Advertisement

ތްރީލައިން ވިޕަށް ނަޝީދުގެ ރައްދެއް؛ ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓާނަން

25 އޮކްޓޯބަރު 2022 - 10:25 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް


ތްރީލައިން ވިޕަށް ނަޝީދުގެ ރައްދެއް؛ ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓާނަން

25 އޮކްޓޯބަރު 2022 - 10:25 0

މުދުލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ތްރީލައިން ވިޕު ނެރުނު ނަމަވެސް، މާހިރުންގެ ލަފާ ހޯދައި ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމަށް ތާއީދުނުކުރައްވާ ކަން ވެސް ހާމަކުރައްވައިފަ އެވެ.

މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ޓެކްސް ބޮޑުކޮށްގެން ނުކުމެދާނެ ނަތީޖާތަކާއި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކުރާނޭ އަސަރު ރަނގަޅަށް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ވިދިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅުމުން ކަމާބެހޭ ފަރާތްތަކާއެކު މަޖިލީހުން މަޝްވަރާކޮށްލަން ވެސް ޖާގައެއް ނެތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބައެއް މެމްބަރުން ވަނީ އަޑުގަދަކުރަން ފަށައިފަ އެވެ.

ކޮމިޓީ ހޫނުވާން ފެށުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެމްބަރުންގެ އެދުމުގެ މަތީން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުން ކޮމިޓީއަށް މައުލޫމާތު ދިނުމަށް ވަޑައިގެންނެވުމަށް އެދި ސިޓީ ފޮނުވިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް އަމަލުކުރަމުންދަނީ ތިން ކިޔުމުގެ މައްޗަށް ކަމަށެވެ.

މިގޮތުން، ދެވަނަ މަރުހަލާގައި ބިލެއް ދިރާސާކުރާ ކޮމިޓީއަށް ކަމާގުޅޭ މާހިރުން ގެނެސް، ކަންކަން އޮޅުންފިލުވުމަކީ ނިޒާމު ހިނގަން އޮންނަ އިޖުރާއަތް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"މިތަނަށް ކަމާގުޅޭ މާހިރުން އަޅުގަނޑު ގެންނާނަން. މިއަށްފަހުގައި ކޮމިޓީގެ ރިޕޯޓެއް އަނބުރާ ތަޅުމަށް ގެނެސް ވޯޓަށް މި އެހެނީ. އިރާދަކުރެއްވިއްޔާ މި ދެންނެވި ޑިމޮކްރެޓިކް އިޖުރާއަތްތައް އަޅުގަނޑު ހިފަހައްޓާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވުމާއެކު، ރައީސް ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ. އެ މެމްބަރުން ވިދާޅުވީ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން، ކޮމިޓީއަށް ހުށަހެޅި މެމްބަރުން ފާސްނުކުރާ ކަމެއް ނަޝީދަށް ނުކުރެއްވޭނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން، ނަޝީދު ވަނީ ވަކި ސަރުކާރަކަށް ފަހިވާ ގޮތަށް ޑިމޮކްރެޓިކް އުސޫލުތައް ދޫނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.