11 ނޮވެންބަރު 2022 - 06:22 0
ފާތިމަތު ސާޔާ އަހުމަދު
ހާދިސާ ތަހުގީގު ކުރި ފަރާތުން ބުނީ ބޯޓު ވެއްޓުނީ ތްރޮޓްލް ސިސްޓަމް ފެއިލްވެ، ޕައިލެޓުގެ އިހުމާލުވުމުން ކަމަށް. -- ފޮޓޯ: އީޕީއޭ
11 ނޮވެންބަރު 2022 - 06:22 0
މިދިޔަ އަހަރު އިންޑޮނީޝިއާގެ ސްރީވިޖަޔާ އެއާގެ ބޮއިންގް 500-737 މަރުކާގެ ބޯޓެއް ވެއްޓި 62 މީހުން މަރުވީ ބޯޓުގެ ތްރޮޓްލް ސިސްޓަމް ފެއިލްވެ، ޕައިލެޓް ފިޔަވަޅު އެޅުން ލަސްކުރުމުން ކަމަށް ތަހުގީގުން ނިންމައިފި އެވެ.
ފްލައިޓް އެސްޖޭ-182 ޖާވާ ކަނޑަށް ވެއްޓުނީ ޖެނުއަރީ 9، 2021 ގަ އެވެ. ބޯޓު ވެއްޓުނީ ޖަކާޓާއިން ފުރިތާ މިނެޓުކޮޅެއްގެ ތެރޭގަ އެވެ. އެ ހާދިސާގައި ބޯޓުގައި ތިބި އެންމެން މަރުވި އެވެ.
ތަހުގީގަަށް ފަހު ނެރުނު ފައިނަލް ރިޕޯޓުގައި ބުނީ ހާދިސާ ހިނގަން މެދުވެރިވީ ގިނަ ސަބަބުތަކަކާ ހެދި ކަމަށާއި އެގޮތުން ތަކުރާރުކޮށް ތްރޮޓްލް ސިސްޓަމް ފެއިލްވުން ފާހަގަކުރެވޭ ކަމަށެވެ.
އެއީ ހަ އަހަރުގެ ތެރޭގައި އިންޑޮނީޝިއާގައި ހިނގި ތިން ވަނަ ބޮޑު ވައިގެ ހާދިސާ އެވެ.
ތަހުގީގީ ޓީމުން ބުނީ 26 އަހަރުވީ ބޯޓުގައި ހުރީ އޮޓޮމޭޓެޑް ތްރޮޓްލް ނިޒާމެއް ކަމަށާއި ބޯޓު ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި މައްސަލަ ދިމާވި ކަމަށެވެ.
އޭގެ ސަބަބުން ބޯޓު ކުއްލިއަކަށް އަރިއަޅާލައި ވެއްޓުނީ 3000 މީޓަރު އަޑިއަށް ކަނޑަށެވެ. އެ ހާދިސާގެ ކުރިން ވެސް އެ ބޯޓުގެ ތްރޮޓްލް ސިސްޓަމަށް މައްސަލަ ދިމާވި އެވެ.
ތަހުގީގީ ޓީމުން ބުނީ ތްރޮޓްލް ސިސްޓަމް ފެއިލްވުމުން، ކޮކްޕިޓުގައި ތިބި ފަރާތްތަކުން ފިޔަަވަޅު އެޅުން ލަސްކުރި ކަމަށެވެ. އެއީ ޕައިލެޓުގެ ފަރުވާ ކުޑަކަމުން ކަމަށް ވެސް ފާހަގަކުރި އެވެ.
އޭގެ އިތުރުން އެމެޖެންސީ ހާލަތްތަކުގައި އަވަހަށް އަމަލު ކުރަންވީ ގޮތާ ގުޅޭ އެކަށީގެންވާ ތަމްރީން ޕައިލެޓުންނަށް ނުދިނުމަކީ ވެސް ސަބަބެއްގެ ގޮތުގައި އެ ޓީމުން ފާހަގަކުރި އެވެ.
މިދިޔަ އަހަރުގެ ހާދިސާގެ ކުރިން، 2014 ވަނަ އަހަރު އެއާއޭޝިއާގެ އޭ320 ޖެޓު ޖާވާ ކަނޑަށް ވެއްޓި 162 މީހުން މަރުވި އެވެ. އެ ހާދިސާ ހިނގީ މޫސުން ގޯސް ދުވަސްވަރެއްގަ އެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ލަޔަން އެއާ ބޮއިންގް 737 މެކްސް ބޯޓެއް ކަނޑަށް ވެއްޓި 189 މީހުން މަރުވި އެވެ.
Comment