Advertisement

ދޫނިދޫ ޖަލަށް ފޯނާއި ސިމް ކާޑު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް

7 ނޮވެންބަރު 2022 - 07:24 1

ޖަލެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫ.


ދޫނިދޫ ޖަލަށް ފޯނާއި ސިމް ކާޑު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް

7 ނޮވެންބަރު 2022 - 07:24 1

ދޫނިދޫ ޖަަލަށް ފޯނުތަކަކާއި ސިމް ކާޑުތަކެއް ވައްދަން އުޅުނު ފުލުހެއްގެ މައްޗަށް ކުށް ސާބިތުވެ، ފަސް މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ، މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެންދަން އުޅުމުގެ ކުށް ސާބިތުވީ، ޖުލައި 25، 2020 ގައި ދޫނިދޫ ޖަލަށް ފޯނުތަކަކާއި ސިމް ކާޑުތަކެއް ވަންދަން އުޅުނު ލ. ދަނބިދޫ، ނާއިސް، އަނަސް އަލީގެ މައްޗަށެވެ.

ގާޒީ އިސްމާއީލް ޝާފިއު ބެއްލެވި މައްސަލައިގައި އަނަސްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތު ކަނޑައެޅީ ތަހުގީގަށް އޭނާ ބަންދުގައި ބެހެއްޓި 11 ދުވަސް އުނިކުރުމަށް ފަހު އެވެ.

މި މައްސަލައިގައި ޖުލައި 25، 2020 ގައި އަނަސް ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ލައިގެން ހުރި ފުލުހުންގެ ޔުނިފޯމްގެ ޖެކެޓު ވާތް ފަރާތުގެ ޖީބުން ނޮކިއާ ބެޓެރީ އަކާއި ދޫނިދޫގައި ހުރި އޭނާގެ އަލަމާރިން ނޮކިއާ ބްރޭންޑުގެ ފޯނަކާއި ސިމް ކާޑުތަކެއް ފެނިފައިވެ އެވެ. އަދި ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމަށް ލިޔެފައިވާ 18 ނޯޓު ކަރުދާސްކޮޅު ވެސް އޭގެން ފެނިފައިވެ އެވެ.

އޭނާ ނިދާ އެނދުގެ ބާލީސް ދަށުން ވެސް ނޮކިއާ ފޯނަކާއި ބައެއް ތަކެތި ފެނިފައިވެ އެވެ.

ތަހުގީގުގައި އަނަސް ބުނެފައިވަނީ ޖީބުން ފެނުނު ބެޓެރީއަކީ މާލޭގައި އޭނާ ގެންގުޅުނު ފޯނުގެ ބެޓެރީ ކަމަށާއި ދޫނިދޫ އަށް ގެނައީ ޗާޖުކުރަން ކަމަށެވެ. ބާލީސް ދަށުން ފެނުނު ފޯނަކީ ދޫނިދޫގައި އޭނާ ބޭންކުރާ ފޯނެއް ކަމަށާއި ބާލީސް ދަށުން ފެނުނު ދެ ބެޓަރީ އާއި ޗާޖަރަކީ އަމިއްލަ ތަކެތި ކަމަށެވެ.

ލޮކަރުން ފެނުނު ނޯޓު ކޮޅުތަކަކީ ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ދީފައި ހުރި ތަކެތި ކަމަށާއި އެ ނޯޓުކޮޅުތައް އޭނާ ކިޔާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް ކުރި ތުހުމަތަށް ތަހުގީގުގައި އަދި ޝަރީއަތުގައި ވަނީ އިންކާރުކޮށްފަ އެވެ.

ޝަރީއަތުގައި އަނަސް ބުނެފައި ވަނީ ދައުވާ ސާފު ނުވާ ކަމަށެވެ. ދައުވާގައި ބުނާ ތަކެތި ހުރީ އޭނާ ދޫނިދޫގައި ދިރިއުޅޭ ތަނުގައި ކަމަށާއި އެ ތަކެތި ނަގާފައިވަނީ ދޫނިދޫ ޖަލަށް ވަންދަން އުޅެނިކޮށް ނޫން ކަމަށެވެ. އެހެން ކަމުން ދައުވާ ނުއުފުލޭނެ ކަމަށް އޭނާ ބުނެ އެވެ.

މައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހެޅި ފުލުހުން ހެކިބަސް ދީފައިވަނީ އަނަސްގެ އަތުން ތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ދިފާއުއެއް އަނަސް ޝަރީއަތަށް ހުށަހެއް ނާޅަ އެވެ.

މި މައްސަލައިގެ ޖަލު އަދަބު، ޖޫރިމަނާއަކަށް ބަދަލުކޮށް ދޭން އަނަސް ހުށަހެޅި ނަމަވެސް އެކަން ދައުލަތުން އެކަން ގަބޫލު ނުކޮށް، ޖަލު އަދަބު ދިނުމަށް އެދުނީ ތަހުގީގުގައި އަދި ޝަރީއަތުގައި ވެސް ކުށަށް އިންކާރުކޮށްފައިވާތީ އާއި ކުށުގެ އަމަލު ހިންގި އިރު އަނަސް އަކީ ފުލުހަކަށް ވާތީ އެވެ.