Advertisement

ހުޅިދޫއަށް އެސްއޯ ފުލުހުންގެ ޓީމެއް ގޮސްފި، މުޒާހަރާގެ ބައިވެރިންނާ އެކު މަޝްވަރާކުރަނީ

14 އޮކްޓޯބަރު 2022 - 19:50 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން


ހުޅިދޫއަށް އެސްއޯ ފުލުހުންގެ ޓީމެއް ގޮސްފި، މުޒާހަރާގެ ބައިވެރިންނާ އެކު މަޝްވަރާކުރަނީ

14 އޮކްޓޯބަރު 2022 - 19:50 0

ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށް، މިހާތަނަށް މަސައްކަތެއްނުކޮށް ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވ. ހުޅިދޫ ކުއްޔަށް ދިނުމުގެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލާ އެ ރަށުގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިންނާ އެކު ފުލުހުން މަޝްވަރާތައް ފަށައިފި އެވެ.

ވ. އަތޮޅު ކައުންސިލާއި ބައެއް ރައްޔިތުން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ އެ މުޒާހަރާގައި މިވަގުތު ވެސް ތިބީ ހުޅިދޫގަ އެވެ. ހުޅިދޫގައި އަޑުއުފުލާ މީހުން ބުނަނީ، އާރަށް އިންވެސްޓްމަންޓަށް އެ ރަށް ދިނުމަށްވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި އެސްއޯ ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާއިރު، އެ ރަށުގައި ތިބި ފެލިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން އަންނަނީ މުޒާހަރާގެ ބައިވެރިން އެ ރަށުން ފޭބުމަށް އަންގައި މަޝްވަރާ ކުރަމުންނެވެ.

"އެ ބޭފުޅުން އަޅުގަނޑުމެންނަށް ވިސްނަ ދޭން މި އުޅެނީ އަޅުގަނޑުމެން މި އުޅެނީ ގާނޫނީ ކުށެއް ކޮށްގެންނޭ. ހަމައެކަނި މި ޕޮއިންޓުގައި މި ހިފަނީ. އެއީ މީހަކަށް ދިފައި އޮތް ރަށެއްގެ އެގްރީމެންޓު ރަސްމީކޮށް ބާތިލު ނުކުރަނީ އެ ރަށަކަށް ނޭރޭނެއޭ،" ހުޅިދޫގައި ހުންނަވާ "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލުގެ މެމްބަރު އަދި ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގް ހުސައިން ވިދާޅުވި އެވެ.

ހުޅިދޫ ދަނޑުވެރިކަމުގެ މަސައްކަތަށް ކަމަށް ބުނެ އާރަށް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް 21 އަހަރުގެ މުއްދަތަކަށް ހުޅިދޫ ކުއްޔަށް ދޫކޮށްފައިވަނީ 2016 އަހަރު އެވެ. އެކަމަކު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ. އަދި މަސައްކަތްތަކެއް ކުރަން ދީފައި އޮތް މުހުލަތު ވެސް އޮތީ ފަހަނައަޅައި ގޮސްފަ އެވެ.

ޝިފާގު ވިދާޅުވި ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އެ ބޭފުޅުންގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު މިހާރު އޮތީ ހަމަވެފަ އެވެ. އެއީ، ޖެނުއަރީ 14 ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ދިން ޑޮކިއުމެންޓުގައި މުއްދަތު ހަމަވަނީ ނޮވެމްބަރު 14 އަށް. ނޫނީ ނޮވެމްބަރު 5 އަށް. އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެން އަތުގައި ހުރި ލިޔެކިޔުންތައް ބަލާށޭ. އެ ބޭފުޅުން ބޭނުމެއް ނުވޭ އަޅުގަނޑުމެން އަތުގައި ހުރި ލިޔެކިޔުންތައް ބަލާކަށް. އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެން ގާނޫނާ ހިލާފެއް ނޫނޭ،" ފުލުހުން ދެއްކެވި އެގްރީމެންޓުތައް ސައްހަ ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހާމަކުރައްވަމުން ޝިފާގު ވިދާޅުވި އެވެ.

ވ. އަތޮޅުން ކުއްޔަށް ދީފައިވާ ރަށްތަކުގައި ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާތީ އެރަށްތަކުގެ ތިމާވެށި ހަލާކުވަމުންދާ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ. އެގޮތުން، ހުޅިދޫގެ ތިމާވެއްޓަށް ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

"އަތޮޅު ކައުންސިލުގެ ފަސް މެމްބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރެއް. އެ ގަރާރުގެ ބާރުގެ ދަށުންނޭ އަޅުގަނޑުމެން މި ތަނަށް އަރާ މި ތިބީ. ދައުލަތުން އަންނާށޭ މިތަން ބަލަން. އިޖުރާއަތްތަކާ ހިލާފު ވެއްޖިއްޔާ އޮޓަމެޓިކުން އެގްރީމެންޓު ބާތިލުވާނެ،" ދީފައިވާ މުއްދަތަށް މަސައްކަތް ފަށާފައި ނުވާތީ އެގްރީމެންޓު މިހާރު ބާތިލުވެފައިވާ ކަމަށް ޝިފާގު ވިދާޅުވި އެވެ.

"ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޒިންމާ ނަގަން ޖެހޭ ފަރާތަކުން ތިކަން [އެގްރީމެންޓު ބާތިލު] ނުކޮށް އޮތުން އެއީ ވ. އަތޮޅު ރައްޔިތުން މި ކަމުގައި އަޅާނުލައި ތިބެން ޖެހޭ ސަބަބެއް ނޫން،"

އެ މައްސަލައިގައި މި ނޫހުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ވައުދާއި އެއްގޮތަށް ވާވު އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. ނަމަވެސް، ހުޅިދޫ އަކީ އެގްރީމެންޓެއްގެ ދަށުން ބަޔަކަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވިދާޅުވި އެވެ.

"ހުޅިދޫގެ ތިމާވެއްޓަށް ގެއްލުންދީފައިވާ ކަމަށް ބުނެ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ މައްސަލައަށް އީޕީއޭއިން ދަނީ އެޓެންޑްވަމުން. މިމަހު ސައިޓް ވިޒިޓެއް ހަދާނެ،" މިއުވާން އިތުރަށް ވިދާޅުވި އެވެ.

މުޒާހަރާގެ ބައިވެރިންނާ އެކު މަޝްވަރާތައް ފުލުހުން ކުރަމުން އަންނައިރު ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެރަށުގައި މިވަގުތު އެބަތިއްބެވެ. މަޝްވަރާތަކުން ގޮތެއް ނުފެނި މުޒާހަރާ ކުރިއަށްގެންދާނަމަ އެ ރަށުން މީހުން ބާލާނެ ކަމަށް ބެލެވެ އެވެ.