Advertisement

ވިޔަނަ؛ އިންވެސްޓަރުންނާއި ކުންފުނިތައް ގުޅާލަދޭ ޑިޖިޓަލް ޕްލެޓްފޯމް

29 ސެޕްޓެންބަރު 2022 - 06:07 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (މ) މި ޕްލެޓްފޯމް ލޯންޗުކޮށްދެއްވަނީ. މިއީ ރާއްޖޭގައި ގާއިމުކުރި ޕްރައިވެޓް ހިއްސާ ވިއްކާ ފުރަތަމަ ޑިޖިޓަލް ޕްލެޓްފޯމް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވިޔަނަ؛ އިންވެސްޓަރުންނާއި ކުންފުނިތައް ގުޅާލަދޭ ޑިޖިޓަލް ޕްލެޓްފޯމް

29 ސެޕްޓެންބަރު 2022 - 06:07 1

ވިޔަފާރިއެއް ފަށައި އެ ވިޔަފާރި ކުރިއަރުވައި ފުޅާކުރުމަށް އަބަދުވެސް ދިމާވާ ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ރައުސުލްމާލް ނުވަތަ ކެޕިޓަލް ނުލިބުމެވެ. ވިޔަފާރިއަށް ފައިނޭންސް ކޮށްދޭނެ އިންވެސްޓަރެއް ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރައުސުލްމާލް އިތުރުކުރުމުގައި އޮންނަ ހަމައެކަނި މަގަކީ ލޯނެއް ނެގުމެވެ.

އެކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއޭ) އިން ހުށަހަޅާ ހައްލަކީ "ވިޔަނަ" އެވެ. މިއީ އިންވެސްޓަރުންނާއި ވިޔަފާރިވެރިން ގުޅުވާލަދޭނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

މިއީ ދިވެހިރާއްޖޭގައި ކެޕިޓަލް މާކެޓް ކުރިއެރުވުމަށާއި، ކެޕިޓަލް މާކެޓުގެ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމަށާއި، އަދި ކެޕިޓަލް މާކެޓުގެ ހަރަކާތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމަށް އެކުލަވާލާފައިވާ މާލީ ސެކިއުރިޓީޒް ގާނޫނުގެ ދަށުން ޕްރައިވެޓް ސެކިއުރިޓީސް ސެގްމަންޓު އޮޕަރޭޓު ކުރުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން އެކުލަވާލާފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

އިއްޔެ ހޮޓެލް ޖެންގެ ބޯލްރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. ސްޓޮކް އެކްސްޗޭންޖުން ދެކޭ ގޮތުގައި މިއީ ވިޔަފާރިތަކަށް ކެޕިޓަލް ހޯދުމަށް ހުޅުވިގެންދިޔަ އިންގިލާބީ ބަދަލެކެވެ.

މިއީ ފައިނޭންޝިއަލް ސެކްޓަރުގައި ހުރި ފުރުސަތުތައް އިތުރުވެގެންދާނެ ކަމެއް. ކެޕިޓަލް ރެއިސް ކުރަން ބޭނުންވާ ކުންފުނިތަކަށް މިއާ އެކު ބޮޑެތި ކޮންޓޯލްތަކެއް ލިބިގެންދާނެ. އަދި، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލު ނުވެ ކެޕިޓަލް މާކެޓުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެ،" މި ޕްލެޓްފޯމާ ގުޅޭގޮތުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އައުޝަން ވާހަކަ ދައްކަވަނީ. އޭނާ ވަނީ މިއީ އިންވެސްޓަރުންނަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވެފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މި ޕްލެޓްފޯމާ އެކު ކުންފުނިތަކުން އިންވެސްޓަރުން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އަދި ވަރަށް ބޮޑުތަނުން ވަގުތު ސަލާމަތް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިންވެސްޓު ކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ދޮރެއް. އޭގެ އިތުރުން، ތަފާތު ދާއިރާތަކުގައި އިންވެސްޓު ކުރުމަށާއި، [އިންވެސްޓުމަންޓުގެ] ފައިދާ ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް މިއީ،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ގިނަ ގައުމުތަކެއްގައި މިފަދަ ޕްލެޓްފޯމުތައް ތަޖުރިބާކޮށްފައިވާ ކަމަށާއި އެއީ މިޒަމާނުގެ ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އިގްތިސާދީ ކުރިއެރުމުގައި މިފަދަ ކަންކަމުގެ އަސަރު ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޕްލެޓްފޯމުގެ މައިގަނޑު މަގްސަދަކީ ކެޕިޓަލް މާކެޓު މެދުވެރިކޮށް އިންވެސްޓު ކުރާ މިންވަރު އިތުރުކުރުމާއި އެކްޓިވް އިންވެސްޓުމަންޓު ގްރޫޕެއް ގާއިމުކުރުން،" ސީއެމްޑީއޭގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާ ވިސާމް ވިދާޅުވި އެވެ.

