިން މުހިންމު ރޯލެއް އަދާކުރި އެވެ. އަދި ޖެހިގެންއައި އަހަރު ކޮޕާ އެމެރިކާ އުރުގުއޭ އިން ކާމިޔާބުކުރިއިރު، މި ދެ ކުޅުންތެރިންގެ ހިއްސާ ވަރަށް ބޮޑެވެ.

އުރުގުއޭގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ ސުއަރޭޒް އާއި ކަވާނީ އެވެ. ސުއަރޭޒް ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 134 މެޗުން 68 ލަނޑު ޖަހައިފަ އެވެ. މިހާރު ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުންދާ ކަވާނީ ވަނީ 133 މެޗުން 58 ލަނޑު ޖަހައިފަ އެވެ.

މި މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަށް އުރުުގުއޭ އިން ނެގި ސްކޮޑުގައި މި ދެ ކުޅުންތެރިން ވެސް ވަނީ ހިމަނައިފަ އެވެ. މިއީ ކަވާނީ އާއި ސުއަރޭޒްގެ ހަތަރު ވަނަ ވޯލްޑް ކަޕް އެވެ.

މި ދެ ކުޅުންތެރިންގެ ކެރިއަރުގެ "ރަން ޒަމާން" މާޒިވެ ދިޔަ ނަމަވެސް، މި ދެ ކުޅުންތެރިންނަކީ އުރުގުއޭގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އަދިވެސް ގައުމީ "ބަތަލުން"ނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އުރުގުއޭ ލީޑު ކުރާނީ މި ދެ ކުޅުންތެރިންނެވެ.

އެކަމަކު، ކަވާނީ ބުނީ ހަތަރު ވަނަ ވޯލްޑް ކަޕަށްވިޔަސް، މި މުބާރާތް ހާއްސަވާނެ ސަބަބެއް ނެތް ކަމަށެވެ. އަދި މުހިންމުމަކީ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، މުބާރާތުގެ ހައިބަތާއެކު "މޯޓިވޭޝަން" ވެސް ހޯދުން ކަމަށެވެ.

"ފުރަތަމަ ވޯލްޑް ކަޕަށްވިޔަސް، ނުވަތަ ފަސް ވަނަ ވޯލްޑް ކަޕަށް ވިޔަސް، މުބާރާތުން މޯޓިވޭޝަނެއް ނުލިބިއްޖެއްޔާ ވާނެ ފައިދާއެއް ނެތް،" ކަވާނީ ބުންޏެވެ.

"ގައުމު ދެކެ ލޯބިވާ ކޮންމެ މީހެއް އަދި މި ޖޯޒީ ލާ ކޮންމެ މީހަަކަށް ވެސް ވޯލްޑް ކަޕްގެ ހާއްސަަކަން ބޮޑުވާނެ."

ސުއަރޭޒް ބުނީ މި ފަހަރުގެ ވޯލްޑް ކަޕާމެދު ކުރެވޭނެ އުންމީދުތައް ބޮޑު ކަމަށެވެ.

"ސްކޮޑައި އެބަތިބި ވަރަށް ތަޖުރިބާކާކު ކުޅުންތެރިންތައް އަދި ޒުވާން ކުޅުންތެރިން ވެސް. އެެހެންވީމަ ޓީމާމެދު ކުރެވޭ އުންމީދު ވަރަށް ބޮޑު،" ސުއަރޭޒް ބުންޏެވެ.

އުރުގުއޭ މި ފަހަރު ހިމެނުނީ ދެކުނު ކޮރެއާ އާއި ގާނާ އަދި ޕޯޗުގަލްއާ އެކު ގްރޫޕް އެޗްގަ އެވެ.