އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (ކ)، ނައިބު ރައީސް ފައިސަލް ނަސީމް އަދި ޗައިނާގެ ސަފީރު (ވ) ވީއައޭގެ ސީޕްލޭން ޓާމިނަލް ހުޅުވައިދެއްވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލް 'ނޫވިލު' ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ހެދުނު ބޭއްވި ހަފްލާއެއްގައި އާ ޓާމިނަލް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް، އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)، އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަން ލީޝިން އެވެ.
ނޫވިލު ސީޕްލޭން ޓާމިނަލްއަކީ ސަރުކާރުން ޖުމްލަ 850 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ޓާމިނަލް އެކެވެ. ޓާމިނަލް ބޭނުންކުރަން ފެށުމާ އެކު ވީއައިއޭގައި އަލަށް ތަރައްގީކުރި ރަންވޭގެ ބޭނުން ކުރެވޭގޮތް ވެސް ވަނީ ވެގެން ގޮސްފަ އެވެ. 2018 ވަނަ އަހަރު މަސައްކަތް ނިމުނު ރަންވޭގެ ބޭނުން ކުރިން ނުކުރެވި އޮތީ އެ ރަންވޭއާ ކުރިން ބޭނުން ކުރަމުން ދިޔަ ސީޕްލޭން ޓާމިނަލްއާ ދެމެދު އޮންނަ ޖާގަ ކުޑަވެ ބައެއް ބޯޓުތައް ޖެއްސުމަށް ބޭނުންވާ ހުސް ޖާގަ ނުލިބުމުގެ ސަބަބުންނެވެ.
އާ ސީޕްލޭން ޓާމިނަލް "ނޫވިލު"ގެ ކޮމަން ލޯންޖު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އަލަށް ހުޅުވިގެން ދިޔަ ޓާމިނަލް އަކީ މުޅި ދުނިޔޭގައި ވެސް މިވަގުތު ހުރި އެންމެ ބޮޑު ސީޕްލޭން ޓާމިނަލް އެވެ. ހިދުމަތް ފެށުމާ އެކު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4500 އާއި 7500 ދެމެދު މީހުން ޓާމިނަލްގެ ބޭނުން ކުރާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.
އާ ސީޕްލޭން ޓާމިނަލް "ނޫވިލު" ގެ ޑޮކިން އޭރިއާ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މީގެ ކުރިން ނޫވިލު ޓާމިނަލް މީޑިއާތަކަށް ދައްކާލަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވެފައިވަނީ އެ ޓާމިނަލް އިން އެވްރެޖްކޮށް ލޯ ސީޒަނުގައި ދުވާލަކު 300 މޫވްމަންޓް އަދި ހައި ސީޒަނުގައި 600 މޫވްމަންޓު އޮޕަރޭޓް ކުރާނެ ކަމަށެވެ. މިއީ އާ ރަންވޭއާއި އެކު އެއާޕޯޓަށް އަންނާނެ ކަމަށް ބެލެވޭ ލޯޑު ތާށިކަމެއް ނެތި އޮޕަރޭޓްކުރުމަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ.
އާ ސީޕްލޭން ޓާމިނަލް "ނޫވިލު" -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޖުމްލަ 50 ވަރަކަށް ލޯންޖް ހިމެނޭ މި ޓާމިނަލް އަކީ އެންމެ ޒަމާނީ ޑިސައިން ތަކާއި ދިވެހި ސަގާފީ ކުލަ އެއްކުރެވިގެން ފަރުމާކޮށް ތަރައްގީކުރެވިގެން ގޮސްފައިވާ ޓާމިނަލް އެކެވެ. މި ލޯންޖުތަކުގެ ތެރެއިން ދެ ޓާމިނަލް އެއް އެމްއޭސީއެލް އަށް ހާއްސަކޮށްފައިވާއިރު އެހެން ލޯންޖުތައް ވަނީ ރިސޯޓުތަކައް ވިއްކާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment