Advertisement

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން ފަށައިފި

4 އޮކްޓޯބަރު 2022 - 18:30 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް؛ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން ފަށައިފި


އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން ފަށައިފި

4 އޮކްޓޯބަރު 2022 - 18:30 0

އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން މަރުހަލާ މިއަދު ފަށައިފި އެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރެވިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ވެސް ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމު ކުރެވިގެން ދާނެ އެވެ.

އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ވެސް ތަރައްގީ ކުރެވިގެން ދާނެ އެވެ. އަދި އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރެވި، ޕާކިން ސަރަހައްދެއް ވެސް ގާއިމް ކުރެވިގެން ދާނެ އެވެ.

އޭގެ އިތުރުން ވެސް އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ދަށުން ކުރެވިގެން ދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ ތަރައްގީއަށް ނުހަނު މުހިއްމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގައި އިގުތިސޯދީ ހަބެއް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން ވެސް ހިމެނެ އެވެ.