Advertisement

ޕްރައިމަރީ ހެލްތު ކެއާ އަންނަ އަހަރު އަލުން ފެށޭނެ: ރައީސް

7 ނޮވެންބަރު 2022 - 23:45 0

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް


ޕްރައިމަރީ ހެލްތު ކެއާ އަންނަ އަހަރު އަލުން ފެށޭނެ: ރައީސް

7 ނޮވެންބަރު 2022 - 23:45 0

އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއާ އަލުން ފެށޭނެ ކަމަށާއި އެހިދުމަތުގެ އެންމެބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020އިން 2021އަށް ގައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ "ސްޓެޕްސް ސާވޭ" ގެ ނަތީޖާގައި ފާހަގަކުރި ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފަ އެވެ.

މިގޮތުން އެމަނިކުފާނު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތް ކަމަށެވެ.

"އެ ދިރާސާގެ ކުރު ހުލާސާއަކީ، މިހެން ބަލަން ތިބެވޭކަށް ނެތޭ. ތެދުވާށޭ. ތެދުވެ ހަރަކާތްތެރިވާން ފަށާށޭ. ދުވެ، ކުޅެ، ކަސްރަތު ކުރަން ފަށާށޭ. ވަޒީފާ އަދާކުރުމުގައިވެސް ހަރަކާތްތެރިވެ އުޅުމަށް ސަމާލުކަން ދޭށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށެވެ.

އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، އެފަދަ ބަލިތަކުގައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި މިސަރުކާރުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު ހަރަކާތުން ދޭން ބޭނުންވި މެސެޖަކީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ހެލިފެލިވެ ނުވަތަ ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަމެވެ.

މިގޮތުން، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށާއި، ފައިދާހުރިކާނާ ބޭނުން ކުރުމާއި، ހެލިފެލިވެ އުޅުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި، ޒުވާނުންގެ ކުއްލި މަރުތައް މިހާރަކަށް އައިސް ގިނަވެއްޖެ. އެއީވެސް، އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތް ކަމަކަށްވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިންގާއިރު އެމަޝްރޫޢުތަކުގެ ތެރެއިން، އައުޓްޑޯ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި އެނޫން ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރަށްރަށުގައި ގާއިމު ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިންވެސް، ނޭޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް، އެވެކްސިން މިހާރު މުޅި ރާއްޖޭގައި ދެވެމުން އަންނަ ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިރޭ އިފްތިތާހު ކުރެވުނު "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" ތަންފީޒުކުރަން ފެށުމުން، މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބެން ފަށާނެކަމަށް ޔަގީން ކުރައްވާ ކަމުގަ އެވެ. އަދި މިއެކްޝަން ޕްލޭން ތަންފީޒްކުރުމުގައި ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.