Advertisement

ގަސް ފިހާރައިގެ ޖޫރިމަނާ ސިޓީ ކައުންސިލުން ބަލައިނުގަނޭ؛ "ގާނޫނުން ބޭރު ކަމެއް ނުކުރަން"

19 އޮކްޓޯބަރު 2022 - 12:17 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ކައުންސިލް ޖޫރިމަނާ ކުރުމަކީ މިނިސްޓްރީން ކުރި ވަރަށް ޒިންމާދަރުކަން ކުޑަ ކަމެއް ކަމަށް މޭޔަރު ވިދާޅުވި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގަސް ފިހާރައިގެ ޖޫރިމަނާ ސިޓީ ކައުންސިލުން ބަލައިނުގަނޭ؛ "ގާނޫނުން ބޭރު ކަމެއް ނުކުރަން"

19 އޮކްޓޯބަރު 2022 - 12:17 0

ހުއްދަ ނުނަގާ ވިޔަފާރި ކުރާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކުރުން ބަލައި ނުގަންނާނެ ކަމަށާއި ސަބަބަކީ އެ ކައުންސިލުން ކުރަނީ ގާނޫނުގައި ކުރެވޭނެ ކަމަށް ބުނެފައިވާ ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މާލެ ފެހި" ނަމުގައި ގަހާއި ގަސް ކާނާގެ ބާވަތްތައް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން ހުޅުވީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ފިހާރަ ހުޅިވި އިރު ވެސް ސިޓީ ކައުންސިލުން އުފެއްދި ކުންފުންޏަށް ހުއްދަ ނުދޭ ކަމުގެ ޝަކުވާ އެ ކައުންސިލުން ވަނީ ކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ އެ މިނިސްޓްރީން އިއްޔެ ވަނީ މާލެ ސިޓީ ކައުންސިލް 10،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ޖޫރިމަނާ ކޮށްފައިވީ ނަމަވެސް, އަލަށް ފެށި ގަހުގެ ވިޔަފާރި ހުއްޓާލުމުގެ ވިސްނުމެއް ސިޓީ ކައުންސިލުން ނުގެންގުޅެ އެވެ. އެ ކައުންސިލުން ގަބޫލުކުރާ ގޮތުގައި އެއީ, ގާނޫނާ ހިލާފު ކަމެއް ނޫނެވެ.

ޖޫރިމަނާ ބަލައިނުގަންނަން ކައުންސިލުން ނިންމާފައިވާއިރު, އެއާ މެދު އަމަލު ކުރާނެ ގޮތެއް ކައުންސިލްގެ ގާނޫނީ ޓީމުން އަންނަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން މުއިއްޒު "އަދަދު" އަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން އެ ކައުންސިލް ޖޫރިމަނާ ކުރުން ބަލައިނުގަނެވެނީ އެއީ, އެ މިނިސްޓްރީން ކުރި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި މުއިއްޒު ސިފަ ކުރެއްވި އެވެ.

"ޖޫރިމަނާ ކުރުން އަޅުގަނޑު ގަބޫލެއް ނުކުރަން, އެއީ އިކޮނޮމިކް މިނިސްޓްރީން ކުރި ޒިންމާދާރުކަން ކުޑަ ކަމެއް. އަޅުގަނޑުމެންނަށް ފިހާރައެއް ހުޅުވައިގެން ޕްރޮފިޓް މޭކްކުރާކަށް ނޫން ހިދުމަތެއް ދޭން މި މަސައްކަތް ކުރަނީ. މިއީ އާންމުކޮށް މީހަކު ފިހާރައެއް ހުޅުވައިގެން ކުރާ ގޮތަށް ކުރާ ކަމެއް ނޫން. އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތެއް މި ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނި ރަޖިސްޓްރީނުކޮށް ކަމަށް ބުނެ ޖޫރިމަނާ ކުރި ނަމަވެސް, ގާނޫނުގައި ވެސް ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތައް ބަޔާން ކޮށްފައި ހުރި ކަމަށެވެ. އެހެން ކަމުން މި މަސައްކަތަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރަމުންދާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއީ ކައުންސިލެއްވީމަ ލާމަރުކަޒީ ގާނޫނުގަ އޮވޭ އާމްދަނީ ހޯދުމުގެ މަގުތަކެއް ފަހިކޮށްދީފައި. އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން މި ކުރާ ކަމަކީ އިންކަމް ޖަނަރޭޓް ކުރަނީ ރައްޔިތުންގެ ކަންކަން ހަމަޖެއްސުމަށް،" މުއިއްޒު ވިދާޅުވި އެވެ.

