27 ސެޕްޓެންބަރު 2022 - 18:43 0
މުހައްމަދު އުޝާމް
27 ސެޕްޓެންބަރު 2022 - 18:43 0
ކޮވިޑް19ގެ ރޯގާއަ ފަރުވާ ދިނުމަށް ތައްޔާރުކޮށްފައިވާ ވެކްސިންތައް އިތުރަށް ރާއްޖެއަށް ގެނައުމަށާއި އެ ތަކެތި ގުދަންކޮށް ބެލެހެއްޓުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީީބީ) އިން ހިލޭ އެހީގެ ގޮތުގައި 10 މިިލިއަން ޑޮލަރު ދޫކޮށްފި އެވެ.
އޭޑީބީން ރާއްޖެއަށް ދޫކުރާ އެ ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުގެ ވަގުތެއްގަ އެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުންނާއި ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އެ ގްރާންޓްގެ ތެރެއިން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮވިޑުން އަރައިގަތުމަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް ބޭރުގެ ގައުމުތަކުން މިހާތަނަށް ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ.
މިދިޔަ މަހު އެމެރިކާއިން ފައިޒާއާއި މޮޑާނާ ވެކްސިންގެ 99،450 ޑޯޒް ރާއްޖެއަށް ހަދިޔާކުރިއިރު، އޭގެ ދެ މަހެއްހައި ދުވަސް ކުރިން ހަމަ އެމެރިކާއިން ވަނީ ރާއްޖެއަށް 100,620 ޑޯޒްގެ ފައިޒާ ވެކްސިނާއި، ހަތް މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރު ހަދިޔާކޮށްފަ އެވެ.
ދެހާސްނަވާރަވަނަ އަހަރުގެ ފަހުކޮޅު ފެނި ބާރު ދުވެއްޔެއްގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގަތް އެ ރޯގާއިން ސަލާމަތް ވުމަށް ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ.
އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާއަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.
ކޮވިޑު ވެކްސިނާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ކޮވެކްސް ފެސިލިޓީގެ ފަރާތުން ރާއްޖެއަށް ލިބިފައި ވަނީ ޖުމްލަ 581،770 ޑޯޒެވެ. މިއީ ހިލޭ ލިބިފައިވާ އަދަދެވެ.
ކޮވެކްސް ފެސިލިޓީގެ ބޭރުން ހިލޭ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނީ، 400،000 ޑޯޒެވެ. އެއީ އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒްގެ ސިނޯފާމް ވެކްސިނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment