Advertisement

ލެވަންޑޯސްކީގެ ގޯލުތަކާ އެކު ބާސެލޯނާ އެއް ވަނަ އަށް

18 ސެޕްޓެންބަރު 2022 - 01:17 0

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އެ ޓީމުގެ ގަވީއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ލެވަންޑޯސްކީގެ ގޯލުތަކާ އެކު ބާސެލޯނާ އެއް ވަނަ އަށް

18 ސެޕްޓެންބަރު 2022 - 01:17 0

ބާސެލޯނާ (ސެޕްޓެމްބަރު 17) - ސްޕެނިޝް ލީގުގައި މިރޭ ރޮބަޓް ލެވަންޑޯސްކީގެ ދެ ލަނޑާ އެކު އެލްޗޭ އަތުން 3-0 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބާސެލޯނާ އެއް ވަނަ އަށް އެރީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓް ހޯދައިފަ އެވެ. މާދަމާރޭ ރަށުންބޭރުގައި އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެގެން ރެއާލަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މި ނަތީޖާއާ އެކު ބާސެލޯނާ ލީގުގެ އެއް ވަނަ އަށް އެރުމުން ހިތްހަމަ ޖެހޭ ސަބަބަކީ ދެ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނަމަވެސް ލީގުގެ އެއް ވަނަ މަގާމުގައި އޮވެ "ނިދާލަން" ފުރުސަތެއް ލިބުމުން ކަމަށެވެ.

"އަހަރެމެން މި ދަނީ ރަނގަޅު ޓްރެކުގައިކަން މި އެނގެނީ،" ޒަވީ ބުންޏެވެ.

އެލްޗޭ އިން މިރޭގެ މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 14 ވަނަ މިނިޓްގައި އެލްޗޭގެ ޑިފެންޑަރު، ގޮންޒާލޯ ވާޑޫ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ވާޑޫ އެންމެ ފަހަތުގައި ހުރެފައި، ލެވަންޑޯސްކީ ހުސްކޮށް ގޯލާ ދިމާލަށް ދިޔަ ވަގުތު ފައުލުކުރުމުން އޭނާ އަށް ދެއްކީ ސީދާ ރަތެކެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިިދިން ގޯލު ލެވަންޑޯސްކީ ޖެހީ ފުލްބެކަށް ކުޅުނު 18 އަހަރުގެ އަލެހަންދްރޯ ބާލްޑޭ ނެގި ހުރަހަކަށް ހުސްކޮށް އަރަ އެވެ. އޭގެ ހަ މިނިޓް ފަހުން ބާސެލޯނާ އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން މެމްފިސް ޑިޕާއި އެވެ. ބާލްޑޭ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ޑިޕާއި ވަނީ އެލްޗޭގެ ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު ގޯލުގެ ހުރަސް ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ފަހަރު ލީގުގައި ޑިޕާއިގެ ފުރަަތަމަ ގޯލެވެ.

ބާސެލޯނާގެ ޕެޑްރީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ތިން ވަަނަ ގޯލެއް ޖަހައިދިން ނަމަވެސް އެ ގޯލު ނިންމީ އޮފްސައިޑް ކަމަށެވެ. ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަަނަ މިނިޓްގައި ލެވަންޑޯސްކީ އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ލެވަންޑޯސްކީ ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

މި މެޗުގެ ދެ ގޯލާ އެކު ލެވަންޑޯސްކީ ވަނީ ބާސެލޯނާ ޖޯޒީގައި ކުޅުނު ފުރަތަމަ އަށް މެޗުން 11 ގޯލު ޖަހައިފަ އެވެ.

ސްޕެނިޝް ލީގުގައި މިރޭ މަޔޯކާ ވަނީ 1-0 އިން އަލްމޭރިއާ ބަލިކޮށްފަ އެވެ. އެޑިންސަން ކަވާނީގެ ފުރަތަމަ މެޗުގައި މިރޭ ވެލެންސިއާ އިން ވަނީ 3-0 އިން ސެލްޓަ ވިގޯ ބަލިކޮށްފަ އެވެ.