Advertisement

ބާސެލޯނާ މޮޅުވިއިރު، ލެވަންޑޯސްކީ 600 ގޯލު ހަމަކޮށްފި

21 އޮކްޓޯބަރު 2022 - 09:03 0

ވިޔަރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ބާސެލޯނާ މޮޅުވިއިރު، ލެވަންޑޯސްކީ 600 ގޯލު ހަމަކޮށްފި

21 އޮކްޓޯބަރު 2022 - 09:03 0

ބާސެލޯނާ (އޮކްޓޫބަރު 21) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ބާސެލޯނާ 3-0 އިން މޮޅުވި މެޗުގައި ދެ ގޯލު ޖަހައި، ރޮބަޓް ލެވަންޑޯސްކީ ކެރިއަރުގައި 600 ގޯލު ހަމަކޮަށްފި އެވެ.

ރޭގެ ދެ ގޯލާ އެކު ލެވަންޑޯސްކީ ވަނީ ޖުމްލަ އެކު ކެރިއަރުގައި 601 ގޯލު ޖަހައިފަ އެވެ. ލެވަންޑޯސްކީ އަކީ އެކާވީސް ވަނަ ގަރުނުގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު 600 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާ އެެވެ.

ލެވަންޑޯސްކީގެ ގޯލު ތަފްސީލަށް ބަލާއިރު، އޭނާ ވަނީ ޕޮލެންޑްގެ ޒްނިކާއި ލެޗް ޕޮޒްނަން އަށް ޖުމްލަ 62 ގޯލު ޖަހައިފަ އެވެ. ބޮރުޝިއާ ޑޯޓްމަންޑަށް 103 ގޯލު ޖަހައިިދިންއިރު، ބަޔާނަށް 344 ގޯލު ޖަހައިދިނެވެ. ބާސެލޯނާ އަށް މިހާތަނަށް 16 ގޯލު ކާމިޔާބު ކޮށްދީފައިވާއިރު، ޕޮލެންޑްގެ ގައުމީ ޓީމަށް 76 ގޯލު ވަނީ ޖަހައިފަ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ވިޔަރެއާލް ކޮޅަށް ތިން ގޯލު ވެސް ޖެހީ ފުރަތަަަމަ ހާފުގެ ފަހު 15 މިނިޓް ތެރޭގަ އެވެ.

ބާސެލޯނާ އިން ލީޑުނެގީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. ލެވަންޑޯސްކީ ވަނީ ޖޯޑީ އަލްބާ ނެގި ހުރަހެއް އޭރިއާތެރެއިން ހަމަޖެހިލާފައި ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ބާސެލޯނާގެ ލީޑުފުޅާކޮށްދިން ގޯލު ޖެހީ ވެސް ލެވަންޑޯސްކީ އެވެ. އޭނާ މި ލަނޑު ޖެހީ ގަވީ ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ 38 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ހުރަސްކޮށްލި ބޯޅަ އަންސޫ ފަޓީ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.

މިއީ ބާސެލޯނާ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ފުރަތަަމަ މޮޅެވެ. ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ އެއްވަރުވުމަށް ފަހު މިދިޔަ އާދިއްތަ ދުވަހުގެރޭ ސްޕެނިޝް ލީގުގައި އެލްކްލަސިކޯ މެޗުން ރެއާލް މެޑްރިޑް އަތުން ބަލިވީ އެވެ.

ރޭ ބާސެލޯނާ ހޯދި މޮޅާ އެކު ވަނީ ލީގުގެ އެއް ވަނައިގައި އޮތް ރެއާލާ ތިން ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެެވެ. ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 10 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް، ބާސެލޯނާ އަށް ވަނީ 10 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ.