1 އޮކްޓޯބަރު 2022 - 06:56 0
ފާތިމަތު ސާޔާ އަހުމަދު
އެ ސީރީޒްގައި ޑާމާގެ ރޯލުން ފެނުނީ އެވަން ޕީޓާޒް.
1 އޮކްޓޯބަރު 2022 - 06:56 0
އެމެރިކާގެ "ސީރިއަލް" ގާތިލް ޖެފްރީ ޑާމާއާ ބެހޭ ގޮތުން ނެޓްފްލިކްސުން އުފެއްދި ސީރީޒްގެ ރޭޓިން މަތިވި ނަމަވެސް، ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރެޕް ލަވަކިޔުންތެރިޔާ ބޫސީ ބޭޑްއޭޒް ކުރި ޓްވީޓެއްގައި ކަޅު ނަސްލުގެ މީހުންނަށް ގޮވާލީ އެ ސީރީޒް ބޮއިކޮޓް ކުރުމަށެވެ.
ޑާމާއަކީ 1978 ވަނަ އަހަރާއި 1991 ވަަނަ އަހަރާ ދެމެދު އެމެރިކާގައި 17 މީހުން މެރުމުގެ ފަހަތުގައިވާ ބޮޑު ގާތިލެކެވެ. އޭނާ މެރީ ޒުވާން ފިރިހެނުންނާއި ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކަޅު ނަސްލުގެ، އެއް ޖިންސުން ގުޅުން ހިންގާ މީހުންނެވެ.
ޑާމާގެ ޝިކާރައަކަށްވި މީހެއްގެ ދައްތަ ބުނީ "މޮންސްޓާ: ދަ ޖެފްރީ ޑާމާ ސްޓޯރީ" އަކީ އެއްވެސް ފަރުވާތެރިކަމެއް ނެތި، މީހުންގެ އިހުސާސްތަކަށް ބެލުމެއް ނެތި ހަދާފައިވާ ސީރީޒެއް ކަމަށެވެ.
ރީޓާ އިސްބެލް ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ އޭނާގެ ކޮއްކޮ އުމުރުން 19 އަހަރުގެ އެރޮލް ލިންޑްސީ މަރާލުމުން، 1992 ވަނަ އަހަރު ކޯޓުގައި ހެކިބަސް ދީފަ އެވެ.
ރަޔަން މާފީ އުފެއްދި 10 އެޕިސޯޑުގެ ސީރީޒްގައި އޭނާއާ ގުޅޭ ބައިތަކެއް ހިމަނާނެކަން އަންގާފައި ނުވާ ކަމަށް ރީޓާ އިސްބެލް ބުންޏެވެ.
އޭނާ ބުނީ ނެޓްފްލިކްސުން އެ ސީރީޒް ދައްކައިގެން ލިބޭ އާމްދަނީގެ ބަޔެއް މަރުވި މީހުންގެ ދަރިންނަށް ދޭން ޖެހޭނެ ކަމަށެވެ. އޭނާގެ އިތުރުން ވެސް މަރުވި ބައެއް މީހުންގެ އާއިލާތަކުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ޑާމާގެ މައްޗަށް 1992 ވަނަ އަހަރު ސާބިތުވި ކުށްތަކުގެ ތެރޭގައި ގަސްދުގައި މީހުން މެރުމާއި، އިންސާނުންގެ މަސް ކެއުމާއި، މަރުވެފައިވާ މީހުން ހަށިގަނޑަށް ގެއްލުން ދިނުން ހިމެނެ އެވެ. ޑާމާ މަރުވީ އޭގެ ދެ އަހަރު ފަހުން ޖަލުގައި މީހަކު އޭނާއަށް ހަމަލާ ދިނުމުންނެވެ.
ޑާމާގެ ވާހަކަތައް 1991 ވަނަ އަހަރު އެންމެ ފުރަތަމަ ފަޅާ އަރުވާލި ނޫސްވެރިޔާ އޭން އީ ޝްވާޓްޒް ބުނީ ސީރީޒް އުފެއްދި ފަރާތުން ބައެއް ހަގީގަތްތައް ވެސް އޮޅުވާލާފައިވާ ކަމަށެވެ.
ސީރީޒްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އޭގެ ރޭޓިންގްސް ރަނގަޅެވެ. އެގޮތުން ސީރީޒެއް ނެރުނު ފުރަތަމަ ހަފްތާގައި އެންމެ ގިނަ ބަޔަކު ބެލި ސީރީޒަކީ މިހާތަނަށް ޑާމާ އެވެ.
ޑާމާގެ ރޯލުން އެވަން ޕީޓާޒް ފެންނަ އެ ސީރީޒްގެ ފުރަތަމަ ހަފްތާގައި 196.2 މިލިއަން ގަޑިއިރު ވަންދެން ނެޓްފްލިކްސްގައި ސްޓްރީމްކޮށްފައިވެ އެވެ. މި ވަގުތު އެއީ 60 އަށް ވުރެ ގިނަ ގައުމުގައި ނެޓްފްލިކްސްގެ އެއް ވަނަ ޓީވީ ޝޯ އެވެ.
Comment