"ގަހާ ގުޅޭ ކަންކަން މި ކުރަނީ. މިއީ މާލެތެރެ ފެހި ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއް. އެއީ އަޅުގަނޑުމެންނަށް އާމްދަނީ ހޯދައިގެން އާންމުންނަށް ފައިދާވެނެ ކަމެއް. މިއީ ހަމަ ރައްޔިތުންނަށް ވެސް ފައިދާ ވާނެ ކަމެއް. ގަވައިދާ ހިލާފަށް ކުރާ ކިތަންމެ ވިޔަފާރިއެއް އެބަހުރި މާލެ ތެރޭގަ، ދީނާ ހިލާފު ވިޔަފާރިތައް ވެސް ފާޅުގަ ކުރަނީ. އެ ތަންނަން ނުހުއްޓުވެނީ ކީއްވެތޯ؟،"

އޭނާ އިތުރަށް ވިދާޅުވި ގަސް ފިހާރަ ހުޅުވިތާ މި ވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެތަނަށް ރިސޯޓުތަކުގެ ބޮޑެތި މީހުން ޒިޔާރަތްކޮށް، އެ މަސައްކަތުގައި ކައުންސިލާ އެކު ބައިވެރިވާން ބޭނުންވާކަން ފާހަގަކުރެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ހުޅުވި ގަސް ފިހާރައަކީ ކުދި ވިޔަފާރިތަކަށް އެޅުނު ހުރަހަކަށް ވާނެ ކަމަށް ބުނާ ކަމަށް ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ މީގެ ސަބަބުން ވާނީ ފައިދާ ކަމަށެވެ.

"މި ކަން ވަރަށް ބޮޑަށް ބަލައިގެންފި މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި. މާލެ ތެރޭގެ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ހެޔޮ އަގުގަ ތަކެތި ލިބޭނެ. އެހެން ކަމުން މިއީ އެ ބޭފުޅުންނަށް ވެސް ރަނގަޅު ކަމެއް ކަމަށް ދެކެނީ،" މުއިއްޒު ވިދާޅުވި އެވެ.

ހުއްދަ ނުނަގާ ވިޔަފާރި ކުރާ ކަމަށް ބުނެ ޖޫރިމަނާ ކޮށްފައި ވާއިރު މުއިއްޒު ވިދާޅުވީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރަން ވިޔަފާރީގެ ޕްލޭންތަކާ އެކު ކުންފުނި ރަޖިސްޓްރީކުރަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.

"އަޅުގަނޑުމެންނަށް ރަޖިސްޓްރީ ކުރަން ހުށަހެޅޭ ގޮތެއް ނުވޭ. އަޅުގަނޑުމެން ފުރަތަމަ ހުށަހަޅާފަ އެ ހުށަހެޅުންތައް އެ ބޭފުޅުން ބަލައިނުގަތް. އެއީ މިދިޔަ އަހަރުގެ ކުރީކޮޅު،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް, އެ ސިޓީތަކަށް ޖަވާބު ނުދީ އެ ލިޔެކިޔުންތައް އަށް މަސް ދުވަސް ވަންދެން ބޭއްވުމަށްފަހު، ކުންފުނިތަކަށް ވިޔަފާރިކުރެވޭ ގަވައިދަށް ބަދަލު ގެނައީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުނަށް ގެނައި އިސްލާހު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރަން ކުންފުނި އުފައްދައިގެން ކުރެވޭ ވިޔަފާރިތަކުގެ ތެރޭގައި ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތައް ވަކިން ހިމެނެ އެވެ.

އެ ޖަދުވަލުގައި ޖުމްލަ 15 ހަރަކާތެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ގެސްޓް ހައުސް އަދި ޓޫރިސްޓު ހޮޓަލުން ފެށިގެން ތައުލީމު ދޭ ތަންތަނާއި ދަނޑުވެރިކަން، މަސް ޕްރޮސެސްކުރުން، އެއާޕޯޓު ހިންގުމާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ވެސް ވަނީ ހިމަނައިފަ އެވެ.

އެ ވިޔަފާރި ހަރަކާތްތައް ހިންގަން އުފައްދާ ކުންފުންޏެއްގައި ކައުންސިލުތަކުގެ 100 ޕަސަންޓް ހިއްސާ ވެވޭނެ ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

ކުންފުނި އުފައްދައިގެން ކައުންސިލުތަކުން ހިންގޭ ދެވަނަ ބާވަތުގެ ވިޔަފާރި ހަރަކާތަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ހިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކެވެ.

އެކަމަކު, ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ޖަދުވަލުގައި ނުހިމެނޭ ވިޔަފާރިއެއް ކުރަން ކައުންސިލުން ހުށަހަޅައިފިނަމަ، އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދޭންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާ ހޯދައިގެން ކަމަށް ވެސް ގަވައިދުގައިވެ އެވެ.