Advertisement

ކާންޓޭ އާއި ޖޭމްސް އަށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު ބޮޑު

15 އޮކްޓޯބަރު 2022 - 08:01 0

ޖޭމްސް އާއި ކާންޓޭ: އަނިޔާއާ ހެދި ދެ ކުޅުންތެރިންނަށް ވެސް ވޯލްޑް ކަޕް ގެއްލިދާނެ.


ކާންޓޭ އާއި ޖޭމްސް އަށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު ބޮޑު

15 އޮކްޓޯބަރު 2022 - 08:01 0

ލަންޑަން (އޮކްޓޫބަރު 15) - ޗެލްސީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު، އެންގޯލޯ ކާންޓޭ އާއި އިނގިރޭސި ފުލްބެކް، ރީސް ޖޭމްސް އަށް އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން ނުކުޅެވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގެ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ ޖޭމްސް އާއި ކާންޓޭގެ އަނިޔާއާ ބެހޭގޮތުން ދޭން އޮތީ އެންމެ ހިތްރުހޭ ފަދަ ޖަވާބުތަކެއް ނޫން ކަމަށެވެ.

ލީގުގައި އޮގަސްޓް 14 ވަނަ ދުވަހު، ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އަނިޔާވި ފަހުން، ކާންޓޭ، 31، އަދި މެޗެއް ނުކުޅެ އެވެ. ކުޑަހުޅަށް ލިބުނު އެ އަނިޔާއިން ރަނގަޅުވެ، ޕްރެކްޓިހުގައި ބައިވެރިވާން ފެށި ފަހުން ކާންޓޭގެ ފަލަމަސްގަނޑަށް އަނިޔާވިއިރު، ރިޕޯޓްތައް ބުނާގޮތުން ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ޖޭމްސް، 22، ކަކުލަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ. ޖޭމްސްގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން ނަތީޖާ ފެނުނު ގޮތުގައި ދޮޅު މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ޕޮޓާ ބުނީ ކާންޓޭ އާއި ޖޭމްސްގެ އަނިޔާގެ ހުރިހާ ކަމެއް ދެނެގެނެވޭނީ ސްޕެޝަލިސްޓަކަށް ދައްކައިގެން ކަމަށާއި ޗެލްސީގެ މެޑިކަލް ޓީމުން މިހާރު އެކަން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، ދެ ކުޅުންތެރިންނާ ބެހޭގޮތުން ވެސް ސީދާ ވާހަކަ ދައްކަން އެނގޭނީ މެޑިކަލް ޓެސްޓްތަކުގެ މަރުހަލާ އެއްކޮށް ނިމުމުން ކަމަށް ޕޮޓާ ވަނީ ބުނެފަ އެވެ.

ފްރާންސްގެ ލެކިއުޕޭ ނޫހުން ރިޕޯޓްކުރާގޮތުގައި މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ކާންޓޭ އަށް މި ފަހަރުގެ ވޯލްޑް ކަޕް ވަނީ ގެއްލިފަ އެވެ. އެއީ މީގެ ކުރިން ވެސް ކާންޓޭ ފަލަމަސްގަނޑަށް ލިބޭ އަނިޔާތަކުން އެއްކޮށް ރިކަވާވާން އެއް މަހަށް ވުރެ ގިނަ ދުވަސް ނަގާފައިވާތީ އެވެ.

އިންގްލެންޑް ޓީމުން އެންމެ ޖާގަ ފުލްކޮށް އޮތް އެއް މަގާމަކީ ކަނާތު ބެކްގެ ޖާގަ އެވެ. އެ މަގާމަށް ކުޅޭ ތިން ކުޅުންތެރިއަކު މި ވަގުތު ތިބީ އަނިޔާގަ އެވެ. މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ ވަނީ އުކުޅުވަޅުގެ އޮޕަޜޭޝަނެއް ކޮށްފަ އެވެ. ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ހުރީ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގަ އެވެ. އަދި ޖޭމްސް ވެސް ކަކުލުގެ އަނިޔާ އަކަށް ފަރުވާ ހޯދަން ޖެހޭތީ މި ވަގުތު މި ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.