"ވިޔަނަ" އަކީ ކޮބާ؟

މި މާކެޓުގައި ވިއްކާނީ ޕްރައިވެޓް ޕްލޭސްމަންޓު އޮފަރިންގްސް އެވެ. އެއީ، ހަމައެކަނި އެކްރެޑިޓު ކުރެވިފައިވާ އިންވެސްޓަރުންނަށް ވިއްކުމަށް ޕްރައިވެޓު މާކެޓަށް ނެރޭ ހިއްސާ އެވެ. މީގެކުރިން ރާއްޖޭގައި މިފަދަ ހިއްސާ ގަނެއް ވިއްކުމަށް ޕްލެޓްފޯމެއް އެކުލަވާލާފައި ނުވެ އެވެ.

ހިއްސާ ވިއްކަން ބޭނުންވާ ކުންފުނިތަކާއި އިންވެސްޓަރުންނަށް ވެސް "ވިޔަނަ" ގައި ރެޖިސްޓްރީ ވުމަށް ފަހު މާކެޓުގައި ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެވެ. މިއީ ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އިން ރެގިއުލޭޓުކޮށް ސްޓޮކް އެކްސްޗޭންޖުން މެނޭޖުކުރާ މާކެޓެކެވެ.

އެގޮތުން، ހިއްސާ ވިއްކޭނެ ފަރާތްތަކާއި، ހިއްސާގެ އަގުތަކާއި ގަވާއިދުތަކާ ގުޅޭ އެންމެހާ ކަންކަން ބަލަހައްޓާނީ ސީއެމްޑީއޭ އިންނެވެ. އެ މުއާމަލާތްތައް މެނޭޖުކޮށް އެޑްމިނިސްޓްރޭޓިވް ހުރިހާ ކަމެއް ބަލަހައްޓާނީ ސްޓޮކް އެކްސްޗޭންޖުންނެވެ.

"ވިޔަނަ" ގައި ހިއްސާ ވިއްކޭނީ ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އިންވެސްޓުމަންޓު ފަންޑުތަކުގެ އިތުރުން ސެކިއުރިޓައިޒޭޝަން ސްކީމެއްގެ ދަށުގައިވާ ހާއްސަ ފަރާތްތަކަށެވެ. ހަމައެހެންމެ، ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ވިޔަފާރި ހިންގާތައް އެއް އަހަރު ފުރިހަމަވެ އެއް އަހަރު ދުވަހުގެ އޮޑިޓެޑް ރިޕޯޓުތައް ހުށަހަޅަން ޖެހެ އެވެ.

ރީޓެއިލް އިންވެސްޓަރުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް ވެސް ހިއްސާ ގަނެވޭނެ އެވެ. ރީޓެއިލް އިންވެސްޓަރެއްގެ ގޮތުގައި ބަލާނީ އަހަރެއްގެ މައްޗަށް އާމްދަނީ ތިން ލައްކައަށްވުރެ އިތުރުވާ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނެވެ. އަދި، އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ ގޮތުގައި ބަލާނީ ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ މިފަދަ އިންވެސްޓުމަންޓުތައް ކުރުމަށް ހުއްދަ ލިބިފައިވާ ކުންފުނިތަކާއި އިދާރާތަކަށެވެ.

ހިއްސާ ވިއްކަން ބޭނުންވާ ފަރާތްތަކުން ޕްލޭސްމަންޓު ފީގެ ގޮތުގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ފައިނޭންސްކުރާ ކެޕިޓަލްގެ 10 ޕަސެންޓު ދައްކަން ޖެހެ އެވެ. އަދި، އަހަރީ ލިސްޓިން ފީއެއްގެ ގޮތުގައި ނުވިކި ހުންނަ ހިއްސާގެ 0.05 ޕަސެންޓު ދައްކަން ޖެހެ އެވެ. އޭގެ އިތުރުން, މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ފީ ސްޓްރަކްޗާއާ އެއްގޮތްވާ ގޮތަށް އަހަރީ ޑިޕޮސިޓެއް ވެސް ދައްކަން ޖެހެ އެވެ. ހިއްސާ ގަންނަން ބޭނުންވާ މީހުން އެއްވެސް ފީއެއް ދައްކަން ނުޖެހެ އެވެ.