Advertisement

ނަސްރުގެ ދުވަސް ފަނޑުކޮށް: ސަރުކާރުން ދިފާއުއަށް ދެއްކީ ކުޅުދުއްފުށީ ކައުންސިލުން އަމިއްލައަށް ބާއްވާ ޖަލްސާ

3 ނޮވެންބަރު 2022 - 13:55 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޅުދުއްފުށީ ކައުންސިލުން މިރޭ ބާއްވާ ނަސްރުގެ ދުވަހުގެ ޖަލްސާއަށް އެ ރަށަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ކިއުމުގެ ތެރެއިން -- ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް


ނަސްރުގެ ދުވަސް ފަނޑުކޮށް: ސަރުކާރުން ދިފާއުއަށް ދެއްކީ ކުޅުދުއްފުށީ ކައުންސިލުން އަމިއްލައަށް ބާއްވާ ޖަލްސާ

3 ނޮވެންބަރު 2022 - 13:55 2

ނަސްރުގެ ދުވަހާ ގުޅުވައިގެން މި އަހަރު ވެސް ސަރުކާރުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ނުގެންދާތީ އޮތް ފާޑުކިޔުންތަކުގެ ދިފާއުއަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަމިއްލައަށް ބާއްވާ ޖަލްސާ ދައްކައިފި އެވެ.

މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ މި ދަނޑިވަޅުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުއާ "އަދަދު"އިން ސުވާލު ކުރަމުން ވިދާޅުވީ އިދިކޮޅުން އުޅެނީ ފިތުނަ އުފައްދަން ކަމަށާއި އެ ވާހަކަތަކަކީ ރައްޔިތުން ބައިބައި ކުރުމަށް އިދިކޮޅުން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއާ ބެހޭ ގޮތުން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ، ނަސްރުގެ ދުވަހުގެ ބަތޮލު ޝަހީދު ހުސެއިން އާދަމްގެ އުފަން ރަށް ކުޅުދުއްފުށީގައި މިރޭ އޮންނާނެ ކަމަށެވެ.

މިކަމުގެ މައުލޫމާތު ހޯދުމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް އަށް "އަދަދު" އިން ގުޅުމުން ވިދާޅުވީ މިރޭގެ ޖަލްސާއަކީ ކުޅުދުއްފުށީ ކައުންސިލާއި އެ ރަށު ޖަލާލުއްދީން ސްކޫލް ގުޅިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި މި ޖަލްސާގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކު ބައިވެރިވެވަޑައިނުގަންނަވާކަން އާތިފް ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިރޭ ބާއްވާ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަހުމަދު އަލާ ދީދީ އެވެ. މީގެއިތުރުން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ.

ސަރުކާރުގެ ހިއްސާއެއް ނެތި, ކުޅުދުއްފުށީގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޖަލްސާގެ އިތުރުން ވެސް ވަނީ ހަރަކާތްތަކެއް ރާވާފަ އެވެ.

އެގޮތުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާދަމާ އެމްއެންޑީއެފް އިން ކުޅުދުއްފުށީގައި ހާއްސަ ޕެރޭޑެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޕެރޭޑު ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަޑައިގަންނަވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.